ކުރިން ޓޮޓެންހަމްއަށް ކުޅުނު ސްވިޒަލޭންޑްގެ ކުރީގެ ޑިފެންޑަރު ރަމޯން ވޭގާ، ފީފާ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާނުކޮށްފިއެވެ.

އުމުރުން 55 އަހަރުގެ ވޭގާއަކީ މިހާރު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރަން އިއުލާނުކުރި ފުރަތަމަ ކެންޑިޑޭޓެވެ.

މިހާރުވެސް ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާ އިންފަންޓީނޯ، ކުރިއަށް އޮތް ދައުރަށް ބާއްވާ އިންތިހާބުގައިވެސް ވާދަކުރައްވާނެކަން މިހާރު ވަނީ އިއުލާނުކުރައްވައިފައެވެ.

ފީފާގެ އުސޫލު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން މަގާމު އަދާކުރެވޭނީ ތިން ދައުރަށެވެ. އިންފަންޓީނޯ 2016 އިން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުންދާ ގެންދަވާއިރު، އޭނާ ފުރަތަމަ މަގާމާ ހަވާލުވެވަޑައިގަތީ އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެއީ ދައުރުގެ މެދުތެރެއިންނެވެ. އެހެންކަމުން މިއީ އިންފަންޓީނޯ އާންމު އުސޫލުގެ ދަށުން އިންތިހާބު ވެގެން ފީފާގެ ރައީސްކަން ކުރައްވާ ދެވަނަ ދައުރެވެ. ކުރިން ފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވެވަޑައިގަތީ ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާއެއްގެ އަގުލަބިއްޔަތުންނެވެ.

އިންފަންޓީނޯއަށް ފީފާ ރައީސްކަމުގައި ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ އިރު، ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ނަމުގައި އިއުލާނުކުރެއްވި ޕްލޭނާއެކު އޭނާއަށް ގިނަ ގައުމުތަކަކުން ކުރަމުން ދިޔަ ތާއީދު ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ތެރޭގައި މިހާރު ސްވިޒަލޭންޑްވެސް ހިމެނެއެވެ. އެއީ އިންފަންޓީނޯގެ ގައުމެވެ.

ކުރިން ސެލްޓިކާއި ވަޓްފޯޑަށްވެސް ކުޅުނު ވޭގާ، 2004 ވަނަ އަހަރު ފުޓުބޯޅައިން ރިޓަޔާކުރި ފަހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފައިނޭންސްގައެވެ.

"އަހަރެން މި ނުކުންނަނީ ދުނިޔޭގެ ފުޓުބޯޅަ އާއިލާ އެކުވެރިކުރަން. ހަމަ ޔަގީނުންވެސް އަހަރެން ރިފޯމް ގެންނާނަން. މި 21 ވަނަ ގަރުނަށް އެކަށީގެންވާ އިދާރާއަކަށް ފީފާ ހަދަން އެބަ ޖެހޭ. އެގޮތުން ފީފާއަށް ހަމަޖެހުން ގެނެސް، ދެފުށް ފެންނަން ނިޒާމުތަކެއް ގާއިމުކުރާނަން. މިހާރު އޮތް ހާލަތުން އަވަސް ހައްލުތަކެއް ފީފާއަށް ބޭނުން އެބަވޭ،" ވޭގާ ބުންޏެވެ.

ވޭގާ ވަނީ މީގެ ކުރިންވެސް ފީފާގެ ރައީސް ކަމަށް ވާދަކުރަން ވިސްނައިފައެވެ. އެގޮތުން 2015 ވަނަ އަހަރު ބްލެޓާގެ ސަސްޕެންޝަނަށްފަހު ވޭގާ ވަނީ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ވޭގާ އިތުރަށް ބުނީ ފުޓުބޯޅަ މިހާރު އޮތީ އިމަޖެންސީ ރޫމްގައި ލައިފް ސަޕޯޓްގައި ކަމަށެވެ. އިތުރަށް އިންފަންޓީނޯއަށް ވަގުތު ދެވެން ނެތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މިހާރު ހުރި ފީފާގެ ރައީސާ ޔޫއެފާއާއި ކޮންކެކަފްއިން ދެކޮޅު ހަދާފައިވާ އިރު، އޭއެފްސީންވެސް އަންނަނީ ފީފާއަށް ބަދަލު ގެންނާން ޖެހޭކަން ފާހަގަކުރަމުންނެނެވެ. އެހެން ނަމަވެސް އަރަބި ގައުމުތަކުން އަނެއްކާވެސް އަންނަނީ އިންފަންޓީނޯއާ ގުޅުން ބަދަހިކުރަމުންނެވެ. އެފްރިކާއާއި އޭޝިއާ ބައެއް އެހެން ގައުމުތަކުން އަދިވެސް ތިބީ އިންފަންޓީނޯގެ ފަހަތުގައެވެ.