މީގެ ކުރިން އަމަލުކުރަމުން އައި ނޫ ގާނޫނު އަސާސީއަށް ފަހު އަމަލުކުރަން ފެށި، ފެހި ގާނޫނުއަސާސީން އެންމެ ބޮޑަށް ކަށަވަރުކޮށްދިނީ ގައުމުގެ ނިޒާމުތައް ނުވަތަ ގަވަނިން ސިސްޓަމް ބައްޓަންވެގެންވާނެ ގޮތެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުން ރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާ ކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދިމުގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެވެ.

އެ ދައުލަތް ބެހިގެންވަނީ ގާނޫނުހެދުމުގެ ބާރު، ވެރިކަން ހިންގުމުގެ ބާރު އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު މައްޗަށެވެ. މި ތިން ބާރަކީ ވެސް މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކޮށް ދެން ހުރި ބާރުތަކުގެ މައްޗަށް ފާރަވެރިވާ ބާރުތަކެވެ. ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެކެވެ. އެ ނިޒާމުތަކުގެ ތެރެއިން ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮންނަނީ ގާނޫނުހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ ޝަކުވާއަކީ "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު"ގެ ދަށުން މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ އިމްތިޔާޒުތަކެވެ.

މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒުތަކުގެ ވާހަކަ މިފަހުން އާންމުންގެ ތެރޭގައި ދެކެވުން ގަދަވީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދެއްކެވި ވާހަކަތެއްގެ ސަބަބުންނެވެ. މަޖިލީހުގެ ޖަލްސާއެއްގައި ބޮންޑޭ ވަނީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ ސަރުކާރަށް އެ ކަމުގެ މައުލޫމާތު ލިބިފައި ހުއްޓާކަމަށް ވިދާޅުވެފައިއެވެ. އަދި ވިދާޅުވެފައިވަނީ ނަޝީދު، އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާ ދިނުމުގެ އަޑީގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"ހަމަ ގަސްދުގަ އެ މީހުން ދައްކާ ވާހަކައިން އަޅުގަނޑަށް ޔަގީންވޭ އިބްރާހީމް މުހައްމަދު ސޯލިހު، މަނިކުފާނު އަވަހަރާކޮށްލަން ބޮން ގޮއްވާލިކަން. ރައީސުލްޖުމްހޫރިއްޔާ އަޑީގަ ހުރެފަ ބޮމެއް ގޮއްވާލާފަ އެއަށް (ނަޝީދުގެ ސެކިއުރެޓީއަށް) ކުރި ހަރަދު އެއީ ބޮޑު ހަރަދެއް ކަމަށް ބުނުމަކީ. އެ ރައީސަށް ދައުލަތުން ހަރަދުކުރަން ޖެހޭނެކަން އަދި ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭނެކަން" ބޮންޑޭ ވިދާޅުވެފައިވެއެވެ.

މަޖިލިސް މެންބަރުންނަށް އިމެއް ނެތި ލިބިގެންވާ އިމްތިޔާޒުތަކުގެ ވާހަކަ އާންމުން ތެރޭގައި އަދި ސޯޝަލް މީޑިއާގައި އަބަދުވެސް ދެކެވެއެވެ. މިވާހަކަތައް އަނެއްކާވެސް ގަދަވީ ބޮންޑޭގެ މި ވާހަކަތަކަށް ފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ އިސްތަށިފުޅުގައި ގަސްދުގައި މީހަކު މަރާލަން އުޅުންފަދަ ބޮޑު ޖިނާއީ ކުށެއްގެ ތުހުމަތު އެއްވެސް ހެއްކެތް ނެތި ނޭޅުވޭނެކަމަށް ބުނެ އާންމުން ފާޑު ކިޔުން އަމާޒުކުރިއެވެ.

ބޮންޑޭގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖާމު މިއުވާން މުހައްމަދު ވެސް ވިދާޅުވެފައި ވަނީ ބޮންޑޭ އެ ތުހުމަތުތައް ކުރެއްވީ "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު"ގެ ދަށުން ލިބިގެންވާ އިމްތިޔާޒުތަކުގެ ތެރެއިން ކަމަށްވުމުން ފިޔަވަޅު ނޭޅޭނެ ކަމަށާއި މަޖިލީސް ނޫން ތަނެއްގައި އެފަދަ ތުހުމަތެއް ކޮށްފިނަމަ އެ މައްސަލައެއް ބަލާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކުގައި އިމްތިޔާޒުތަކުގެ ހިމާޔަތުގެ ދަށުން ސަރުކާރަށާއި މިނިވަން މުއައްސަސާތަކަށް އަބަދުވެސް މެންބަރުން ހިޔާނަތާއި އެނޫން އެހެން ތުހުމަތުކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކާއި ހައްގުތަކުގެ މާނައިގައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ހައްގުތަކާއި ބާރުތަކާއި، މަޖިލީހުގެ ކޮމިޓީތަކާއި މެންބަރުންނަށް ލިބިގެންވާ ބާރުތަކާއި ހައްގުތަށް ހިމެނެއެވެ. މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މެންބަރަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމުގެ ސަބަބުން އަދި ވޯޓު ދިނުމަށް އަމަލުކުރި ގޮތުގެ ސަބަބުން، ކޯޓަކަށް އަދި އެހެން އެއްވެސް މުއައްސަސާއަކަށް އެ މެންބަރަކު ހާޒިރުކޮށް ނުވަތަ އެ މެންބަރަކާމެދު ތަހުގީގެއް ހިންގައި ސުވާލެއްކޮށް އަދި ހައްޔަރުކޮށް ބަންދު ކޮށްގެން ނުވާނެއެވެ. އަދި ދައުވާއެއްވެސް ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް އެ ބާރުތަކުގެ ބޭނުން ހިފައިގެން މެންބަރުން ގެންދަނީ އެހެން މެންބަރުންނާ ދިމާކޮށް، އެތަކެއް ޖިނާއީ މައްސަލަތަކުގެ ތުހުމަތު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުތަކާ ގުޅޭގޮތުން މި ރިޕޯޓަށް ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު"ގައި ދީފައިވާ ބާރުތަކަކީ ކޮންމެހެން ވެސް ދޭން ޖެހޭ ބާރުތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުންނަމަ އެފަދަ ބާރުތަކެއް ދީފައި ނުވާނަމަ ނުކުންނާނެ ނަތީޖާ މާބޮޑަށް ގޯސްވާނެއެވެ.

އަލީ ހުސެއިން ވިދާޅުވީ އެފަދަ ބާރުތަކެއް މެންބަރުންނަށް ލިބިދީފައި ނުވާނަމަ ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި އަދި ކޮރަޕްޝަން ހިންގާކަމަށް ތުހުމަތުކުރެވޭ މުއްސަސާތަކުގެ ވެރިންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖަވާބުދާރީ ކުރަނިވި ދައުލަތެއް ބިނާކުރުމަށް މިހާރު މެންބަރުންނަށް ލިބިދޭ އެ ބާރުތަކަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގުމަށް ބާރުއަޅައި ޑިމޮކްރަސީއަށް މަގުފަހިވާ ބާރުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ބަލަމާ އެ ބާރުތައް މެންބަރުންނަށް ނުލިބޭނަމަ ދެން ވާނެ ގޮތެއް. ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ، އެކަމަކު މިހާރު އެބާރު ލިބިފައި އޮތުމުން ނުކިއްސަރުކޮށް ކަމެއް ހިނގާކަމަށް ތުހުމަތު ކުރެވޭއިރަށް މަޖިލީހުގައި އެ ވާހަކަ އެބަ ދެކެވޭ. ކޮރަޕްޝަންގެ ވާހަކަ މަޖިލީހުގައި ދެކެވެނީ އެފަދަ ބާރުތައް ލިބިދީފައި ވުމުން. އަޅުގަނޑު ދެކެނީ ބާރުތަކެއް ނުލިބޭކަމަށްވަންޏާ ޑިމޮކްރޮސީއެއް ނެތްކަމަށް. އެއީ ޖަވާބުދާރީ ނުކުރެވޭނެތީ" އަލީ ހުސެއިން ވިދާޅުވިއެވެ.

"މިހާރު މެންބަރުންނަށް، މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް، އަދި ކޮމިޓީތަކަށް މުއަައްސާތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކުރެވޭ. ގާނޫނުން އެފަދަ ބާރުތަކެއް ލިބިދީފައި ނުވާނަމަ އަޅުގަނޑުމެން ދާނީ 30 އަހަރު ފަހަތަށް. ހެޔޮ ނަތީޖާއެއް ނުނުކުންނާނެ. ވާހަކައް ނުދެއްކޭނެ"

އޭނާ ވިދާޅުވި ގޮތުންނަމަ މަޖިލީހުގެ މެންބަރުންނަށް ގާނޫނުން ބާރުތަކެއް ލިބިދީފައިވުމުން، މަޖިލީހުގެ މައިނޯރިޓީއަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ލިބިގެންދެއެވެ.

"މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަކި ޕާޓީއަކަށް އޮތަސް، ޖަވާބުދާރީކުރަން މަިއނޯރިޓީއަށް ވެސް ސުވާލު އެބަ ކުރެވޭ " އަލީ ހުސެއިން ވިދާޅުވިއެވެ.

ކުރިން އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅަކު މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ގާނޫނުން ބާރުތަކެއް ދީފައިވަނީ އެ ގާނޫނުގައި މަގުސަދެއްވެސް ހިމަނާފައި ކަމަށެވެ. އެ މަގުސަދާ ހިލާފުވާ ގޮތަކަށް މެންބަރުންނަށް ވާހަކަ ނުދެއްކޭނެ ކަމަށާއި އަދި އެ މަގުސަދާ ހިލާފަށް "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު"ގެ ދަށުން މެންބަރުންނަށް ލިބިދޭ ބާރުތައްވެސް މާނަކޮށްގެން ނުވާނެ ކަމަށެވެ.

އޭނާ އެ ފާހަގަ ކުރެއްވީ މަޖިލީހުގައި އިސްލާމްދީނާ ހިލާފު ވާހަކަތެއް ނުދެއްކޭނެ ކަމެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން މަސްތުވާތަކެތި ހުއްދަކޮށް ކެސީނޯ އަޅަން ގޮވާލާ ދައްކާ ވާހަކަތަކަކީ އިމްތިޔާޒު ލިބިގެންވާ ވާހަކަތަކަކަށް ނުވުމުން އެ ވާހަކަ ދެއްކެވި މެންބަރެއްގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އެކަމަކު އިސްލާމްދީނާ ހިލާފުނުވާނެހެން މެންބަރުން ދައްކާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ މަޖިލީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީކޮށް ފާރަވެރިވުން ހިމެނޭ ކަމަށެވެ. އެހެންކަމުން ބޮންޑޭ ދެއްކެވި ވާހަކަތަކުގައި މައްސަލައެއް ނެތްކަމަށް ވިދާޅުވިއެވެ.

"އެގޮތަށް މި ދަންނަވަނީ މި ސަބަބުތައް ހުރުމުން. ފުރަތަމަ ކަމަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ތައްޔާރުކުރި އެ ހާދިސާގެ ރިޕޯޓުގަ ބަޔާންކޮށްފަ އެބަވޭ އެ މަނިކުފާނަށް (ނަޝީދު) އަށް ފާރަލާކަމަށް އަދި ހަމަލާއެއް ދޭން އުޅޭކަމަށް. މަޖިލީހުގެ މެންބަރެއްކަމަށްވާ އިލްޔާސް ލަބީބުގެ ފަރާތުން ޑިފެންސް މިނިސްޓަރަށް އެ ވާހަކަ އެނގުނު. އެ މަނިކުފާނުގެ ބޮޑީގާޑުންނަށް އެނގިގެން ކޮމާންޑަރަށް އެންގި. އަދި އެފަހުން ޑިފެންސް މިނިސްޓަރު ވަނީ ރައީސް މުހައްމަދު ނަޝީދު ކެނެރީގައި އުޅުއްވާތީ ސެކިއުރިޓީ ދިނުމަށް ގޮންޖެހުންތަކެއް ހުރިކަމަށް އަންގައި އެހެން ގެއަކަށް ބަލުވުމަ ވައިސްޗީފާއާއެކު ވަޑައިގެން އެދިފައި. މިއީ ކޮމެޓީން ތައްޔާރުކުރި ރިޕޯޓު، އެހެންވީމާ އެބަ ތުހުމަތުކުރެވޭ ސަރުކާރަށް ނޭނގި ހުއްޓާ ހިނގިކަމެއް ނޫންކަން މި ބޮމުގެ ހަމަލާއަކީ" އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވާހަކަދެއްކެވީ އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށްވުމުން އެ ދެއްކި ވާހަކައިގައި މައްސަލައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޖަވާބުދާރީ ކުރުވުމުގެ ގޮތުން ދެއްކެވި ވާހަކަތަކެއް ގޮތުގައި ބެލުމުގެ ފުރުސަތު ގާނޫނު އޮތް ގޮތުންނާއި ކޮމިޓީ ރިޕޯޓަށް ރިއާޔަތް ކުރުމުން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ މެންބަރަށް އެފަދަ ނުރައްކާތެރި ވާހަކައެއް ދައްކަން ކެރުނީ ގާނޫނުން ހިމާޔަތް ލިބިފައިވާތީ ކަމަށާއި ޑިމޮކްރަސީގައި ޖަވާބުދާރީ ކުރުވާ ފަރާތްތަކަށް ގާނޫނުން ހިމާޔަތް ދިނުމަކީ ވަރަށް ގިނަ ގައުމުތަކުން ޕްރެކްޓިސް ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންނަށް ހާއްސަ އިމްތިޔާޒުތަކެއް ދޭން ޖެހެނީ "އޮޓޯކްރެޓިކް ލީޑާޝިޕް އަދި ރެޖީމްތައް" އަނބުރާ އަޔަ ނުދިނުމަށްކަމަށާއި އެއީ ރިޔާސީ ނިޒާމެއްގައި ވެސް އަދި ބަރުލަމާނީ ނިޒާމެއްގައި ވެސް އެކަން އޮންނާނެ ގޮތް ކަމަށް ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުގެ މެންބަރުންނަށް އިމްތިޔާޒުތަކެއް ދިނުމަކީ ހިތްހަމަނުޖެހުންނަސް ކުރަންޖެހޭ ކަމެކެވެ. މަޖިލީސް މެންބަރުން ތަޅުމުގައި ކުރާ ތުހުމަތުތަކާ ގުޅިގެން ތަހުގީގެއް ނުކުރެއެވެ. އިމްތިޔާޒު އެއޮތީ ތަންމިނަށް ދީފައެވެ. ކިތަންމެ ހެޔޮ ނިޔަތެއްގައި މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތަކެއް ދީފައިވިޔަސް، އެ އިމްތިޔާޒުގެ ބޭނުން މެންބަރުން ކުރައްވަނީ ހެޔޮ ނިޔަތުގައިތޯ ރައްޔިތުންގެ ސުވާލު އުފައްދައެވެ. އެއީ މަޖިލީހުގެ ތެރޭގައި ބައެއް ފަހަރަށް ކަންކަން ހިނގާ ގޮތުންނެވެ. ދައްކަވާ ވާހަކަތަކުގެ ސަބަބުންނެވެ. ދީނީ ގޮތުން ވެސް މި އިމްތިޔާޒުން ބޭރަށް މެންބަރުން ކިތަންމެ ފަހަރަކު ވަޑައިގެންފައި އެބަހުރި ކަމަށް އާންމުން ގަބޫލުކުރެއެވެ. އަދި ހަމަ އެހެންމެ ސަރުކާރު ޖަވާބުދާރީ ކުރުވުވުމަށްވެސް ދެއްކެވޭނީ ބިނާކުރަނިވި ތުހުމަތު ކަމަށާއި ހަމައެކަނި ތުހުމަތެއްގެ މައްޗަށް ބިނާކޮށް ކިޔައިގެން ނުވާނޭ ކިތަންމެ އެއްޗެއް މަޖިލީހުގެ ތަޅުމުގައި އާންމުންނާއި ސަރުކާރަށް ވެސް ކިޔަމުންދާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މެންބަރުންނަށް އިމްތިޔާޒު އޮންނާން ޖެހެއެވެ. އެ ކަމުގައި ޝައްކެއް ނެތެވެ. އެއީ ޑިމޮމްރެސީ ދަމަހައްޓަން، ސަރުކާރު ޒިންމާދާރުކުރުވަން އަސާސީ ކަމެކެވެ. ހަމަ އެފަދައިން، އެ މެންބަރުން ދައްކަވާ ވާހަކަތައް އިމްތިޔާޒުން ބޭރު ވާ ނަމަ މަޖިލީހުގެ ރިޔާސަތުން އެކަން ހުއްޓުވަން ނުޖެހޭނެތޯއެވެ. ދީނުން ބޭރުވުން ވެސް ހިމެނޭ ގޮތުން ހިތުހުރިހާ އެއްޗެއްކިޔުމަކީ ވެސް އިމްތިޔާޒުކަމަށް ބެލެވޭނެ ތޯއެވެ.