ކްލަބުގައި އިތުރަށް މަޑުކުރުމާ މެދު ހެރީ މެގުއާ އަމިއްލައަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފިއެވެ.
އުމުރުން 30 އަހަރުގެ އިންގްލެންޑް ޑިފެންޑަރު ހެރީ މެގުއާއަށް ޔުނައިޓެޑާ އެކު މިހާތަނަށް ހޭދަކުރަން ޖެހިފައިވަނީ އުނދަގޫ ދުވަސްތަކެކެވެ. އޭނާއަކީ ޓީމުގެ ކެޕްޓަން ނަމަވެސް، މިދިޔަ ސީޒަނުގައިވެސް ކުޅުނީ އެންމެ 16 މެޗުގައެވެ. ފޯމު ދަށްކޮށް މެގުއާ ފެނިގެންދާ އިރު، އޭނާގެ ބަދަލުގައި ޓެން ހާގު ބޭނުންކުރަމުންދާ ދެ ސެންޓަ ބެކުންނަކީ ރަފޭލް ވަރާން އާއި ލިސާންޑްރޯ މާޓިނޭޒެވެ.
"އެއްވެސް މީހަކު ހިތްހަމައެއް ނުޖެހޭ މެގުއާގެ ހާލަތާ މެދަކު. މެގުއާ އަމިއްލައަށްވެސް ހުންނަނީ ހިތްހަމަ ނުޖެހިފައި. މެގުއާއަކީ އަބަދުވެސް 100 ޕަސެންޓް ތަމްރީނުކުރާ ކުޅުންތެރިއެއް. ބުރަކޮށް މަސައްކަތް ކުރާވެސް ކުޅުންތެރިއެއް،" ޓެން ހާގު ބުންޏެވެ.
ޓެން ހާގު ބުނީ މެގުއާ ހާލަތާމެދު ހިތްހަމަ ނުޖެހިފައި ހުންނަ ނަމަވެސް، އޭނާ އަބަދުވެސް ޕްރޮފެޝަނަލްކޮށް ކަންކަން ހެންޑަލް ކުރާނެ ކަމަށާއި ކެޕްޓަނެއްގެ ހައިސިއްޔަތުން ޓީމަށް މެގުއާ މުހިއްމުވެސް ކަމަށެވެ.
"މެގުއާއަށް ޓީމުން ފުރުސަތު ހޯދަން އޮތީ އުނދަގޫ މަގެއް. އެއީ ފޯމުގައި ތިބި ރަނގަޅު ދެ ޑިފެންޑަރުން ތިބުމާވެސް އެކު. އަހަރެން އުފާކުރަން މެގުއާ ޓީމުގައި ހުރުމުންވެސް. އަދި ބޭނުންވާ ވަގުތު މެގުއާ އޭނާ ކުރަން ޖެހޭ ކަންކަން ކުރަންވެސް ކުރާނެ. އެހެންވިޔަސް، މެގުއާ އަމިއްލައަށް ކުރިމަގާމެދު ގޮތެއް ނިންމަން ޖެހޭ،" ޓެން ހާގު ބުންޏެވެ.
މެގުއާ ފޯމު ދަށްކޮށް ކްލަބުގައި ފެނުނު ނަމަވެސް އޭނާ ވަނީ އެންމެފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގައި އިންގްލެންޑް ކުޅުނު ހުރިހާ މެޗެއްގައިވެސް ފުރަތަމަ 11 ގައި ކުޅެފައެވެ. އަދި ކުރިއަށް އޮތް ޔޫރޯ ކޮލިފިކޭޝަން މެޗުތަކަށްވެސް ކޯޗު ގެރެތު ސައުތުގޭޓް ވަނީ މެގުއާ ސްކޮޑަށް ނަގައިފައެވެ. އެހެން ނަމަވެސް ސައުތުގޭޓް ވަނީ މެގުއާއަށް ކްލަބު މެޗުތައް ނުލިބޭތީ ކަންބޮޑުވާ ކަމަށް ބުނެފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް