ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ބްރެޒިލްގެ ޕެލޭގެ ނަމުން އދ. މަހިބަދޫ ސްޓޭޑިއަމަށް ނަން ދީ، މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މަހިބަދޫ ދަނޑުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޕެލޭ ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ގައުމީ ޓީމުގެ ފޯވަޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.
ރަސްމީކޮށް ޕެލޭ ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން މަހިބަދޫ ސްޕޯޓްސް ކްލަބާއި ގައުމީ ފުޓުބޯޅަ ޓީމު ދަނޑުގައި ހާއްސަ އެގްޒިބިޝަން މެޗެއް ކުޅެފައިވާ އިރު، އެ މެޗު ގައުމީ ޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ގައުމީ ޓީމުގެ ގޯލުތައް މެޗުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް އައިސަމް، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ހައިޝަމް ހަސަން (ބިޑި) އަދި މުހައްމަދު ސަހާއު (ބޭލް)އެވެ.
އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. ޕެލޭ ފަރުވާ ހޯދަމުން ދިޔައީ ކެންސަރު ބައްޔަށެވެ. ޕެލޭއަށް ކެންސަރު ޖެހިފައިވާކަން އާއިލާއިން އިއުލާންކުރީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.
ޕެލޭގެ ޖަނާޒާގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގެން ވިދާޅުވެފައިވަނީ ޕެލޭގެ ނަމުން ކޮންމެ ގައުމެއްގައިވެސް ސްޓޭޑިއަމަކަށް ނަން ދޭން ފީފާގެ ފަރާތުން އެދޭނެ ކަމަށެވެ. އިންފަންޓީނޯ އެ ފަހަރު ވިދާޅުވީ ޕެލޭގެ ޝަރަފަށްޓަކައި ފީފާއިން އަބަދުވެސް ހަނދާންތައް އާކުރަމުން ގެންދާނެ ކަމަށެވެ.
ޕެލޭގެ ނަމުން މަހިބަދޫ ސްޓޭޑިއަމަށް ނަން ދީފައިވާ އިރު، މަހިބަދޫއަކީ ދިވެހި ފުޓުބޯޅައިގައި ތާރީހެއް އޮތް ރަށެކެވެ. އެ ރަށުން ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިންތަކެއް ނެރެދީފައިވާ އިރު، 17 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި ވަރުގަދަ ގޯލު ޖެހުންތެރިޔާ ޓޮމް ފަދަ ކުޅުންތެރިންނަކީ އެރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އޭގެ އިތުރުން މާޒިޔާގެ ލެޖެންޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މިހާރު ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އަކީވެސް މަހިބަދޫގެ ކުޅުންތެރިންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު