ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ނަމުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނު ކުރެއްވި ޕްލޭން ފެއިލްވެ، ބޮޑު ޕްރެޝަރަކާ ކުރިމަތިވެފައިވަނިކޮށް ކައުންސިލް ބައްދަލުވުމުގައި އޭނާ މައާފަށް އެދިވަޑައިގެންފިއެވެ.

އިންފަންޓީނޯ، ކުރިއަށް އޮތް ދައުރަށް ބާއްވާ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާނުކުރައްވައިފައެވެ. ފީފާގެ އުސޫލު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން މަގާމު އަދާކުރެވޭނީ ތިން ދައުރަށެވެ. އިންފަންޓީނޯ 2016 އިން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުންދާ އިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ ދައުރުގެ މެދުތެރެއިންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެލެއްވީ ދައުރުން ބޭރު ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުތަކުގައި އިންފަންޓީނޯއާއި ފީފާއަށް ވަނީ އެކިއެކި ކަންކަމުގައި ޕްރެޝަރު ބޮޑުވެފައެވެ. އެގޮތުން އިޒްރޭލާ ދޭތެރޭ ފިޔަވަޅު އަޅަން ފަސްޖެހުމުގެ އިތުރުން ގައުމުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުންވެސް އެކަމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. އިންފަންޓީނޯއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގުޅުން މާބޮޑުވެ، ފީފާގެ ސުލްހައިގެ އިނާމު ޓްރަމްޕަށް އެރުވުމުން އެކަމަށްވެސް ވަނީ ނުރުހުން އަމާޒުވެފައެވެ.

ވޯލްޑް ކަޕްގައިވެސް ޓްރަމްޕްގެ ދައުރަށް ފާޑުކިޔުން އަމާޒުވި އިރު، އޭގެފަހުން ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކޭނެ ގޮތަށް އިންފަންޓީނޯ ގެންނަން އުޅުނު އިންވެސްޓްމަންޓް ޕްލޭންވެސް ދިޔައީ ޗޮކުންނެވެ. އެއީ ޔޫއެފާއާއި އޭއެފްސީގެ އިތުރުން ކޮންކެކަފްވެސް އެކަމަށް ފާޅުގައި ހުރަސް އެޅުމުންނެވެ. އެކަމުގައި އިންފަންޓީނޯއަށް ކުރަމުންދިޔަ ތާއީދު ގައުމުތަކުން ދަނީ އަނބުރާ ގެންދަމުންނެވެ.

އިންވެސްޓްމަންޓް ޕްލޭންގެ ކަންކަމުގައި ހުރިހާ ގައުމެއްގެ ކިބައިން އިންފަންޓީނޯ ވަނީ މީގެ ކުރިންވެސް މައާފަށް އެދިވަޑައިގެންފައެވެ. އެގޮތުން އެކަމަށް އެދި ސިޓީއެއް ފޮނުވި ނަމަވެސް، ގައުމުތަކުން އެކަން ގަބޫލުކޮށްފައެއް ނުވެއެވެ. ގިނަ ގައުމުތަކަކުން ބުނީ ބަދަލެއް ބޭނުންވާ ކަމަށެވެ. ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން ބުނީ އެހެންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު، ފީފާގެ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގައި އިންފަންޓީނޯ ވަނީ ކައުންސިލްގެ ކިބައިން މައާފަށް އެދިލައްވައިފައެވެ. އެހެން ނަމަވެސް އިނގިރޭސި އެފްއޭއާއި ޖަރުމަނުންވެސް ބުނީ އިންފަންޓީނޯއަށް އިތުބާރު ނެތް ކަމަށެވެ.

"ފުރަތަމަ ކަމަކަށްވެސް ފީފާ ފޯވަޑް އެންޓަޕްރައިސަސްގެ ކަންތަކުގައި ކަންކަން ހިނގާ ދިޔަ ގޮތަށް މައާފަށް އެދެން. އެއީ އެކަމުގައި އެކަށީގެންވާ ވަރަށް ލަފާ ނުހޯދޭތީއާއި އެކަމުގައި ވާހަކަތައް ރަނގަޅަށް ހިއްސާ ނުކުރެވުމުން. މުހިއްމުކަމަކީ އަހަރެން ހުށަހެޅީ ހުށަހެޅުމެއްކަން. އެއީ އެއްވެސް ހާލެއްގައި ގޮތް ނިންމާފައި އޮތް ކަމެއް ނޫން،" އިންފަންޓީނޯ ކައުންސިލް ބައްދަލުވުމުގައި ވިދާޅުވިއެވެ.

އިންފަންޓީނޯ މިހާރު އެފްރިކާ ގައުމުތަކުގެ ތާއީދު ހޯއްދަވަން މަސައްކަތް ކުރަމުންދާ އިރު، ކައުންސިލް ބައްދަލުވުމުގައި ޖަރުމަނު އެފްއޭގެ ރައީސް ބާންޑް ނުއެންޑޯފް ވިދާޅުވީ އިންފަންޓީނޯއާއެކު ކުރިއަށް ދެވޭނެ މަގެއް ނުފެންނަ ކަމަށާއި، ބޭނުން ވަނީ އެއްކޮށް އާ ފެށުމެއް ކަމަށެވެ.

އޭގެ އިތުރުން އިނގިރޭސި އެފްއޭގެ ޗެއާ ޑެބީ ހެވިޓްވެސް ފާހަގަކުރެއްވީ އިންފަންޓީނޯ ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ. އަދި ފެއިލްވެގެން ގޮސް ކަންކަން ރަނގަޅު ނުކުރެވޭ ހިސާބަށް ދިޔުމުން މައާފަށް އެދުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.