ރާއްޖޭގެ ގައުމީ ޓީމުގައި، ގައުމު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަކީ އަބަދުވެސް ކެޕްޓަނެއް ކަމަށް ކޯޗު އިސްތަވަން އުރުބާނީ ބުނެފިއެވެ.
އޭޝިއަން ކަަޕް ކޮލިފައިންގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަށް ނެގި ސްކޮޑުގައި އުމުރުން 40 އަހަރުގެ އަޝްފާގު ހިމަނާފައިވާ އިރު، އޭނާ ތައްޔާރު ވަނީ 99 ވަނަ މެޗަށެވެ. އަޝްފާގު ތައްޔާރުވަމުން ދަނީ 2023 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގައުމީ ޖާޒީގައި ކުޅުމަށެވެ.
ދަގަނޑޭ އެންމެފަހުން ގައުމީ ޓީމަށް ކުޅެފައި ވަނީ ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމުން ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗެވެ.
ޓިމޯ ލެސްޓޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުރުބާނީ ވަނީ އޭނާ ކުރިން މަސައްކަތް ކުރި ހަނދާންތައް ކޮންމެވެސް ވަރަކަށް އާކޮށްފައެވެ. ރާއްޖޭގައި ކުރިން އޮތް ރަން ޖީލާއެކު މަސައްކަތް ކުރުމަކީ ލިބުނު ނަސީބެއް ކަމަށް ފާހަގަކުރަމުން އުރުބާނީ ބުނީ މިހާރު ވޭތުވެދިޔަތަނަށް، ކުރީގެ ޓީމަށް ވިސްނުން ނުބަހައްޓާ ކަމަށާއި، މިހާރު ވިސްނަނީ އަ ޖީލަކަށް ކުރާ މަސައްކަތް ކަމަށެވެ.
އަޝްފާގު އަލުން ޓީމަށް ނެގުމާ ގުޅޭ ގޮތުން އުރުބާނީ ބުނީ "ހީރޯ" އިންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
"ދަގަނޑޭއަކީ މި ރާއްޖޭގެ ގައުމީ ޓީމަށް އަަބަދުވެސް ކެޕްޓަނެއް. ހަމަ އެހެން އިމްރާންވެސް. އަހަރެމެން ދެނެގަންނަންވާނެ ކެޕްޓަނުންނާއި ލީޑަރުންގެ ތަފާތު. އަހަރެމެންގެ އެބަހުރި ކެޕްޓަނެއް، ސަމޫހަކީ އަހަރެމެންގެ ކެޕްޓަން. އެއީ މިހާރު މިއޮތް ޖީލަށް ބޭނުންތެރި ކެޕްޓަނެއް. ދަގަނޑޭއަކީ މި ޓީމުގައި ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާއަށް އެނގޭނެ އޭނާގެ މަގާމު. އަހަރެން ރާއްޖެ އައި ގޮތަށްވެސް ދަގަނޑޭއާއި އިންމަ ކައިރީ ބުނިން، ގައުމީ ޓީމުން އަބަދުވެސް ހީރޯއިންނަށް މަރުހަބާ ކިޔާނެ ކަމަށް. އެއީ ވެޓެރަންސް. ދަގަނޑޭއަކީ ވެޓެރަންއެއް. ވަކި ކަމެއް ހާސިލްކުރަން އޭނާ މަސައްކަތް ކުރަމުން އެދަނީ. އެ މަސައްކަތް ކުރަން އަހަރެން އޭނާއަށް އެހީވެދޭނަން،" އުރުބާނީ ބުންޏެވެ.
އަޝްފާގު ކަހަލަ ލެޖެންޑެއް ޓީމުގައި ހުރެގެން ކުޅުންތެރިންނަށް އޭގެ ފައިދާކުރާނެ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ކަމެއް ހާސިލްކުރަން ބަލާއިރު، އަޝްފާގު ފަދަ ކުޅުންތެރިންގެ އެހީތެރިކަން ބޮޑު ކަމަށް އުރްބާނީ ވަނީ ބުނެފައެވެ.
މުޙައްމަދު ޝަމްޢޫން
އަލީ އަޝްފާގު
އަލީ އަޝްފާގު