Close
ކުއްލި ޚަބަރު

ނައީމާގެ މަރުގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު އިޝާން

ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނިކޮށް ފެނުނު އެރަށު ނައީމާ މޫސާ، 62އ، ގެ މަރުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިމާގެ މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް އެ މައްސަލައާ ގުޅޭ ހެކިތަކެއް ހުރިކަމެއް ބެލެވޭ ތަނެއް ފުލުހުން ފާސްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އަދި އެ މީހުން ހައްޔަރުކުރި ދުވަހެއް ވިދާޅެއްނުވެއެވެ.

ހަމީދުގެ ޓުވީޓުގައި، މަރުގެ މައްސަލަތައް ތަހުގީގު ކުރުމުގެ ތަޖުރިބާކާރު އިންސްޕެކްޓާ މުހައްމަދު ސާމިހް އޭނާގެ ޓީމުން އެ މަރުގެ ހަގީގަތް ހޯދައި، އިންސާފު ގާއިމުކުރުމަށް ކުރާ މަސައްކަތް ވަނީ ފާހަގަކުރައްވައިފައެވެ.

އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.