ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް އާދަޔާޚިލާފު ނަތީޖާތަކަކުން ފުރިގެންވާ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ދެ ގައުމަކީ ސަރަހައްދުގެ އެންމެ ބައިބޯ ބިޔަ ގައުމާއި އެންމެ ބައިމަދު ކުޑަ ގައުމެވެ. އިންޑިޔާ އާއި ދިވެހިރާއްޖެއެވެ. މިހާތަނަށް ޖުމްލަ ތޭރަ މުބާރާތް ބޭއްވިފައިވާއިރު އިންޑިޔާ އާއި ނޭޕާލާއި ސްރީލަންކާއަކީ ހުރިހާ ފަހަރަކުވެސް ވާދަކޮށްފައިވާ ގައުމުތަކެވެ. އެންމެ ފުރަތަމަ ދެ މުބާރާތުގައި ދިވެހިރާއްޖެއިން ވާދައެއް ނުކުރެއެވެ. އެއީ 1993 ވަނަ އަހަރާއި 1995 ވަނަ އަހަރެވެ. ރާއްޖެއިން އެންމެ ފުރަތަމަވެސް ވާދަކުރީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވުނު މުބާރާތުގައެވެ. އެހެންވީމާ ރާއްޖެއަށް މިހާތަނަށް ވާދަކުރެވިފައިވަނީ އެގާރަ މުބާރާތުގައެވެ. އިންޑިޔާ އާއި ނޭޕާލާއި ސްރީލަންކާއިން ތޭރަ މުބާރާތުގައި ވާދަކޮށްފައިވެއެވެ.
ބަންގްލަދޭޝް ވަނީ ބާރަ މުބާރާތުގައި ވާދަކޮށްފައެވެ. ޕާކިސްތާނުން ވާދަކޮށްފައިވަނީ ދިވެހިރާއްޖެއާ އެއްވަރަކަށް އެގާރަ ފަހަރުއެވެ. ބޫޓާނުން ޖުމްލަ އަށްފަހަރުއެވެ. އަފްޣާނިސްތާނަކީ ތަންކޮޅެއްފަހުން 2005 ވަނަ އަހަރު ސާފުގައި ބައިވެރިވި ގައުމެކެވެ. ޖުމްލަ ހަތް މުބާރާތުގައި ވާދަކޮށް އެންމެފަހު ތިން ފަހަރުގެ ތެރެއިން ދެފަހަރު ރަނައަޕްކަން ހޯދައި އެއްފަހަރު ތަށި ނެގުމަށްފަހު 2015 ވަނަ އަހަރު އަފްޣާނިސްތާނު ވަނީ ސާފުން ވަކިވެފައެވެ. އަފްޣާނިސްތާނުގެ ފުރަތަމަ ހަތަރު ތަޖުރިބާ އެހާ ރަނގަޅެއް ނޫނެވެ. އެ ހަތަރުފަހަރުވެސް ކެޓީ ގްރޫޕް ފިޔަވަހިންނެވެ. އަފްޣާނިސްތާނަކީ މިހާރު މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ޖަމިއްޔާގެ މެންބަރެކެވެ. އަފްޣާނިސްތާނު ވަކިވީމާ އަނެއްކާވެސް ސާފް އާއިލާ ވަނީ ހަތް ގައުމަށް ކުޑަވެފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި އެންމެ ކާމިޔާބު ގައުމަކީ އިންޑިޔާއެވެ. މިހާތަނަށް ޖުމްލަ 8 ފަހަރު ތަށި ހޯދާފައިވެއެވެ. ހަތަރުފަހަރު ރަނައަޕްކަން ހޯދައި އެއްފަހަރު ތިންވަނަ ހޯދާފައިވެއެވެ. މުޅި ޖުމްލަ 57 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން 37 މެޗުން މޮޅުވެފައިވެއެވެ. އެއްވަރުވެފައިވަނީ 12 މެޗެވެ. ބަލިވެފައިވަނީ 8 މެޗުންނެވެ. ޖުމްލަ 100 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 36 ގޯލެވެ. ދިވެހިރާއްޖެ ވަނީ ދެފަހަރަކު ޗެމްޕިއަންކަން ހޯދައި ތިންފަހަރު ރަނައަޕްކަން ހޯދައި އެއްފަހަރު ތިންވަނަ ހޯދައިފައެވެ. ޖުމްލަ 47 މެޗު ކުޅެ 24 މެޗުން މޮޅުވެފައިވެއެވެ. އެއްވަރުވެގެން ނިމިފައިވަނީ 11 މެޗެވެ. ބަލިވެފައިވަނީ 12 މެޗުންނެވެ. ޖުމްލަ 95 ގޯލް ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 48 ގޯލެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ސަތޭކަ ގޯލް ހަމަކޮށްފައިވާ ހަމައެކަނި ޓީމަކީ އިންޑިޔާއެވެ. ސަތޭކަ ގޯލް ހަމަކުރުމަށްޓަކައި ދިވެހިރާއްޖެއަށް ބޭނުންވަނީ އެންމެ ފަސް ގޯލެވެ. ބެންގަލޫރުގައި މިފަހަރު ދިވެހިރާއްޖެއިން އެއަދަދު ހަމަކޮށް ސާފް ޗެމްޕިއަންޝިޕުގެ ސަތޭކަ ގޯލް ކުލަބްގައި ހިމެނޭނެކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. ގޯލް ޖެހުމުގައި އިންޑިޔާ އާއި ދިވެހިރާއްޖެއަށްވުރެ އެހެން ގައުމުތައް ތިބީ މާބޮޑަށްވެސް ފަހަތުގައެވެ. ލިސްޓުގެ ތިންވަނާގައިވާ ނޭޕާލަށް ޖެހިފައިވަނީ ޖުމްލަ 43 މެޗުން 49 ގޯލެވެ. ސްރީލަންކާއަށް 41 މެޗުން 48 ގޯލެވެ. ބަންގްލަދޭޝްއަށް 42 މެޗުން 46 ގޯލެވެ. ޕާކިސްތާނަށް 36 މެޗުން 32 ގޯލެވެ. ބޫޓާނަށް 24 މެޗުން 13 ގޯލެވެ. އަފްޣާނިސްތާނަށް 27 މެޗުން 48 ގޯލެވެ.
ގޯލްޖެހުމުގައި އެވަރެޖްކޮށް އެންމެ ތޫނުފިލި ފޯވާޑުން ފެނިފައިވަނީ ދިވެހިރާއްޖެއިން ކަމަށްވެދާނެއެވެ. އެހެންނަމަވެސް ގޯލް ދިފާއުކުރުމުގައި ދިވެހި ޑިފެންޑަރުން އެހާ ތޫނުފިލިކަމަކަށް ތަފާސްހިސާބުތަކުން ނުދައްކައެވެ. ދިވެހިރާއްޖެ ހިމެނެނީ ބައިކޮޅަށް އެންމެ ގިނަ ގޯލް ވަދެފައިވާ ހަތަރު ގައުމުގެ ތެރޭގައެވެ. ދިވެހިރާއްޖެ ކޮޅަށް ޖުމްލަ 48 ގޯލް ވަދެފައިވެއެވެ. މިފަހަރު ބެންގަލޫރުގައި އިތުރު ދެގޯލް ވަދެއްޖެނަމަ ފަންސާސް ގޯލް ފަހަނަޅައި ދިޔައީއެވެ. ސާފްގެ ރިކޯޑްތަކަށް ބަލާއިރު އެންމެ ގިނައިން ގޯލް ވަދެފައިވަނީ ބޫޓާން ކޮޅަށެވެ. އެއީ 93 ގޯލެވެ. ސްރީލަންކާ ކޮޅަށް 65 ގޯލް ވަދެފައިވާއިރު ނޭޕާލް ކޮޅަށް 63 ގޯލް ވަދެފައިވެއެވެ. ބަންގްލަދޭޝް އާއި ޕާކިސްތާނު ކޮޅަށް 42 ގޯލެވެ. އަފްޣާނިސްތާނު ކޮޅަށްވެސް 42 ގޯލެވެ. އިންޑިޔާ ކޮޅަށް 36 ގޯލެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ދިހަ ގޯލް ނުވަތަ އެއަށްވުރެ ގިނައިން ގޯލް ޖަހާފައިވާ ކުޅުންތެރިންގެ އަދަދު ފަހެކެވެ. އެއީ ދިވެހިރާއްޖޭގެ ތިން ކުޅުންތެރިޔަކާއި އިންޑިޔާގެ ދެ ކުޅުންތެރިއެކެވެ. އިންޑިޔާގެ ސުނިލް ޗެތުރީ ވަނީ ޖުމްލަ 18 ގޯލް ޖަހައިފައެވެ. ދިވެހިރާއްޖޭގެ އަލީ އަޝްފާގު ޖަހާފައިވަނީ ޖުމްލަ ތޭރަ ގޯލެވެ. އިންޑިޔާގެ ބައިޗުން ބުޓިއާ ބާރަ ގޯލް ޖަހާފައިވާއިރު ދިވެހިރާއްޖޭގެ އިބްރާހިމް ފަޒީލް، އޮއްޕޮ އާއި އަހުމަދު ތާރިގު، ޓޮމް ވަނީ މީހަކު ދިހަ ގޯލް ޖަހައިފައެވެ. އެއް މުބާރާތެއްގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރިކޯޑު އޮތީވެސް ދިވެއްސަކަށެވެ. އަލީ އަޝްފާގު ވަނީ 2013 ވަނަ އަހަރުގެ މުބާރާތުގައި ދިހަ ގޯލް ޖަހައިފައެވެ. މަތީގައި ދެންނެވުނު ދިވެހި ކުޅުންތެރިންގެ އިތުރަށް މުހައްމަދު ވިލްދާނަކީވެސް ސާފްގެ ޓޮޕް ސްކޯރަރ ކަން 1999 ވަނަ އަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.