އިންޑިޔާގެ ބެންގަލޫރުގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މިފަހަރު ބާއްވަން ނިންމުމުގެ ސަބަބަކީ ކޮބައިބާވައެވެ؟ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކޮށް އެކަމަށް ހުށައެޅީ ސްރީލަންކާއިންނެވެ. މިކަމަށްއެދި ސްރީލަންކާއިން ރަސްމީކޮށް ހުށައެޅީ 17 އޮކްޓޫބަރު 2021 ގައި ދިވެހިރާއްޖޭގައި ބޭއްވި ސާފް އެގްޒެކަޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ. މެންބަރު އެހެން ގައުމުތަކުންވެސް މިކަމަށް ރުހޭބަސް ދީގެން ތިއްބައި ދެން ދިމާވީ މާދެރަގޮތެކެވެ. ދުނިޔޭގެ ފުޓްބޯޅަޔާބެހޭ މައި އިދާރާކަމަށްވާ ފީފާއިން 21 ޖެނުއަރީ 2023 ގައި ސްރީލަންކާ ސަސްޕެންޑްކުރީއެވެ. މިފިޔަވަޅާ ގުޅިގެން ސްރީލަންކާގައި މުބާރާތް ބޭއްވޭގޮތް ނުވުން އެކަންޏެއް ނޫނެވެ. މުބާރާތުގައި ބައިވެރިވުން ނުވަތަ ވާދަކުރުމުގެ ފުރުސަތުވެސް މުޅިން ގެއްލުނީއެވެ.
މުބާރާތް ބޭއްވުމުގެ ކަންކަމުން ސްރީލަންކާ ޑިސްކޮލިފައިވީމާ ދެން ސާފުގެ މެންބަރު ގައުމުތަކުގެ ތެރެއިން މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ފާޅުކުރީ ނޭޕާލުންނެވެ. ނޭޕާލުން އެކަމަށް އެދިފައިވާކަމަށް ސާފުގެ ސެކްރެޓަރީ ޖެނެރަލް އަންވަރުލް ހައްގު ހިލާލު ވެސް ވިދާޅުވިއެވެ. މުބާރާތް ބޭއްވުމަށް އެދި ހުށައެޅުމުގެ ސުންގަޑި 29 ޖެނުއަރީ 2023 ގައި ހަމަވިއިރު ނޭޕާލް ނޫން އެހެން ބަޔަކު އެކަށް އެދިފައިނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެކަމަކު ދެންވީގޮތެއް ނޭނގުނެވެ. ބަހުރޭނުގެ ވެރިރަށް މަނާމާގައި ފެބްރުއަރީ އެއްވަނަ ދުވަހު ބޭއްވުނު އޭއެފްސީ ކޮންގްރެސްގެ ހަވާސާގައި ސާފް މެންބަރު ގައުމުތައް އެއްތަންވެލައިފައި ފެބްރުއަރީ ސާދައިގައި އިއުލާންކުރީ ސާފް ޗެމްޕިއަންޝިޕް މިފަހަރު ބާއްވާނީ އިންޑިޔާގައި ކަމަށެވެ.
މުބާރާތް ބާއްވާނީ އިންޑިޔާގައި ކަމަށް ސާފް ފެޑެރޭޝަނުން ނިންމިޔަސް އިންޑިޔާގެ ވަކި ސިޓީއެއް ނުނިންމައެވެ. ސިޓީއަކާއި ސްޓޭޑިއަމް ކަނޑައެޅުން ހަވާލުކުރީ އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނާއެވެ. އެ އިދާރާއިން ގޮތެއް ނިންމައި އިއުލާންކުރަން އެންމެ ފުރަތަމަ ހަމަޖެއްސީ 10 މާރޗް 2023 ގައެވެ. އެންމެންވެސް ހީކުރީ މިފަހަރުގެ މުބާރާތް ބާއްވާނީ ކަލްކަތާގައި ކަމަށެވެ. ކަލްކަތާއަކީ އިންޑިޔާގެ ފުޓްބޯޅައިގެ އެންމެ މުހިންމު ސިޓީކަމަށްވުމުންނެވެ. އެކަމަށް ކަލްކަތާގެ ރައްޔިތުންވެސް އެދިގެންތިބި މިންވަރު ބޮޑުކަމުންނެވެ. އެކަމަކު މާޗް 19 ވަނަ ދުވަހު އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނުން އިއުލާންކުރީ މިފަހަރުގެ މުބާރާތް ބާއްވާނީ ބެންގަލޫރުގައި ކަމަށެވެ. މި ނިންމުން ވެގެންދިޔައީ ވަރަށް ގިނަ ބަޔަކު ހައިރާންވާން ޖެހުނު ނިންމުމަކަށެވެ.
ކަލްކަތާއަކީ ބެންގަލޫރަށްވުރެ މާބޮޑަށްވެސް ފުޓްބޯޅައިގެ ސިޓީއެކެވެ. ސާފުގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލަށް ދަތުރު ކުރުވެފައި ބޮޑަށް ފަސޭހަވާނީވެސް ކަލްކަތާއެވެ. ސާފުގެ ގައުމުތަކުގެ ތެރެއިން ބެންގަލޫރު ފަސޭހަވާނީ ދިވެހިރާއްޖެއާއި ޕާކިސްތާނަށެވެ. ގަބޫލުކުރެވިފައިވާ ގޮތުން އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނުން ބެންގަލޫރު އިޚުތިޔާރުކުރީ މައިގަނޑު ދެކަމަކަށް ބަލައިގެންނެވެ. އެއްކަމަކީ އިންޑިޔާ ޓީމަށް އެޑްވާންޓޭޖް އެންމެބޮޑުވާނެ ގޮތެވެ. ދެވަނަކަމަކީ އަރަބިކަރައިން ދެ ޓީމެއް ގެނައުމަށް ޚިޔާލުކުރާތީ އެމީހުންގެ ދަތުރު ކުރުވާނެ ގޮތެކެވެ. ކަލްކަތާގައި މުބާރާތް ކުޅެފިއްޔާ ބަންގްލަދޭޝްއަށް އަމިއްލަ ގައުމުގައި ކުޅުންފަދައެވެ. ނޭޕާލާއި ބޫޓާނަށްވެސް ހަމަ އެހެންނެވެ. ބެންގަލޫރުގައި އިންޑިޔާ ނޫންބަޔަކަށް މާބޮޑު އެޑްވާންޓޭޖެއް ނެތެވެ.
މުޅިއަކުން އެހެނެއްވެސް ނޫނެވެ. ދިވެހިރާއްޖެއަށް އެޑްވާންޓޭޖް އެބައޮތެވެ. ބެންގަލޫރަކީ ކަލްކަތާއަށްވުރެ ހުރިހާ ގޮތަކުންވެސް ދިވެހިރާއްޖެއާ ކައިރީގައިވާ ސިޓީއެކެވެ. ދުރުމިނަކީ އެންމެ އެއްހާސް ކިލޯމީޓަރެވެ. މާލެއާއި ބެންގަލޫރާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު އޮވެއެވެ. ހަފުތާއަކު އެވަރެޖްކޮށް ތޭރަ ފްލައިޓް ބެންގަލޫރާއި މާލެއާ ދެމެދު ސީދާ ދަތުރުކުރެއެވެ. ދިވެހިންގެ ތެރެއިން ވަރަށް ގިނަބަޔަކު ބެންގަލޫރުގައި ދިރިއުޅެއެވެ. ބޭސްފަރުވާގެ ކަންކަމާއި ކިޔެވުމުގެ ކަންކަމުގައެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިޔާގެ އެއްސިޓީއަކީވެސް ބެންގަލޫރެވެ. މިހެންކަމުން ދިވެހިން އެންމެ ފަރިތަ އެއްސިޓީއަކީވެސް އެއީއެވެ. ބެންގަލޫރުގެ ވައިފެނަށް ދިވެހިން ތިބީ ހޭނިފައެވެ. ގަޔާވެސްވެފައެވެ. މިއީ ކިތަންމެހައިވެސް ބޮޑު އެޑްވާންޓޭޖެކެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީން ބެންގަލޫރަށް ކުރަންޖެހޭ ދަތުރާއި ކަލްކަތާއިން ބެންގަލޫރަށް ކުރަންޖެހޭ ދަތުރަށްވުރެވެސް މާލެއިން ބެންގަލޫރަށް ކުރަންޖެހޭ ދަތުރު ކުރެވެ. ބޮމްބޭ އާއި ބެންގަލޫރުގެ ދުރުމިނާއި މާލެއާއި ބެންގަލޫރުގެ ދުރުމިން ދާދިއެއްވަރެވެ. އެހެންވީމާ ދިވެހިންނަށް މިކަން އެޑްވާންޓޭޖަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ބެންގަލޫރަކީ ޗެންނާއީ ނަގާފައި އިންޑިޔާގެ ދެކުނު ބިތުގެ އެންމެ އާބާދީ ބޮޑު ސިޓީއެވެ. ގާތްގަޑަކަށް އެގާރަ މިލިޔަން މީހުން ދިރިއުޅެއެވެ. މުޅި އިންޑިޔާއަށް ބަލާއިރު އެއީ ފަސްވަނައަށް އެންމެ ބައިބޯ ސިޓީއެވެ. އެހެންވީމާ އެންމެ ސައްބީސް ހާސް މީހުންގެ ސްރީ ކަންތީރަވާ ސްޓޭޑިއަމް ފުރައިލުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ. ބެންގަލޫރު އޮންނަނީ ތިންހާސް ފޫޓު އުހުގައެވެ. މި ސަބަބަށްޓަކައި މޫސުން އަބަދުވެސް ހިތްފަސޭހައެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023