ދިވެހި ރާއްޖެ މަޝްހޫރު ވަނީ ރީތި ދޮންވެލި ގޮނޑުދަށް ތަކާއި، ސާދާ ސާފު މޫދުތަކުންނެވެ. ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައެވެ. ދުނިޔޭގެ އެންމެ ހިތްގައިމު އެއް ގައުމުގެ ގޮތުގައި ތާ އަބަދަށް ނަން ފެވިފައިވާ ދިވެހި ރާއްޖެ، ފުޓުބޯޅައިގެ ޗާޓަށް އަރުވައިލަދިން ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) ކަން ޔަގީނެވެ. ދަގަނޑޭގެ ރެކޯޑުތައް ބައިވަރެވެ. ގައުމީ އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައިވެސް ދަގަނޑޭގެ ނަން އޮތީ އުހުގައެވެ. ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޒްލަޓަން އިބްރަހިމިޗް ފަދަ ކުޅުންތެރިންނާއެކު ގޯލު ޖެހުމުގެ ލިސްޓްގެ ކުރީ ސަފުގައި ދަގަނޑޭގެ ނަންވެސް ހިމެނެއެވެ.
އެކަމުގެ ހެއްކެކެވެ. 2013 ވަނަ އަހަރު އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ފުޓުބޯލް ހިސްޓޮރީ އެންޑް ސްޓެޓިސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވި، ދުނިޔޭގެ ދެވަނައަށް އެންމެ ކުޅަދާނަ ގޯލު ޖެހުންތެރިޔަކީ ދަގަނޑޭއެވެ. އެ އަހަރު ދަގަނޑޭގެ ކުރިން ލިސްޓުން ޖާގަ ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އެ މަގާމު ހޯދީ ދަގަނޑޭއަށްވުރެ އެންމެ ދެ ގޯލު އިތުރުވުމުންނެވެ.
އެ ތާރީހު ދިވެހީންނަށް އަލުން ކިޔައިދޭކަށް ނުޖެހެއެވެ. ދަގަނޑޭއަކީ އޭޝިއާއިންވެސް ފެނުނު އެންމެ ކުޅަދާނަ އެއް ފޯވަޑެވެ. ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާމެދު ޝައްކެވެސް ނެތެވެ. ދިވެހީންގެ ލޯތްބާއި އިހުތިރާމް ނުހަނު ބޮޑަށް ހޯދި ޝަޚުސިއްޔަތެކެވެ. ދަގަނޑޭއަށް ދިން ލޯބި އެތައް ގޮތަކުން ސާފް ޗެމްޕިއަންޝިޕާވެސް ގުޅެއެވެ. ދިވެހީން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ތަށި، 2008 ވަނަ އަހަރު ރާއްޖެއަށް ގެނެސްދިނުމުގައި ދަގަނޑޭގެ ހިއްސާ ބޮޑެވެ.
އެފަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ނުވަ ގޯލު ޖެހިއިރު، ދަގަނޑޭ ގޯލެއް ނުޖެހި ނަމަވެސް، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ދަގަނޑޭއެވެ. ރާއްޖެއިން ޖެހި އެތައް ގޯލެއްގައި އޭނާގެ ހިއްސާ ބޮޑެވެ. ކުޅުންތެރިން ކައިރީން ނައްޓައި، ކޮއްޓައި ބޮޑެތި ޓީމުތައް ކައިރީ ދެއްކި ޗަރުކޭސް ދިވެހީން ހަނދާން ހުންނާނެއެވެ. ދަގަނޑޭއަށް ކުރި އެތައް ފައުލެއްގައި ދިވެހީން ރަތަށް އެރިއެވެ. ފައިނަލް މެޗުގައި އިންޑިއާ ކައިރިން މޮޅުވާން، ދަގަނޑޭ މޫނުމަތި ފަޅާލައިގެން ވި ގުރުބާނީ އަދިވެސް ރަން ހަނދާނެއްގެ ގޮތުގައި ހުންނާނެއެވެ.
ދަގަނޑޭއަކީ ސާފްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ސާފް ހޯދި ޓީމުގައި އޭނާ ނުހިމެނުނު ނަމަވެސް، މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ވަނީ ރެކޯޑް 24 ގޯލު ޖަހައިފައެވެ. އޭނާއަށްވުރެ ގިނައިން ގޯލު ޖެހި ކުޅުންތެރިއެއް ނެތެވެ. އެެގޮތުން ނޭޕާލްގައި 2013 ވަނަ އަހަރު ކުޅުނު ސާފްގައި އެކަނިވެސް 10 ގޯލު ޖެހި އިރު، އެ ފަހަރު ލަންކާ ކޮޅަށް ހަ ގޯލު ޖަހައި ދުނިޔޭ ފުޓުބޯޅައިގެ ތާރީހުވެސް ލިޔެލިއެވެ.
އެންމެފަހުން 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައިވެސް ދިވެހި ސަޕޯޓަރުން ކައްކުވާލަ ދިނީ ދަގަނޑޭކަން ޔަގީނެވެ. އުންމީދީ ގޯލުތައް ޖެހީ، މިހާރު އުމުރުން 37 އަހަރުގެ ދަގަނޑޭއެވެ.
ދަގަނޑޭ ސީޒަނަށް ނުކުތީ ސާފްގެ އުންމީދުގައިކަން ޔަގީނެވެ. ގައުމީ ޓީމަށް، ގައުމަށް އޭނާ އަދިވެސް މުހިއްމެވެ. ފޯމުގައި ސީޒަން ފަށައި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައިވެސް އޭނާގެ ގޯލުތައް ފެނުނެވެ. ހާލަތު ދިމާވިގޮތުން އެ މުބާރާތުގެ ސެމީ ފައިނަލުގައި ދަގަނޑޭއަށް ނުކުޅެވުނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. އެ އަނިޔާގެ ބޮޑުކަމުން ދަގަނޑޭއަށް ސާފް ގެއްލޭނެކަން ވަނީ ޔަގީންވެފައެވެ. ގައުމީ ޓީމާއެކު 98 މެޗު ކުޅެ، 100 ހަމަކުރަން ބޮޑު މަސައްކަތްތަކެއް ކުރަމުން އައި ދަގަނޑޭއަށް ސާފް ގެއްލުންވީ ހިތްދަތި ކަމަކަށް ނަމަވެސް، އޭނާގެ ވިސްނުން ހުރީ ޓީމާއެކުގައެވެ.
"ސާފް މުބާރާތަކީ އަބަދުވެސް ދިވެހި ފުޓުބޯޅައިގެ ވަރަށް މުހިއްމު މުބާރާތެއް. ސާފް މުބާރާތުގައި ގައުމު ތަމްސީލުކުރުމަކީ އަޅުގަނޑުވެސް ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް. އަދި މިހާތަނަށް ހޯދުނު ކާމިޔާބީތަކަކީ ވަރަށް ފަހުރުވެރި ކާމިޔާބީތަކެއް. މިފަހަރު ކަންދިމާކުރި ގޮތުން ސާފުގައި ނުކުޅެވުނު ނަމަވެސް، އަބަދުވެސް ގައުމީ ޓީމަށް އެދެނީ ކާމިޔާބީއަށް. އިރާދަކުރެއްވިއްޔާ ގައުމީ ޓީމު ތަމްސީލުކުރަން ތިބި ކުޅުންތެރިން ގައުމު ފަހުރުވެރި ކޮށްދޭނެ. އަބަދުވެސް ގައުމީ ޓީމާއެކު، އެޓީމަށް ހިތްވަރު ދޭން ހުންނާނަން،" ގައުމީ ޓީމަށް ރެކޯޑު 57 ގޯލު ޖަހައިދީފައިވާ ދަގަނޑޭ އެކްސްކްލޫސިވްކޮށް "ވަން"އަށް ބުންޏެވެ.
ދަގަނޑޭއަކީ އަބަދުވެސް ގައުމީ ޓީމަށް ހިތްވަރު ދެމުން އަންނަ ލީޑަރެކެވެ. އޭނާ ނެތުމަކީ ޓީމަށް އަދިވެސް އަންނާނެ ހީނަރުކަމެކެވެ. މިފަހަރުގެ ސާފަކީ ޗެލެންޖިން ސާފަކަށް ވާނެ ނަމަވެސް، ދަގަނޑޭގެ އުއްމީދުތައްވެސް ވަނީ ދިވެހި ޒުވާން ޓީމާ ގުޅިފައެވެ. އެ ޓީމަށް ދަގަނޑޭ އިތުބާރުކުރެއެވެ.
ރާއްޖެ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި ފުރަތަމަ ކުރިމަތިލާނީ ލުބުނާނާއި ބަންގްލަދޭޝްގެ އިތުރުން ބޫޓާނާ ދެކޮޅަށެވެ. ފުރަތަމަ ފިޔަވަޅަކީ ސެމީއެވެ. އެ ފިޔަވަޅަށް ޒުވާން ޓީމަށް އޮތީ ބުރަކޮށް ތައްޔާރުވުމެވެ. އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ޓީމުގައި ދަގަނޑޭ ނެތަސް އޭނާގެ ހިތް އޮތީ އެ ޓީމާ އެކުގަ އެވެ. ދަނޑުމަތީގައި ނެތެއް ކަމަކު، ހިތާއި ރޫހުން ދަގަނޑޭ ހުންނާނީ ގައުމީ ޓީމާ އެކުގަ އެވެ.