އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވާ އިރު، މި ހަފުތާގެ ތެރޭގައި ކުރިމަގާމެދު ގޮތެއް ނިންމަން މެސީ ބޭނުންވާ ކަމަށް ނޫސްތައް ބުނެފިއެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ އުމުރުން 35 އަހަރުގެ މެސީ، ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެ ނިންމުން މިދިޔަ އޭޕްރީލް މަހު ކްލަބަށްވެސް އަންގާފައިވާ ކަމަށެވެ. އެ ހަބަރުތަކާއެކު މެސީގެ ޓްރާންސްފާ ވާހަކަތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުމުން މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖު މެސީ ވަނީ އެކަމަށް ރައްދުވެސް ދީފައެވެ.
މެސީގެ ބައްޕަ އެފަހަރު ބުނީ ސީޒަނުގެ ނިޔަލަށް މެސީގެ ޓްރާންސްފާތަކުގެ ވާހަކަ ނުދައްކާނެ ކަމަށާއި، މެސީ ކުރިމަގަށް ވިސްނާނީ ސީޒަން ނިމުމުން ކަމަށެވެ. ފްރާންސްގެ ސީޒަން މިދިޔަ ހަފުތާ ނިމިފައިވާ އިރު، ހަބަރުތައް ބުނާ ގޮތުން މެސީ މި ހަފުތާ ތެރޭގައި ކުރިމަގަށް ގޮތެއް ނިންމަން ބޭނުންވެއެވެ.
މެސީ ގޮތެއް ނިންމަން ބަލާއިރު، އޭނާ ގެންދަން އެންމެ ބޭނުންވެގެން މަސައްކަތް ކުރާ ކުރީގެ ކްލަބު ބާސެލޯނާއަށް އަދިވެސް ރަސްމީ ބިޑެއް ކުރެވޭ ގޮތެއް އޮތީ ނުވެފައެވެ. އެއީ ފައިނޭންޝިއަލް ފެއާ ޕްލޭގެ މައްސަލަތަކުގެ ސަބަބުންނެވެ. ބާސާގެ ފައިސާގެ ހާލަތު އަދިވެސް ގޯސްކޮށް އޮތް އިރު، މެސީއަށް ބިޑް ކުރަން އެޓީމުން މަސައްކަތް ކުރަނީ ލަލީގާއަށް ހުށަހަޅާ ޕްލޭނަށް އާނބަސް ހޯދައިގެންނެވެ.
އެކަމަށް އަދި ވަގުތު ބޭނުންވާ އިރު، މެސީއަށް ދެން އޮތް ހުށަހެޅުމަކީ ސައުދީގެ އަލް ހިލާލްގެ ބޮޑު ހުށަހެޅުމެވެ. ސައުދީގެ އަލް ހިލާލުން އަހަރެއްގެ މައްޗަށް 400 މިލިއަން ޕައުންޑް ޖެހޭ އެއްބަސްވުމެއް މެސީއަށް ހުށަހަޅާފައިވާ އިރު، މެސީއަށް ކޮމާޝަލީ ބޮޑެތި ފައިދާތަކެއް ކުރާނެ ގޮތަށް އަލް ހިލާލުން ހުށަހަޅާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ