ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓާގެޓަކީ މުބާރާތުގެ ތަށި ހޯދުން ކަމަށާއި އެކަމަށް އުންމީދު ދޫކޮށްނުލާނެ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވެއްޖެއެވެ.
ޖަވާ އެހެން ވިދާޅުވީ ރޭ ސޯޝަލް ސެންޓަރުގައި މިނިސްޓަރު އަހުމަދު މަހުލޫފް ބޭއްވި ހާއްސަ ފަރިއްކޮޅެއްގައި ވާހަކަދައްކަވަމުންނެވެ. ރޭގެ ފަރިއްކޮޅަކީ ޖޫނިއާ ޓީޓީ ޓީމާއި ޖޫނިއާ ހޭންޑް ބޯޅަ ޓީމުތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން ކާވާ މުބާރާތުގައި ކުޅުނު އަންހެން ވޮލީ ޓީމާއި ސާފަށް ތައްޔާރުވާ ފުޓުބޯޅަ ޓީމާއި ރާއްޖޭގައި ކުރިއަށް އޮތް ބާސްކެޓް މުބާރާތަށް ތައްޔާރުވާ ޓީމަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު ބޭއްވި ހާއްސަ ފަރިއްކޮޅެކެވެ.
ފަރިއްކޮޅުގައި އެސޯސިއޭޝަންތަކުން ވާހަކަ ދައްކާފައިވާ އިރު، އެފްއޭއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޖަވާ ވިދާޅުވީ، ސާފަށް ދާނީ ތަށި ހޯދަން ކަމަށާއި އެ ހިތްވަރާއި ބުންވަރު ކުޅުންތެރިން ކިބައިގައި އެބަހުރި ކަމަށެވެ.
"އުންމީދަކީ ރާއްޖެއިން ތަށި ހޯދުން. ސާފް ޗެމްޕިއަންޝިޕަކީ އެއްގޮތަކަށްވެސް ތައްޔާރުނުވެ، ދޫކޮށްލެވޭނެ މުބާރާތެއް ނޫން. ޗެލެންޖުތައް އެބަހުރި. އެކަމަކުވެސް އަޅުގަނޑުމެންގެ އޮތް ޒުވާން ޓީމުގައި ފެންވަރާއި ހިތްވަރު އެބަހުރި މުބާރާތް ކާމިޔާބުކުރުމަށް. ހުރިހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން،" ޖަވާ ވިދާޅުވިއެވެ.
ގައުމީ ޓީމުން ސާފަށް ސްކޮޑު އިއުލާނުކޮށް ފަރިތަކުރަމުންދާ އިރު، އިތުރު ތައްޔާރީތަކަށް ޖަޕާނަށް ފުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ޖަޕާނުން ދެން ޓީމު ދާނީ ސީދާ އިންޑިއާގެ ބެންގަލޫރަށެވެ، މިފަހަރުގެ މުބާރާތް ބެންގަލޫރުގައި ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.
ރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ޖަވާ ވަނީ މިނިސްޓްރީން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވައިފައެވެ. އެގޮތުން ޓީމު ފުރުމުގެ ކުރިން އެއްކޮށް ބައްދަލުވެ، ގައުމީ ޓީމުތަކަށް އެކުގައި ފަރިއްކޮޅެއް އެރުވީތީ އުފާކުރާ ކަމަށްވެސް ޖަވާ ފާހަގަކުރެއްވިއެވެ.
ރޭގެ ހަފުލާގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ ފުޓުބޯޅައިގެ ފޯރިއަށްޓަކައި ޓީމުން މެޑަލްއެއް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ފުޓުބޯޅައިގެ އޮތް ފޯރި، ޖޯޝު ބަދަލުކުރުމަށް އެބަޖެހޭ ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން. މިފަހަރު ގޮސް ދޭތިން އެކައްޗަށް އެބަޖެހޭ ޖައްސަން. ފެނާންޑޯ ބުނާހެން އަތުންނާއި މެއިންވެސް ފައިންވެސް ގޯލު ވައްދާލާށޭ. ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕުން މެޑަލްއެއް ގެނެސް ދިނުމަކީ ވަރަށް ބޮޑު އެދުމެއް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފު ރޭ ވަނީ ރާއްޖޭގެ ފުޓުބޯޅައަށް ކުރެވިގެންދާ ބައެއް މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވައިފައެވެ. އެގޮތުން ދަނޑުތައް ގިނަވުމަކީ ދިގު މުއްދަތެއްގައި ފައިދާ ކުރާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ފުޓުބޯޅަ ކުރިއެރުވުމަށްވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. މިހާރު ރަށެއްގެ މަތިން ހުރަސްކޮށްލާ އިރު، ފެނިގެންދާނީ ރަށްރަށުގެ ބޮޑެތި ދަނޑުތައް. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މި ނިންމަނީ 50 ވަނަ ދަނޑު. މިހާރު މަސައްކަތް ކުރަމުންދާ ދަނޑުތަކާއެކު 120 އަށްވުރެ ގިނަ ވެގެން އެބަދޭ ޖުމުލަ އަދަދު. މިއީ މުސްތަގުބަލުގައި އާ ޓެލެންޓްތަކެއް އުފެދިގެންދާނެ ކަމެއް،" މަހްލޫފް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ރާއްޖެ ވާދަކުރާ ގްރޫޕަކީ ގްރޫޕް ބީއެވެ. އެ ގްރޫޕްގައި ލުބުނާނާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާނެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023