ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރީ، އޭނާ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށްގެން ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ)ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއްޖެ ނަމަ، އެ މައްސަލައަށް މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންވާނެ ކަމަށެވެ. އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވާ ކަމަށެވެ.
މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުން ވިދާޅުވަނީ އެ މާއްދާގައި ލިޔުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބުނެފައި އެ ވަނީ، މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވާއިރު، އެކަމާބެހޭ ކިތާބީ ހެއްކާއި ޑޮކިއުމެންޓްރީ އެވިޑެންސް ހުށަހެޅުމަށް ކަމަށެވެ. އޭގެ މާނައަކީ މަޖިލީހަށް ވަޑައިނުގެން ލިޔުމުން ޖަވާބު ދެއްވުން ނޫން ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ލިޔުމުން ޖަވާބުދާރީވުމާއި މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމަކީ ވަޒީރު ބޭނުންވާ ހިނދެއްގައި ބޭނުންކުރައްވަން އޮތް ފުރުސަތެއް ކަމަށާއި އޭގެން ކޮންމެ ހައްގެއްވެސް ވަޒީރަކު ބޭނުންވެއްޖެ ހިނދެއްގައި ދޫކޮށްލެވިދާނެ ކަމަށެވެ. އެގޮތުން އޭޖީ ލިޔުމުން ޖަވާބު ފޮނުއްވާފައިވަނީ ހާޒިރުވެވަޑައިގަތުމަށް ލިބިވަޑައިގެންފައިވާ ފުރުސަތު ބޭނުން ކުރައްވަން ބޭނުން ނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލާގައި ހިޔާލުތަފާތުވުން ބޮޑުވެގެން، މަޖިލިސް ރައީސް ވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާ ވާހަކަދައްކަވައިގެންވެސް ގޮތެއް ނުފެނުުމުން، އެ މައްސަލަ ކުރިއަށް ގެންދިއުން ފަސްކޮށް، އެކަމާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިވަޑައިގަތުމަށް ނިންމަވައިފައެވެ.
އެކަމާ ގުޅިގެން މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު މަގާމުން އޭރު ވަކިކުރީ މަޖިލީހަށް ހާޒިރު ނުވެ، ލިޔުމުން ޖަވާބު ފޮނުވާފައި އޮއްވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނިންމީ މަޖިލީހުން ކަންކުރީ ރަނގަޅަށް ކަމަށް ކަމަށް ވިދާޅުވިއެވެ.
"އެ އޮތީ ސުޕްރީމް ކޯޓުގެ ލަފާ ލިބިފަނޫންތޯ؟،" ނަޝީދަށް ރައްދުދެއްވައި މޫސަ ކުރެއްވި ޓުވީޓުގައިވެއެވެ.