ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ ގެންދަން ސައުދީ އަރަބިއާގެ އަލް އިއްތިހާދުން ކުރަމުން އަންނަ މަސައްކަތާ ގުޅިގެން މީޑިއާގައި ފެތުރެމުންދަނީ މުޅިން ތެދު ވާހަކަތަކެއް ނޫން ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ބެންޒެމާ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، ރެއާލްއިން ވަނީ އިތުރު އެއް އަހަރު ބެންޒެމާގެ އެއްބަސްވުން އާކުރަން ހުށަހަޅައިފައެވެ. ބެންޒެމާ އެކަމާ ގުޅިގެން މަޝްވަރާ ކުރަމުން އަންނަނިކޮށް، ސައުދީން ބޮޑު މުސާރައިގެ ބިޑެއް ކޮށްފައިވާ އިރު، ނޫސްތައް ބުނެފައިވާ ގޮތުން ބެންޒެމާ މިހާރު ވަނީ އެ ބިޑަށް އެއްބަސްވެފައެވެ.

ގާތްގަނޑަކަށް ސީޒަނަކަށް 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ޖެހޭ ސައުދީ ބިޑު، ބެންޒެމާއަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން ސައުދީގެ އެއްބަސްވުން ގަބޫލުކޮށްފިނަމަ، ބެންޒެމާއަށް ދެ ސީޒަނުން 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އާމްދަނީއެއް ޖެހޭނެއެވެ.

އެ ބިޑަށް ބެންޒެމާ އާއެނގޭ ބުނި ކަމަށް މީޑިއާގައި ވާހަކަތައް ދެކެވެމުން ދިޔަ ނަމަވެސް، އޭނާ ދާދިފަހުން މީޑިއާއަށް ބުނީ "ރެއާލްގެ ސަޕޯޓަރުންނަށް އަލްވަދާއު ކިޔަން ނުޖެހޭނެ ކަމަށާއި، އިންޓަނެޓަކީ މުޅިން ހަގީގަތް ނޫން،" ކަމަށެވެ. ބެންޒެމާ ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރެއާލްއާއެކު ހުރީ އުފަލުން ކަމަށާއި، ހުވަފެނީ ދަތުރު ނިމުނުކަމަށް ދެކެވޭ ވާހަކަތަކަކީ މުޅިން ހަގީގަތެއް ނޫން ކަމަށެވެ.

ރެއާލްގައި ކުރިއަށް އޮތް ސީޒަނުގައިވެސް މަޑުކުރާ ގޮތަށް ހުރި އެންޗެލޮޓީ މިއަދު ވަނީ ބެންޒެމާގެ އެވާހަކަތަކަށް ތާއީދުކޮށް ވާހަކަ ދައްކައިފައެވެ. ބެންޒެމާ ބުނީ ރެއާލްއާއެކު ބެންޒެމާ ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަނަށް ކަމަށާއި، އެ އެއްބަސްވުން ހަމަވަންދެން ބެންޒެމާ ރެއާލްގައި ހުންނާނެކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. އަދި ބެންޒެމާ ބުނިހެން "އިންޓަނެޓަކީ މުޅިން ހަގީގަތް ނޫން،" ކަމަށްވެސް އެންޗެލޮޓީ ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި ފްރާންސްގެ ތަރި ބެންޒެމާ، 2009 ވަނަ އަހަރު ރެއާލްއާ ގުޅުނީ ލިޔޯންއިންނެވެ. އޭގެ ފަހުން ރެއާލް ޖާޒީގައި 438 މެޗު ބެންޒެމާ ކުޅެފައިވާއިރު، އޭނާ ވަނީ ޖުމުލަ 237 ގޯލު ރެއާލްއަށް ޖަހައިދީފައެވެ.

ރެއާލްއާއެކު ބެންޒެމާ ހަތަރު ފަހަރަށް ލީގު ކާމިޔާބުކޮށް، ފަސް ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.