މިއަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މަސައްކަތްކުރެވޭނެ ކަމަށް، ގޯތީގެ ވެރިފަރާތާއެކު އަނގަބުން އެއްބަސްވުމެއް ވެފައިވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ މައި ހަރުގެ ހިންގަމުން ދިޔައީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ޝަފިއްޔާ ޒުބެއިރުގެ ގޯތީގައެވެ. އެމްޑީޕީއަށް ހަރުގެ ހިންގަން ދީފައިވާ މުއްދަތު ހަމަވުމުން އެތަން ހުސްކުރަން ޝަފިއްޔާ، އެމްޑީޕީއަށް އެންގުމުން އެމްޑީޕީން ވަނީ އެތަން ހުސްނުކޮށް މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލައިގެ އަމުރު އައިސްފައިވަނީ އެމްޑީޕީއާ ދެކޮޅަށެވެ. އެހެންވެ ޝަފިއްޔާ މިއަދު ވަނީ އެމްޑީޕީ ހަރުގެ ހުސްކުރުމުގެ މަސައްކަތް ފަށައިފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޕާޓީގެ ހަރުގެއަށް ތަޅު ހަލާކުކޮށްލައިގެން ވަދެ މުދާތަކަށް ގެއްލުންދީ، ހަރުގެ ހިސޯރުކުރިކުރުން ކުށްވެރިކުރާ ކަމަށެވެ. އެ ހަރުގެއަކީ ގޯތީގެ ވެރިފަރާތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކަމުން އަންނަ ތަނެއް ކަމަށް އެމްޑީޕީން ބުންޏެވެ.

"ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި މި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް ވަނީ އެއްބަސްވެވިފައެވެ. ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި، އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ..،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ގޯތީގެ ވެރިފަރާތުގައިވެސް އެދިފައިވާ ފަދައިން އެ ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި މަހުގެ 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

އެ ޕާޓިއަކީ އަބަދުވެސް ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެއް ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމަށް އެމްޑީޕީން ބުންޏެވެ.

"އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެ،" އެމްޑީޕީން ބުންޏެވެ.

ހަރުގޭގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ޝަފިއްޔާ ބުނީ އެތަން ހުސްކުރަން އަންގައި އެމްޑީޕީއަށް މާޗު މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުވުމުން، އޭގެ ޖަވާބުގައި އެމްޑީޕީން ބުނެފައިވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެތަނުގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށްވުމުން އިތުރަށް ހަރުގޭގައި މަޑު ނުކުރެވޭނެކަން އެންގި ކަމަށް ޝަފިއްޔާ ބުންޏެވެ.

އެމްޑީޕީއަށް ގޯތި ކުއްޔަށް ދޫކުރީ އެ ޕާޓީން ސިޔާސީ ހަރަކާތް ހިންގަން މާލޭގައި އެއްވާނެ ތަނެއް ނެތިފައި ވަނިކޮށް ކަމަށް ޝަފިއްޔާ ވިދާޅުވިއެވެ.

"މިތާ ތިއްބަވަން ބޭނުންވަނީ ކީއްކުރަންތޯ ދެންނެވުމުން އެ ބޭފުޅުން (އެމްޑީޕީ) އިން ބުނީ ތިމަންނަމެންނަށް ތަނެއް ނުލިބިގެންނޭ. ތަނެއް ނުލިބެނީ އެ ކީއްވެގެންތޯ އެހުމުން ބުނީ ތަންތަން އަގުބޮޑުކަމުންނޭ. ކިހާވަރަކަށްތޯއޭ ހުރީ ތަންތަން އެހުމުން ބުނީ 150،000 އާއި 200،000، 180،000 އަށް ކަމަށް. އެކަމަކު މިވީ 2018 އިން ފެށިގެން މިތަނުގެ (ހަރުގެ) ކުއްޔަކީ 60،000. މިއީ ބޮޑު މަގެއްގައި ހުރި ގޯއްޗެއް. 3،600 އަކަފޫޓުގެ ބިމުގެ ކުލި އަހަރަކު އެންމެ ފަހަރުވެސް އަޅުގަނޑުމެން ބޮޑު ނުކުރަން. އެއީ ފަސް އަހަރު. މިތަނުގެ ކުޑަ ކުއްޔަކަށް ހުންނަވަން އެބޭފުޅުން އެދިވަޑައިގަތީ،" ޝަފިއްޔާ ބުންޏެވެ.

ޝަފިއްޔާ ބުނީ އޭނާގެ ގޯތި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު ވިޔަފާރިވެރިއަކަށް 60،000 ރުފިޔާއަށް ވުރެ ބޮޑުކޮށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. އަދި އޭނާ ގޯތި ކުއްޔަށް ދޫކުރީ ވިޔަފާރި ބޭނުމަށް ކަމަށާއި އެތަން އެއްވެސް ސިޔާސީ ޕާޓީއަކަށް ކުއްޔަށް ދޫކޮށްފައިނުވާނެ ކަމަށް ބުންޏެވެ.