ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް 100 މެޗު ހަމަކޮށް، ފީފާގެ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފިއެވެ.

ދަގަނޑޭ މިރޭ ގައުމީ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅެން ނުކުތީ ދެވަނަ ހާފުގައެވެ. އެ މެޗާއެކު 100 މެޗު ހަމަކޮށް އޭނާ ވެފައި ވަނީ ރާއްޖޭން އެ ޝަރަފު ހޯދި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ގައުމީ ޓީމަށް 100 މެޗު ހަމަކޮށްފައިވާ އަނެއް ކުޅުންތެރިޔާ 17 އަހަރު ދުވަހު ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ލެޖެންޑަރީ ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) އެވެ.

ދަގަނޑޭ، 2000 ގެ ކުރީކޮޅުން ފެށިގެން ވިދަމުން މިއަދާ ހަމައަށް އައިއިރު، އޭނާއަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލްވެސް ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް 58 ގޯލް ޖަހައިދީފައިވާ ދަގަނޑޭއަކީ އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އެގޮތުން އައިއެފްއެފްއެޗްއެސްއިން 2013 ވަނަ އަހަރު ހޮވި، އެ އަހަރު ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނައިގައިވެސް ދަގަނޑޭ ހިމެނިފައިވެއެވެ. އެ އަހަރު ދަގަނަޑޭ ވަނީ ގައުމީ ޓީމަށް 23 ގޯލް ޖަހައިފައެވެ.

ދެހާސް އަށްވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ރާއްޖޭން ހޯދި އިރު، އެ މުބާރާތުގެ އެންމެ މޮ ކުޅުންތެރިޔަކަށް ހޮވުނު ދަގަނޑޭއަކީ ދެކުނު އޭޝިއާގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިފަހަރު އޭނާ ގައުމީ ޓީމަށް އެނބުރި އައިސްފައި ވަނީ ބޮޑު އަނިޔާއަކުން ރިކަވާވުމަށްފަހުއެވެ.