Close
ޗެލްސީ

މައުންޓާއެކު ޔުނައިޓެޑް އެއްބަސްވުމަކަށް، ސިޓީން ކޮވަސިޗާ ވާހަކަ ދައްކަނީ

ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓާއެކު މެންޗެސްޓާ ޔުނައިޓެޑުން އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީއަށް ނިމިގެން ދިޔައީ ދަށް ސީޒަނެކެވެ. އެޓީމުން ބޮޑެތި ހަރަދުތަކަކާއެކު އާ ސީޒަނަށް ތައްޔާރުވި ނަމަވެސް، ސީޒަން ނިންމާލަން ޖެހުނީ ހުސް އަތާއެވެ. އަދި ހާއްސަކޮށް ލީގުގެ ދަށް ފޯމާއެކު ޗެލްސީން މިފަހަރު ނިންމާލީ ތާވަލުގެ 11 ވަނައިގައެވެ. އެ ނަތީޖާއާއެކު އާ ވެރިންނަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައިވާ އިރު، އަންނަ ސީޒަނަށް ސަކޮޑު އޯވާހޯލް ކުރުމުގެ މަސައްކަތް މިހާރުވެސް ވަނީ ފަށައިފައެވެ.

ޗެލްސީން ކޯޗަކަށް މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައި، އޭނާގެ އިރުޝާދުގެ ދަށުން ސްކޮޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ އިރު، މިޑްފީލްޑަރު މައުންޓާއި މަޓެއޯ ކޮވަސިޗްވެސް ފޮނުވާލަން މަސައްކަތް ކުރާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ. މައުންޓް ހޯދަން އާސެނަލާއި ލިވަޕޫލުގެ އިތުރުން ޔުނައިޓެޑުން މަސައްކަތް ކޮށްފައިވާ އިރު، އިތުބާރު ނޫސްތަކުން ބުނީ މައުންޓް ޔުނައިޓެޑުގެ ހުށަހެޅުމަށް އަނގަބަހުން އާނއެކޭ ބުނެފައިވާ ކަމަށެވެ.

މައުންޓް، 24 ޔުނައިޓެޑަށް ދާން އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، މިދިޔަ ސީޒަނުގައިވެސް ޗެލްސީން މާ ބޮޑަށް އޭނާގެ ބޭނުންކޮށްފައެއް ނުވެއެވެ. ހާއްސަކޮށް އަނިޔާގެ ސަބަބުން މައުންޓަށް ގިނަ މެޗުތަކެއް ގެއްލުނުކަން ފާހަގަވެފައިވެއެވެ. މައުންޓަކީ ޗެލްސީގެ އެކަޑެމީގެ ތެރެއިން ސީނިއާ ޓީމަށް އަރައި، ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.

ލޯނު އެއްބަސްވުން ހަމަވެފައިވާ ޖާއޯ ފެލިކްސްވެސް އަލުން އެތުލެޓިކޯ މެޑްރިޑަށް ފޮނުވާލާފައިވާ އިރު، ޗެލްސީން ވަނީ މެންޗެސްޓާ ސިޓީއަށް ކޮވަސިޗާ ވާހަކަތައް ކުރިއަށް ގެންދިއުމަށް ހުއްދަވެސް ދީފައެވެ.

ޗެލްސީގެ މިޑްފީލްޑުން މިހާރުވެސް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ކޮވަސިޗް ހޯދުމަށް ސިޓީގެ އިތުރުން ބަޔާން މިއުނިކުންވެސް މަސައްކަތް ކުރަމުން އަންނަ އިރު، ގޮތް ނިންމުން އޮތީ އޭނާގެ އަތް މަތީގައި ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ހާއްސަކޮށް ކުޑަ އަގަކަށް ކޮވަސިޗް ވިއްކާލަންވެސް ޗެލްސީ ފަހަތަށް ނުޖެހޭނެ ކަމަށް ނޫސްތައް ބުނެއެވެ.