ލިވަޕޫލަށް ޗެމްޕިއަންސް ލީގު ގެއްލުމުން މުހައްމަދު ސަލާހު "ހިތްފަޅައިގެން" ދިޔަ ނަމަވެސް، އޭނާ ކްލަބުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.
ލިވަޕޫލަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ނުކުޅެވޭނެކަން މިހާރު ވަނީ ޔަގީންވެފައެވެ. އެޓީމަށް މި ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއްގައި ނިންމާލަން ޖެހުމުން ސަލާހު ވަނީ އަސަރުގަދަ މެސެޖެއް ސަޕޯޓަރުންނަށް ދީ، މައާފަށް އެދިފައެވެ. ސަލާހުގެ އެ މެސެޖާއެކު އޭނާ ލިވަޕޫލް ދޫކޮށްލަފާނެތޯ ކްލޮޕްއާ ސުވާލުކުރުމުން، ކްލޮޕް ބުނީ އެކަމުގައި އެއްވެސް ހާސްކަމެއް ނެތް ކަމަށެވެ.
"ސަލާހު ލިވަޕޫލްގައި ކުޅެމުންދަނީ ކުޅޭ ހިތުން. ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމުގެ ހިތި ހަނދާން ސަލާހަށް ނައްތާލެވޭނެ. ސަލާހާ މެދު އެކަހަލަ ހާސްކަމެއް ނެތް،" ކްލޮޕް ބުންޏެވެ.
ސަލާހު ލިވަޕޫލާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ހޫނު މޫސުމުގައެވެ. އެ އެއްބަސްވުމާއެކު ހަފުތާއަކަށް ތިން ލައްކަ ފަންސާސް ހާސް ޕައުންޑް ސަލާހުގެ މުސާރައަށް ޖެހޭ އިރު، މި ސީޒަނުގައި އޭނާ ވަނީ 19 ގޯލު ކްލަބަށް ޖަހައިދީފައެވެ.
ސަލާހުގެ ކުރިމަގާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެގެން ކްލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔަކު އެ ވާހަކަ ބުނެފި ނަމަ، ކާރުގައި ގެންގޮސް އެހެން ކްލަބެއް އެ ކުޅުންތެރިޔަކަށް ދައްކާނެ ކަމަށެވެ. އެގޮތަށް ލިވަޕޫލް ކުޅުންތެރިޔަކު ކަންކަން ނުކުރާނެ ކަމަށް ބުނަމުން ކްލޮޕް ބުނީ "ލިވަޕޫލަކީ ބަދަހި ޓީމެއް،" ކަމަށާއި، އެއްވެސް ކުޅުންތެރިޔަކު ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.