ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ ނަމުން އދ. މަހިބަދޫ ސްޓޭޑިއަމަށް ނަން ދިނުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނަށާއި، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރައްވައިފިއެވެ.
މަހިބަދޫ ދަނޑަށް ޕެލޭ ސްޓޭޑިއަމްގެ ނަން ދީ، މިއަދު ރަސްމީކޮށް ހުޅުވީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބު ވާދަކުރި މެޗަކާއެކުގައެވެ. މަހިބަދޫ ދަނޑުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕެލޭ ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކެއް އިންސްޓާގްރާމްގައި ހިއްސާކުރައްވައި ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ މަހިބަދޫ ދަނޑަށް ޕެލޭގެ ނަމުން ނަން ދިނުމުން އެފްއޭއާއި އެފްއޭގެ ރައީސް ބައްސާމްގެ އިތުރުން މަހިބަދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އޭގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ޕެލޭއަކީ އަބަދަށް ދެމިގެންދާނެ ހަނދާންތަކެއް ދޫކުރި ކުޅުންތެރިއެއް ކަމަށާއި، މުސްތަގުބަލުގައި ފުޓުބޯޅައަށް ނުކުންނަ "ކޮންމެ ފިރިހެން އަދި އަންހެން ކުއްޖަކަށް،" ޕެލޭގެ ވާހަކަ އެނގެން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ދަނޑަކަށް ޕެލޭގެ ނަމުން ނަން ދިނުމުން ދިވެހިރާއްޖެއަށް ޖުމުލަކޮށް ޝުކުރު އަދާކުރައްވާ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
އިންފަންޓީނޯގެ އިންސްޓާގްރާމް ޕޯސްޓަށް މިހާރުވެސް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ފަދަ ކުޅުންތެރިން ލައިކް ޖަހާފައިވާ އިރު، އެ ޕޯސްޓާއެކު ރާއްޖެއަށް ބްރެޒިލް ކުޅުންތެރިންގެ ހާއްސަ ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ޕެލޭ ފަރުވާ ހޯދަމުން ދިޔައީ ކެންސަރު ބައްޔަށެވެ. ޕެލޭއަށް ކެންސަރު ޖެހިފައިވާކަން އާއިލާއިން އިއުލާންކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން ވިދާޅުވެފައިވަނީ ޕެލޭގެ ނަމުން ކޮންމެ ގައުމެއްގައިވެސް ސްޓޭޑިއަމަކަށް ނަން ދޭން ފީފާގެ ފަރާތުން އެދޭނެ ކަމަށެވެ. އިންފަންޓީނޯ އެ ފަހަރު ވިދާޅުވީ ޕެލޭގެ ޝަރަފަށްޓަކައި ފީފާއިން އަބަދުވެސް ހަނދާންތައް އާކުރަމުން ގެންދާނެ ކަމަށެވެ.
ފީފާ
ފީފާ
ފީފާ
ފީފާ