މޮރިޝަންސްއާއި ރާއްޖޭގެ އިން ވަކުކުރުމުގެ މައްސަލާގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ސަރުކާރާ ދެކޮޅު ޕާޓީތަކުން ގުޅިގެން އުފައްދާފައިވާ އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި 'އިންޑިއާ އައުޓް' ބެނާ ދެމުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
'ބާނާ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު'ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެ ޖަލްސާގައި, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ގެންގުޅޭ ސްލޯގަން 'އިންޑިއާ އައުޓް' ޖަހާފައިވާ ބެނާއެއް ދެމީ ޖަލްސާގެ އެންމެ ފަހަތުގައެވެ.
އެ ބެނާ ހިފަހައްޓައިގެން ތިބީ ރަތް ކުލައިން އިންޑިއާ އައުޓް ޖަހާފައިވާ ހުދު ކުލައިގެ ޓީޝާޓް ލައިގެން ތިބި 8 ވަރަކަށް ޒުވާނުންނެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތް އެންމެ ހަރުކަށިކޮށް ކުށްވެރި ކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 'ދަ ޑިމޮކްރެޓްސް' ގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި ރޭގެ ޖަލްސާގައި 'އިންޑިއާ އައުޓް' ބެނާ ދެމުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
އެގޮތުން ބައެއް މީހުން ވަނީ ރައީސް ނަޝީދު ފާޅުގައި 'އިންޑިއާ އައުޓް' ކެމްޕެއިނަށް ތާއީދުކުރައްވަން ފައްޓަވާފައިވާ ކަމަށާއި އެކަން މިހާރު 'އޯކޭ' ވީތޯ ސުވާލު އުފައްދައިފައެވެ. ބައެއް މީހުން ވަނީ އެކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް އަބްދުالله ޔާމީންގެ ތާއީދު ހޯއްދެވުމަށް ރައީސް ނަޝީދު އިސްވެ ހުރެ ކުރެއްވި ކަމެއް ކަމަށް ބުނެފައެވެ.
އަނެއް ބަޔަކު ބުނާ ގޮތުން އިންޑިއާ އައުޓް ބެނާ ދެމީ, ކަނޑު ވިއްކާލި ކަމަށް ބުނެ ގައުމީ ޝިއާރެއް ނެރިގެން ސިޔާސީ މަންފާއެއް ހާސިލުކުރުމަށެވެ.
ނަމަވެސް އެ ފާޑުކިޔުންތަކަށް އިދިކޮޅުން ވަނީ ރައްދުދީ ސަރުކާރުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފައެވެ.
އެގޮތުން ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި, ރޭގެ ޖަލްސާގެ ތެރެއަށް "އިންޑިއާ އައުޓް" ބެނާ ހިފައިގެން ބަޔަކު ވެއްދީ އެމްޑީޕީންނެވެ. އެއީ އެ ޕާޓީން ކުރުވި ފިނޑި އަމަލެއްކަމަށްވެސް ވިދާޅުވިއެވެ.
"ޖަލްސާ ސުލްހަވެރިކަމާއެކު ހިނގަމުން ދަނިކޮށް މިތާގައި ހަމަނުޖެހުން ހިންގުމަށް ސަރުކާރުން ރާވައިގެން އެބަ މީހުން ފޮނުވާ. އެމީހުންގެ އަތުގައި އިންޑިއާ އައުޓް ބެނާއެއް އޮވޭ. ޖަލްސާ ތެރެއަށް ވަދެ ބެނާ ހުޅުވައި ފޮޓޮއެއް ނަގާފަ ދުވެ ބަޗަނީ. ވަރަށް ސިކު އަމަލެއް" ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.