Close
ސާފް 2023

2008ގެ ރަން ހަނދާން: ކޯޗު ޔަންކޭގެ ތަފާތާއި އޭރުގެ ޓީމުން ނަގަން ޖެހޭ ފިލާވަޅުތައް!

މުޙައްމަދު ޝަމްޢޫން

ސްރީ ލަންކާގައި 2008 ވަނަ އަހަރު އުފުލައިލި ސާފް ޗެމްޕިއަންޝިޕް ތަށްޓަކީ ދިވެހީންނަށް ފުޓުބޯޅައިގައި ލިބުނު އެންމެ ބޮޑު އުފަލެވެ. ގައުމުގެ ތާރީހުގައިވެސް ފުޓުބޯޅައިން ގެނެސްދިން އެންމެ ބޮޑު މަންޒަރެވެ. ހަނދާނުން ނުފޮހެވޭނެ އުފާވެރިކަމުގެ އިހުސާސްތަކެކެވެ. ފުޓުބޯޅައިގައި ކުރަމުންދިޔަ އުންމީދަކަށް ފޮނިމީރުކަން ލިބުނު ލިބުމެކެވެ. އެކަން ގައުމު ބަލައިގަތީ އަދި މާބޮޑަށްވެސް ތަފާތު ރޫހެއްގައެވެ. 2008 ވަނަ އަހަރުގެ ސާފް ތަށްޓާއެކު ގައުމީ ޓީމު ހުޅުލޭ އެއާޕޯޓަށް ފޭބުމާއެކު ރަތް ކުލައިން މުޅި ގައުމު ޖަރީވިއެވެ. ފުރަމާލެ އެކަންޏެއް ނޫނެވެ. އަތޮޅު ތެރެއިންވެސް ގައުމީ ޖޯޝު، ގައުމީ ރޫހު ދައްކުވާލިއެވެ. ފުޓުބޯޅައިން މުޅި ގައުމު އެއްކޮށްލި ދުވަހަކީ އެއީއެވެ. އެ ހަނދާނެއް އަދިވެސް ނުނެތޭނެއެވެ. މިއަހަރުގެ ސާފަށް މަހަކަށްވުރެ ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި، އަލުން އެވާހަކަ ދައްކަން ޖެހެނީވެސް އެހެންވެއެވެ. އެ ތަށީގެ ފަހަތުން ކޮށްފައިވާ ބައެއް ކަންކަމަށް ނަޒަރު ހިންގައިގެން ނޫނީ މިއަދުގެ ފުޓުބޯޅަ މާހައުލަށް އުންމީދެއް ހޯދެން ނެތީތީއެވެ.

އާނއެކެވެ. މިއަދު އޮތީ އޭރު އޮތް ފުޓުބޯޅަ މާހައުލެއް ނޫނެވެ. ތަށްޓަށް ކުރެވޭ އުންމީދުވެސް ހަގީގަތުގައި ކުޑައެވެ. އެއީ ފުޓުބޯޅައިގެ ހާލަތުން ކަންއޮތް ގޮތެވެ. އެހެން ނަމަވެސް، ގައުމީ ލޭ ހިނގާ ކޮންމެ ދިވެއްސަކު، އަދިވެސް ސާފްގެ ތަށި ބޭނުމެވެ. 2018 ވަނަ އަހަރު އަލުން ތަށި ހޯދައި، އަނެއްކާވެސް އެކަން ތަކުރާރުކުރަން ބޭނުމެވެ. މިއަށްވުރެ އުހަށް ދިވެހި ފުޓުބޯޅަ ގެންދަން ވިސްނަން ޖެހިފައިވާ މި ހާލަތުގައިވެސް، ގައުމީ އުފަލަކަށް އަދިވެސް ސާފް ޗެމްޕިއަންޝިޕް މުހިއްމެވެ. އެ މުބާރާތަށް މިހާރު އޮތީ ފަސޭހަ މަގެއް ނޫންނަމަވެސް، 2008 އަކާއި 2018 ގެ ތަޖުރިބާއިން، ގައުމީ ޖޯޝެއް އުފައްދަން ޖެހެއެވެ. ވަރުގަދަ ޓީމުތަކެއް ސާފަށް އިތުރުވެފައި އޮތް މިފަހަރުގެ މުބާރާތަށްވެސް އުންމީދު އޮތީ ތަށްޓަށެވެ. އެކަން ދޫކޮށްނުލައި ހިތްވަރު ކުރަން އޮތީ ޗެލެންޖިން މަގެއް ނަމަވެސް، އެއީ ނުވާނެ ކަމެއްވެސް ނޫނެވެ.

"އުންމީދަކީ ރާއްޖެއިން ތަށި ހޯދުން. ސާފް ޗެމްޕިއަންޝިޕަކީ އެއްގޮތަކަށްވެސް ތައްޔާރު ނުވެ، ދޫކޮށްލެވޭނެ މުބާރާތެއް ނޫން. ޗެލެންޖުތައް އެބަހުރި. އެކަމަކުވެސް އަޅުގަނޑުމެންގެ އޮތް ޒުވާން ޓީމުގައި މުބާރާތް ކާމިޔާބުކުރުމަށް ފެންވަރާއި ހިތްވަރު އެބަހުރި. ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން ބޭނުންވަނީ ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުންކަން،" މިފަހަރުގެ މުބާރާތަށް ކުރާ އުންމީދާ ގުޅޭ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވިއެވެ.

އެ އުންމީދު ހާސިލުކުރުމަށް ކުރިން މުބާރާތަށްވީ ތައްޔާރީގެ ހަނދާން އާކޮށްލުންވެސް އެއީ މިހާރުގެ ޓީމުގެ ޖޯޝަށް ކުރެވޭނެ މުހިއްމު ކަމެއްކަމަށް ދެކެވެއެވެ. ހާއްސަކޮށް 2008 ވަނަ އަހަރު ނުކުތް ލެޖެންޑަރީ ޓީމުން ސާފަށް އުންމީދުކުރަން ފެށި ހިސާބާއި، އޭރުގެ ކޯޗު ޖޯސެފް ޔަންކޭ ބޭނުންކުރި އުކުޅުތަކަކީ ތަފާތު ތަޖުރިބާއެކެވެ. އަދި އެއީ ދިވެހީން މުބާރާތް ހޯދުމަށް ލިބުނު އެންމެ ބޮޑު ހިތްވަރުވެސް މެއެވެ.

ޔަންކޭއަށް ރާއްޖޭ ފުޓުބޯޅަ ރަނގަޅަށް އެނގުމަކީ ފައިދާއެއް: 10 ވަރަކަށް މަސް ކުރިން ޓާގެޓް ކަނޑައެޅި

ބަނގްލަދޭޝްގައި 2003 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށްވެސް ރާއްޖެ ގެންގޮސްދިން ޔަންކޭއަކީ ޓެކްޓިކަލީވެސް މޮޅު ކޯޗެވެ. ސްލޮވާކިއާއަށް އުފަން ޔަންކޭ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުރި ތަޖުރިބާއަކީ އޭނާގެ އަލަތު ތަޖުރިބާއެއްވެސް ނޫނެވެ. 2001 ވަނަ އަހަރުން 2003 ވަނަ އަހަރަށް ފުރަތަމަ ފަހަރަށް ޔަންކޭ ރާއްޖޭގެ ކޯޗުކަމުގައި މަސައްކަތް ކޮށް، 2008 ވަނަ އަހަރު ސާފަށް ދިޔައީ ދެވަނަ ބުރަކަށް ޓީމާ ހަވާލުވެގެންނެވެ. އޭނާއަށް ކުރިމަތިވީ އެންމެ ފަސޭހަ މާހައުލެއް ނޫން ނަމަވެސް، ގެންގުޅުނު އުކުޅުތަކެއް ހުއްޓެވެ. ކާމިޔާބީއާ ހަމައަށް ނުކުންނަން ކުޅުންތެރިންގެ އިތުބާރު އޭނާ ހޯދިއެވެ. ގޮތެއްގައި ހުންނަ، މިޒާޖުގައި ބަސް މަދުވެސް ކޯޗެކެވެ. އޭރު ގައުމީ ޓީމުގައި އެންމެ ސީނިއާކޮށް ކުޅުނު އެއް ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ)ގެ ނަޒަރުގައިވެސް ޔަންކޭއާއެކު ކުރި މަސައްކަތް ތަފާތެވެ.

"10 މަސް، 12 މަސް ކުރިންވެސް ޔަންކޭ ކުޅުންތެރިން ކައިރީ ސާފް ޗެމްޕިއަންޝިޕްގެ ޓާގެޓަކީ ތަށިކަމަށް ބުނި. އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށް ޓީމު ނުކުތްއިރުވެސް ބުނަމުންދިޔަ މިފަހަރުގެ ޓާގެޓަކީ އޭޝިއަން ކަޕެއްވެސް ނޫނޭ، ހަމަ ސާފް ޗެމްޕިއަންޝިޕޭ. އެހެންވީމަ ޔަންކޭ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވި. އަނެއްކާ ގައުމީ ޓީމުގައި ޔަންކޭ ބޭނުންކުރަމުން އައި ކުޅުންތެރިން ބަދަލުނުވެ، މުބާރާތާ ހަމައަށް ޓީމު ހިފަހައްޓަމުންދިޔަ. އަދި ހާއްސަކޮށް ލީގުގެ ކަންކަންވެސް ދިޔައީ ބަލަމުން،" ސޮބާ "ވަން" އަށް ބުންޏެވެ.

ޔަންކޭއަކީ ހަރުކަށިވެސް ކޯޗެކެވެ. އުސޫލު ތަކަކާއި ހަމަތަކެއް ގެންގުޅުނު، ނިކަން ބަސް ވަރުގަދަ ކޯޗެކެވެ. ތަމްރީނުތަކުގައިވެސް ސާފުކޮށް ބުނަމުންދިޔައީ ޓީމަށް ކުޅޭނީ އޭނާގެ ވިސްނުން ގަބޫލުކުރާ ކުޅުންތެރިން ކަމަށެވެ. މޫނެއް ކަނދުރާއަކަށް ނުބަލައި ހަމަހަމަ އުސޫލެއް ގައުމީ ޓީމުގައި ހިފެހެއްޓިވެސް ކޯޗެކެވެ.

"ހަމަހަމަ އުސޫލެއް ކޯޗުގެ އޮންނާނީ. އޭނާ ބޭނުންވާ ގޮތަކަށޭ ކަންކަން ކުރާނީ ކޯޗު ބުނާނެ. ވަކި ކުޅުންތެރިއެއްވެގެން ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަނެއްކާ ކުޅުންތެރިންގެ ޑިސިޕްލިންނަށް އާދަޔާހިލާފަށް ބަލާނެ. އެކަން އެނގޭތާ، ކްލަބު ޕްރެކްޓިސްތަކަށް ޔަންކޭ ބެލި ގޮތުންވެސް. ޔަންކޭ ކްލަބުތައް ފަރިތަކުރާ ގަޑީ ޓާފް ދަނޑަށް ދާނެ. ހުރިހާ ޓީމެއް ވަކިވަކިން ބަލާނެ. އެ ބަލާފަ ކުޅުންތެރިޔަކު ފަރިތަކުރުމަށް ނުދާނަމަ، ސާންތި ކޯޗުމެން، މޯހަން ކޯޗުމެން ލައްވާ އެ ކުޅުންތެރިޔަކަށް ގުޅާނެ. ފަރުވާކުޑަކޮށްފިނަމަ ޓީމުން ބޭރުވީ. އެހެންވީމަ މުޅި ޓީމަށް ޑިސިޕްލިން ވާން މަޖުބޫރު،" ޔަންކޭގެ ހަނދާންތައް އާކުރަމުން ސޮބާ ކިޔައިދެމުން ބުންޏެވެ.

ޔަންކޭ ގައުމީ ޓީމާ ހަވާލުވީ ފަސޭހަ ހާލަތެއްގައި ނޫންނަމަވެސް، އޭނާ "ޓީމުގެ ފުލް ކޮންޓްރޯލް ހޯދި"އެވެ. ޔަންކޭގެ މިޒާޖުގެ ގޮތުން، "ޖެހިލުންވާފަދަ" މާހައުލެއް އޭނާ ގާއިމުކުރިއެވެ. ޔަންކޭގެ ނަޒަރުގައި ޓީމަކަށް ކާމިޔާބު ހޯދުމަށް ދަނޑު ބޭރުގެ އުކުޅުތައް މުހިއްމެވެ. ހަމަ އެކަންކަމާ އެއްވަރަށް ޔަންކޭގެ ޓެކްޓިކްސްއަކީ ވެސް އޭރުގެ ކުޅުންތެރިންނަށް ތަފާތަކަށް ވިއެވެ. މެޗުތަކަށް އިދިކޮޅު ޓީމު ދަސްކުރުމުގެ އާދަޔާހިލާފު ހުނަރެއް ޔަންކޭގެ ކިބައިން ފެނިގެންދިޔަ ކަމަށް ސޮބާވެސް ފާހަގަކޮށްފައިވާ އިރު، އެއީ އެފަހަރު ސާފަށް އެންމެ މުހިއްމުވި "ކެރެކްޓާ" އެވެ.

ސަޕޯޓަރުންގެ ފޯރި އަދިވެސް ހޯދޭނެ: ނުކުރާ މަސައްކަތެއްގެ ނަތީޖާ ނުލިބޭނެ ކަމަށް ވިސްނައި "ކުރަންވީ ބުރަ މަސައްކަތް"

"ހުނަރު އެބަހުއްޓެވެ." މިއީ ރާއްޖޭގެ ފުޓުބޯޅަ ބަލައި، ދިރާސާކުރާ ކޮންމެ ކޯޗަކުވެސް ބުނާ ބަހެކެވެ. ބިދޭސީ ކޮންމެ ޓީމެއްވެސް ރާއްޖެ އައިސް ބުނާ ފުރަތަމަ ބުނުމަކަށް
މިހާރުވެފައި އޮންނަނީ މި ވާހަކައެވެ. ދެން އޮތީ އެ ހުނަރުގެ ބޭނުންކުރުމެވެ. އެ ހުނަރުގެ ބޭނުންކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ދިވެހި ފުޓުބޯޅައިގައި އޭރު އޮތް މާހައުލާއި މިހާރު އޮތް މާހައުލު ހާސްބައި ތަފާތުވުން އެއީ މިހާރުގެ ޓީމަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ. 2008 ވަނަ އަހަރު ސާފް ތަށްޓަށް ގައުމީ ޓީމު ނުކުތް އިރު، ލީގު ވާދަވެރިއެވެ. ސެމީ ޕްރޮފެޝަނަލްއަށްވުރެ ޕްރެފެޝަނަލް ކުޅުންތެރިން ގިނައެވެ. ކްލަބުތަކުގައި ތިބީ ގިނައިން ތަޖުރިބާކާރު ބޭރު ކޯޗުންނެވެ. އެހެންކަމުން މާހައުލު ބަދަލުވުމުން ކުޅުންތެރިންނަށް އަންނަ ޗެލެންޖް ބޮޑެވެ. އެ ޗެލެންޖާ ކުރިމަތިލާން އަމިއްލައަށްވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް 2008 ވަނަ އަހަރު ރަން މެޑަލް އެޅި ޑިފެންޑަރު ސޮބާ ބުންޏެވެ.

"އޭރާއި މިހާރުގެ ހާލަތު ވަރަށް ތަފާތު. ލީގަށް ބަލައިލިޔަސް، އަދި ފުޓުބޯޅައިގެ މާހައުލަށް ބަލައިލިއަސް ތަފާތުތަކެއް އެބަހުރި. އޭރު ފުޓުބޯޅައަށް ހުސްވެގެން ތިބި ކުޅުންތެރިން ގައުމީ ޓީމުގައި ގިނަ. އެހެންވީމަ ތަފާތެއް އަންނާނެ. ދެން އުފައްދަން ޖެހޭ ސުވާލަކީ އަމިއްލައަކަށް ކުރާ މަސައްކަތަށް އަހަން ޖެހޭ ސުވާލެއް. ކުޅުންތެރިން ޖެހޭ އަމިއްލައަށްވެސް މެންޓާލިޓީ މުބާރާތަށް ބައްޓަން ކުރަން. އެކަން މިހާރުން ފެށިގެންވެސް ކުރަންވީ. އަދި ހަނދާންކުރަން ޖެހޭނެ، ނުކުރާ މަސައްކަތެއްގެ ނަތީޖާއެއް ނުލިބޭނެކަން. ކުވައިތާއި ލުބުނާން ކަހަލަ ޓީމުތައް ކައިރީ ނަތީޖާ ނެރުމަށް ކުރަން ޖެހޭ މަސައްކަތް ކުރެވޭތޯ އަމިއްލައަށް ސުވާލުކޮށް، އެކަމަށް މަސައްކަތް ކުރަން ޖެހޭ. ވިސްނުން އެކަމަށް ބައްޓަންކުރަން ޖެހޭ. ނުކުރާ މަސައްކަތަކަށް އުންމީދެއްވެސް ނުކުރެވޭނެ. ތަށި ހޯދޭނީ ތަށްޓަށް ކުރެވޭ މަސައްކަތަކުން އެކަނި،" ސޮބާ ބުންޏެވެ.

ގައުމީ ޓީމުން ބުރަކޮށް ތަމްރީނުތައް ކުރަމުން އަންނައިރު، މިއީ ޗެލެންޖިން ސާފަކަށް ވާނެއެވެ. ރާއްޖެއަށްވުރެ މަތީ ފަންތީން ފުޓުބޯޅައިގައި ގުނާލެވޭ އިންޑިއާއާއި ލުބުނާނުގެ އިތުރުން ކުވައިތުވެސް މުބާރާތުގައި ވާދަކުރަން އޮތް އިރު، މިއީ މެންޓަލީ ތައްޔާރުވާން ޖެހޭނެ މުބާރާތަކަށް ވާނެއެވެ. ގައުމީ ޖޯޝު ގެންނަން ސަޕޯޓަރުން ބޭނުންވެސްވެއެވެ. ސޮބާގެ ނަޒަރުގައި ޔަންކޭ 2008 ވަނަ އަހަރު ސަޕޯޓަރުންގެ ކަންތަކުގައި ދިން ނަސޭހަތްވެސް މުހިއްމެވެ.

"ޔަންކޭ ބުނާނެ، ފާންސް، އެއީ އޭނާގެ ބަހުރުވައިން ފޭންސް... ކެޗްކުރަން ކުރަން ޖެހޭނެކަމަކީ ހިތްހަމަ ޖެހޭ ކުޅުމެއް ދެއްކުމޭ. އެކަން ކުރުން ނޫން ގޮތެއް ނޯންނާނެއޭ. ފުޓުބޯޅައިގައި އެ މަންޒަރު ފެންނާނެ. އެ ކުޅުން ޓީމުން ދައްކައިފިއްޔާ އަދިވެސް ދިވެހި ސަޕޯޓަރުން ހިތްވަރާއެކު ނުކުންނާނީ. އެކަން ކުރަން އަޒުމު ކަނޑައަޅަންވީ،" ސޮބާ މިހާރުގެ ޓީމަށް ދޭ ނަސޭހަތެއްގެ ގޮތުގައި ބުންޏެވެ.