މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސޯޝަލް މީޑިއާއިން ފެންނަމުން ދިޔައީ އެއް މަންޒަރެކެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބޮޑު ބަދަލުގެ އަމަލީ މަސައްކަތް ކުރިއަށްދިޔަ މަންޒަރެކެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ޓަކައި ކުރެވުނު ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ މަންޒަރެކެވެ.
އެމްޑީޕީގެ ޒަމާންވީ، އަދި ވަރަށް "ލޯޔަލް" މެންބަރުންތަކެއް އެ ޕާޓީ ދޫކޮށްލުމަށްފަހު، މަސައްކަތް ފެށީ އާ ޕާޓީއެއް އުފެއްދެމުށެވެ. އާ ޕާޓީ އުފެއްދުމުގެ މަސައްކަތް އެމްޑީޕީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި މުހައްމަދު ޝިފާޒާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ހިމެނޭހެން ފެއްޓެވިއެވެ.
އާ ޕާޓީއެއްގެ އުފެއްދުމުގެ މަސައްކަތް ފަށައި، މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ "ދަ ޑިމޮކްރެޓްސް" ނަމުގައި ޕާޓީ ހަދަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައެވެ. ދެން ފެނިގެންދިޔައީ ސިޔާސީ މަޝްރަހުގައި ވަރަށްވެސް ހަރަކާތްތެރިކޮށް އެ މެންބަރުންނާއި އެ ފިކުރުގެ ފަރާތްތައް ގުޅިގެން މަސައްކަތް ކުރިއަށް ގެންދިޔަ މަންޒަރެވެ.
އީސީން، މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު، އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުން އިސްވެ ތިއްބަވައި، މަސައްކަތް ފެއްޓެވީ، ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދު ހަމަކުރުމަށެވެ. އެއީ 3،000 މެންބަރުންނެވެ. އެ އަދަދު ފަސޭހަ ކަމާއެކު ހަމަކުރެވޭނެ ކަމަށް އެބޭފުޅުންވެސް ގެންދެވީ ވިދާޅުވަމުންނެވެ. އެކަމަށް ޓަކައި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޭޒުތައް ބަހައްޓައި މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ބައެއް މެމްބަރުން ރަށްރަށަށް ވަޑައިގެން ވެސް، މެންބަރުން ހަމަކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންދަވައިފައެވެ.
މިދިޔަ ހަތް ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ މި މަންޒަރުތަކެވެ. ފެނުނު މަންޒަރުތަކުންނާއި ޕާޓީ އުފައްދަން ލީޑުގައި ތިއްބެވި އެ ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތަކުން ގިނަ ބަޔަކު ހީކޮށްގެން ތިބީ މަދުވެގެން 10،000 ފޯމް ހުށަހަޅާނެ ކަމަށެވެ. އެއީ އެންމެ ފުރަތަމަ ޕާޓީ ހަދަން އިއުލާން ކުރި ދުވަހުވެސް ބައެއް މެންބަރުން ވަނީ ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީން ވަކިވެ، އަލަށް އުފައްދާ ޕާޓީއަށް ވަންނަން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އެހެންކަމުން ބައެއް މީހުން އުންމީދު ކުރީވެސް އެ އަދަދު ބޮޑުތަނުން ފެންނާނެ ކަމަށެވެ.
ޕާޓީ އުފައްދަން ބޭނުންވާ ފޯމްުތައް އިއްޔެ ވަނީ އީސީއަށް ހުށަހަޅައިފައެވެ. ޑިމޮކްރެކްޓްސް އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކޮށް ހަ ފޮއްޓާއެކު އިސް ފަރާތްތައް އީސީއަށް އިއްޔެ ވަޑައިގެން، ވަނީ އެ ފޯމުތައް ހުށަހަޅައިފައެވެ. އެހެނަސް ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތާ ހިލާފަށް އީސީއަށް އިއްޔެ ހުށަހެޅީ 3،560 ފޯމެވެ. މިއީ ސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ކިރިޔާ ހަމަވާ މިންވަރެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ވަނީ 24،566 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެއީ 61 ޕަސަންޓެވެ. ރައީސް ނަޝީދަށް 15،641 ވޯޓް ލިބިވަޑައިގެންނެވި އިރު، އެއީ 39 ޕަސަންޓެވެ. އެ އިންތިހާބު ގަޑުބަޑު ކޮށްފައިވާ ކަމަށްބުނެ، ދެން އުފެދިގެން އައީ ފިކުރެއްގެ ދިރުމެވެ.
ނަޝީދުގެ ފިކުރެއްގެ ދިރުން އުފެދިގެން އައި ހިސާބުން އެންމެ ބޮޑަށް ދެކެވިގެން ދިޔަ އެއް ވާހަކައަކީ، އެ ޕާޓީގެ ދަފްތަރު އަލުން ރަނގަޅު ކުރިއިރު، ޕާޓީން ވަކި ކުރި މެންބަރުންގެ ވާހަކައެވެ. އެއީ 39،000 މެންބަރުންނެވެ. ނަޝީދު ސިފަކުރެއްވި ގޮތުގައި އެއީ އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.
އެހެންކަމުން އެ ބޭފުޅުން ހިސާބު ޖެއްސެވީ، 50،000 އެއްހާ މެންބަރުން އަލަށް އުފައްދާ ޕާޓީއަށް ވަންނާނެ ކަމަށެވެ. އެއީ ފިކުރެއްގެ ދިރުން ފެކްޝަން އުފެދިގެން އައި އިރުވެސް އެބޭފުޅުން ވަނީ 50،000 މެންބަރުން އެ ފެކްޝަނަށް ސޮއިކޮށްފައިވާ ކަމަށް ބުނެފައެވެ. އެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށްވެސް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.
އެހެން ނަމަވެސް އިއްޔެ ހުށަހެޅި 3،500 ފޯމާއެކު، ސިޔާސީ ދިރާސާވެރީން މިވަނީ ސުވާލު އުފައްދަން ފަށައިފައެވެ. މި ސައިޒަކީ ނަޝީދަށް އޮތް ތާއީދު ހެއްޔެވެ؟ އެއީ ސިޔާސީ ތަޖުރިބާކާރު ގްރޫޕަކާއެކު ނުވަތަ އީވާ ފާހަގަކުރެއްވި ގޮތަށް "އެމްޑީޕީގެ ދަރިވަރުން"ނަށް ދެއްކެން އޮތް އަދަދު ހެއްޔެވެ؟
"ފެނިގެން ދިޔައީ ވަރުގަދަ ޓީމެއް. މަސައްކަތްތައްވެސް ފެނިގެންދިޔައީ ވަރަށް ބާރަށް ވަރަށް ހަރަކާތްތެރިކަމާއެކު ކުރިއަށް ގެންދިޔަ މަންޒަރު. އެހެންކަމުން އެންމެންވެސް ހީކޮށްގެން ތިބީ ވަރަށް ގިނަ ފޯމް ހުށަހަޅާނެ ކަމަށް. އެ ހައިޕް ވަރަށް ބޮޑަށް ދެއްކި. އެކަމަކު ކިރިޔާ އަދަދު ހަމަކޮށްލައިގެން ހުށަހެޅުމުން މިހާރު މިވަނީ ސުވާލު އުފެދިފަ. އެބުނާ އެންމެ ބޮޑު ޕާޓީއަށް ހަދަން ބޭނުންވާ ވަރަށް މީހުން ލިބޭނެ ހެއްޔޭ؟ ސުވާލަކީ އެބުނާ ބޮޑު ތާއީދު މިހާރު އަސްލުވެސް އެބައޮތް ހެއްޔޭ،" ސިޔާސީ ތަޖުރިބާކާރަކު "ވަން" އަށް ވިދާޅުވިއެވެ.
އެ އަދަދު ބޮޑުތަނުން މަދުވުމާ އެކު ގިނަ ބައެއްގެ ފާޑު ކިޔުންވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ހާއްސަކޮށް އެމްޑީޕީގެ އިސް ފަރާތްތަކާއި އާންމު މެންބަރުންގެ މަލާމާތާއި ފާޑުކިޔުންތައް ވަނީ "ދަ ޑިމޮކްރެޓްސް"ގެ ޓީމަށާއި ރައީސް ނަޝީދަށް އަމާޒުވެފައެވެ.
"އެމްޑީޕީއާ އެކު ނުކުތީމަ ފުރަތަމަ ބުރުންވެސް 95،000 ވޯޓް ނަގާކަން ތާރީހު ހެކިވޭ، އެހެނަސް ފެންނަން އޮތް ހަގީގަތަކީ ވަކިން ނުކުތުމުން އެ އަދަދު ތިންހާސް ފަސްސަތޭކައަށް ވެއްޓިއްޖެއޭ،" ދަ ޑިމޮކްރެޓްސް ހުށަހެޅި ފޯމްތައް މަދުވުމުން އެކަމަށް ފާޑުވިދާޅުވެ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ކުރެއްވި ޓުވީޓްގައިވެއެވެ.
ދަރުބާރުގޭގައި ބޮޑު ރަސްމިއްޔާތެއް ގޮތަށް ކުރިއަށް ގެންދިޔަ ފޯމުތައް ހަވާލުކުރުމުގެ ހަރަކާތަށް ފަހު ދަރުބާރުގޭގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފު ވިދާޅުވި ގޮތުގައި އިއްޔެ ހުށަހެޅި 3560 ފޯމަކީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އަދަދު ހަމަކުރުމަށް ހަފުތާއެއްގެ ތެރޭގައި ކުރި މަސައްކަތުން އެއްކުރެވުނު އަދަދު ކަމަށެވެ. އެއީ ބޭނުންވި އަދަދު ކަމަށެވެ.
"އަޅުގަނޑުމެން ފޯމު މި ހަމަކުރީ މާގިނަ ރަށްތަކަށް ދަތުރުކޮށްގެނެއް ނޫން. އަޅުގަނޑުމެން ޓާގެޓުކުރީ 3،500 ފޯމު ހަމަކުރަން، ވަރަށް ތަފާތު ފޯމެއް މިހާރު ފުރަން ޖެހެނީ ވެސް. ފިންގަޕްރިންޓް ޖެހުމުގެ އިތުރުން ފޮޓޯ ޖަހަން ޖެހޭ. އެ ހުރިހާ ކަމެއް ކޮށްފައި އަޅުގަނޑުމެންގެ އެތެރޭގެ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގާފަ މިއަދު ފޯމު މި ހުށަހެޅީ،" ހަސަން ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ، ވަރަށް ރަނގަޅު، ވަރަށް ބޮޑު ތަރުހީބަކާ އެކު އެ 3،500 ފޯމު ލިބިފައި އެ އޮތީ. މިއީ ޕާޓީ އުފެއްދުމަށް ބައިވެރިވި 3،500. އަޅުގަނޑުމެން ހިންގީ މެމްބަޝިޕް ޑްރައިވެއް ނޫން." ހަސަން ލަތީފު ވިދާޅުވިއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިއީ އަދި ފެށުމެވެ، އަސްލު މަސައްކަތް އޮތީ ކުރިއަށެވެ. އެގޮތުން އީސީން ހުއްދަ ދިނުމާއެކު، ރަށްރަށަށް ދަތުރުކޮށް، ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށާނެއެވެ. ޕާޓީގެ ހަރަކާތްތައް ހަލުވިކަމާއެކު ފަށައި ރިޔާސީ އިންތިހާބުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މެންބަޝިޕް ޑްރައިވެއް ނުބާއްވަން، ރަށްރަށަށް ދަތުރެއް ނުކުރަން، ނަމަވެސް އީސީގައި ޕާޓީ ރަޖިސްޓްރީކޮށް ޖަލްސާ ބާއްވަން ހުއްދަދޭ ހިސާބުން، އަޅުގަނޑުމެންގެ ހަރަކާތްތައް ފަށާނަން، އޭރުން ޕާޓީ ޕްރޮމޯޓް ކުރުމާއި ރިޔާސީ ކެމްޕެއިން ފަށާނަން،" ހަސަން ވިދާޅުވިއެވެ.
މީގެ ކުރިން ފިކުރެއްގެ ދިރުމުން ހިސާބު ޖަހަމުން އައީ ވަރަށް ވެސް ބޮޑެތި އަދަދުންނެވެ. އެގޮތުން ޕާޓީން ކަނޑާލި 39،000 މެންބަރުންނާއި ނަޝީދަށް ޕްރައިމަރީގައި ވޯޓު ދިން 15،000 މެންބަރުންނާ އެކު 50،000 ގެ ހިސާބެއް ޖަހައި، އެ އަދަދު ދެއްކިއެވެ. އަދި ނަޝީދަށް ތާއީދު ކުރާ އެތައް ބަޔަކު އާ ޕާޓީން ފެނިގެންދާނެ ކަމަށް އެބޭފުޅުން ގެންދެވީ މަންޒަރުތަކުން ދައްކަވަމުންނެވެ.
އެހެނަސް ފިކުރެއްގެ ދިރުން ފެކްޝަނުން ކުރިން ޖެހި ހިސާބަށް މިހާރު ބޮޑު ބަދަލެއް ގެނެސް، އެ އަދަދު ވަނީ ދަށްކޮށްފައެވެ. އެގޮތުން މިފަހަރު ހަސަން ދެއްކެވީ ވަރަށްވެސް ކުޑަ އަދަދެކެވެ. އެއީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތަޖުރިބާ ކަމަށްވެސް ވެދާނެއެވެ.
"އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގެ ކެމްޕޭން އަޅުގަނޑުމެން ފަށާނަން. އެއީ އަޅުގަނޑުމެން ދަތުރުކުރާނެ ކެމްޕޭނެއް، އަޅުގަނޑުމެން ޕާޓީއަށް ތާއީދު ހޯދަން މަސައްކަތް ކުރާނެ ކެމްޕޭނެއް، އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ދިހަހާސް މެންބަރުން ހަމަކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ހަސަން ވިދާޅުވިއެވެ.
މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އިއްޔެ ހުށަހެޅި އަދަދާއި މިހާރު ރިޔާސީ އިންތިހާބުގެ ކުރިން އެބޭފުޅުން ޖައްސަވާފައިވާ ހިސާބާ އެކު، އެ ޕާޓީ ވާދަވެރި ވެދާނެ ހެއްޔެވެ؟ ނަޝީދުގެ "ފިކުރު" ދިރުވިދާނެ ހެއްޔެވެ؟
"މިހާރު އެ ޖައްސަވާ ހިސާބަކީ ހަގީގީ އަދަދު ކަމަށް ބެލެވެނީ. އެބޭފުޅުންނަށް ހީކުރެއްވުނު ގޮތާ އި ހިލާފަށް ނަޝީދަށް އަހަރުތަކެއް ކުރީން އޮތް ތާއީދެއް މިހާރަކު ނެތް. އެހެންވެ ކިރިޔާ 3000 ވެސް ހަމަވީ. އެމްޑީޕީއާ ވާދަކުރެވޭނެ ވަރުގެ ޕާޓީއެއް ކަމަކަށް ނުބެލެވޭ. ކުރީގެ ރައީސް މައުމޫނަށް ޖެހިވަޑައިގެންނެވި ފަދަ ހާލަތެއް އަލުން ފެނިދާނެ،" އެމްޑީޕީގެ އިސް މެންބަރަކު "ވަން" އަށް ވިދާޅުވިއެވެ.
މިއާއި ހިޔާލުތަފާތު މީހުންވެސް މަދެއް ނޫނެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ހުށަހެޅި އަދަދަކީ މިވަގުތަށް "ޖަސްޓިފައިޑް" އަދަދެކެވެ. ކުރު މުއްދަތެއްގައި އެވަރުގެ އަދަދެއް ހޯދައި ހުށަހެޅުމަކީ ކާމިޔާބެކެވެ. އެއީ ނަޝީދަށް އޮތް ތާއީދުގެ ހަގީގަތް ހާމަކޮށްދިން ކަމެކެވެ. އަދަދު މަދު ނޫން ކަމަށް ގަބޫލު ކުރެއެވެ. ހަފުތާއެއްގެ ތެރޭގައި 3000 ހަމަވުމަކީ ރެކޯޑެއް ކަމަށް އެމީހުން ބުނެއެވެ.
"ގިނަ ޕާޓީތަކުން މި މަރުހަލާގައި ހުންނާނީ އެވަރަށް ހުށަހަޅާފައި. މާ ގިނަ އަދަދެއްގެ ފޯމެއް ހުށައެއް ނާޅާނެ. އެހެންކަމުން މިހާ ކުރު މުއްދަތެއްގައި މިހާ ބޮޑު އަދަދެއް ހޯދުމަކީ އަސްލު ކާމިޔާބެއް. ކުރިއަށް އޮތް ތަނުގައި އަސްލު ސައިޒު ފެންނާނެ. ސިޔާސީ މަޝްރަހަށް ބޮޑު ބަދަލެއް އަންނާނެ. ނަޝީދަށް އޮތް ތާއީދު މެންބަރުންގެ އަދަދުން ދައްކާނެ،" ދަ ޑިމޮކްރެޓްސް އުފެއްދުމުގެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ.
ގާނޫނުގައި ބުނާ އަދަދަށް ދަ ޑިމޮކްރެޓްސް އުފައްދަން މިވަނީ ފޯމު ހުށަހަޅައިފައެވެ. ޖެހި ހިސާބުތައް ތަފާތެވެ. ފެނުނު އަދަދުތައްވެސް ތަފާތެވެ. އެހެންކަމުން މިހާރު އޮތް އެންމެ ބޮޑު އެއް ސުވާލަކީ އެބުނާ އަސްލު ސައިޒު ފެނިދާނެ ހެއްޔެވެ؟ އެބުނާ ޗެލެންޖެ ދެވިދާނެ ހެއްޔެވެ؟ އެބޭފުޅުން ސިފަކުރައްވާ ގޮތުގައި މިއީ އަދި ފެށުމެވެ. ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އަސްލު ސައިޒު ރިޔާސީ އިންތިހާބުން ރަނގަޅަށް ދައްކާލާނެއެވެ. އެކަމަށް އެ ޓީމު އޮތީ ތައްޔާރަށެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް