Close
ޕީއެސްޖީ

ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް ކޯޗުކަން ކޮށްދެވުމަކީ ޝަރަފެއް: ގަލްޓިއޭ

ޕީއެސްޖީ ޖާޒީގައި ލިއޮނަލް މެސީ ކުޅޭނެ ފަހު މެޗަކީ އަންނަ ހޮނިހިރު ދުވަހު ލީގުގައި ކްލަމޮންޓާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި، ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް ކޯޗުކަން ކޮށްދެވުމަކީ ލިބުނު ޝަރަފެއް ކަމަށް ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފިއެވެ.

އުމުރުން 35 އަހަރުގެ މެސީ، ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން ކޯޗު ގަލްޓިއޭ މިއަދުގެ ޕްރެސްގައި ވަނީ ކަށަވަރު ކޮށްދީފައެވެ. 2021 ވަނަ އަހަރު ބާސެލޯނާއިން ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއާ ގުޅުނު މެސީ، މި ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމާފައިވާ އިރު، އޭނާ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާއެއްގައެވެ. އެއީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާތީއެވެ.

"ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް ކޯޗުކަންކޮށްދިނުމަކީ އަހަންނަށް ލިބުނު ޝަރަފެއް. މެސީ ޕީއެސްޖީއަށް ކުޅޭ އެންމެ ފަހު މެޗަކަށް ވެގެންދާނީ މިއަހަރުގެ ލީގުގައި ހޮނިހިރު ދުވަހު ކުޅޭ މެޗު. އަހަރެން އުންމީދުކުރަން ސަޕޯޓަރުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ އަލްވަދާއެއް ދޭނެކަމަށް،" ގަލްޓިއޭ ބުންޏެވެ.

މެސީ ޕީއެސްޖީއާއެކު ހޭދަކުރި ދެ ސީޒަނުގައި 74 މެޗު ކުޅެ، 32 ގޯލު ޖަހައި 35 އެސިސްޓް ފުރިހަމަ ކޮށްފައިވާ އިރު، އޭނާއަށް މި ސީޒަނުގައި ޕީއެސްޖީގެ ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތަކާ ކުރިމަތިވިއެވެ. އެކަމުގެ އެއް ސަބަބަކަށްވީ އެ ކްލަބާއެކު މެސީއަށް ޗެމްޕިއަންސް ލީގު ނުހޯދުމެވެ.

މެސީގެ ކުރިމަގަށް ނިންމާ ނިންމުމަކަށް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އިރު، އިތުބާރު ނޫސްވެރިޔާ ގުއިލެމް ބްލާގު ބުނީ މެސީ ދިއުން އެންމެ ގާތީ ސައުދީ އަރަބިއާގެ ލީގަށް، ނޫނީ އެމެރިކާ ލީގަށް ކަމަށެވެ. ބާސާއިން މެސީ ގެންދަން އުޅުނު ނަމަވެސް، އެ ކްލަބަށް އެކަން ނުވާނެ ކަމަށް ގުއިލެމް ބުނެފައިވާ އިރު، މެސީއަށް އެންމެ ވަރުގަދަ ހުށަހެޅުމެއް ހުށަހަޅާފައި އޮތީ ސައުދީގެ އަލް-ހިލާލުންނެވެ.

ގުއިލެމް ބުނީ ސައުދީ ސަރުކާރުންވެސް މެސީއަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެ ޑީލަކީ މިހާރު މެސީގެ ޓީމަށް އެންމެ ކަމުދާ ޑީލް ކަމަށްވެސް ގުއިލެމް ބުންޏެވެ.