އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިއަދު ހަވީރު ޓިމޯ ލެސްޓޭ ކައިރިން 2-1 އިން މޮޅުވި މެޗުގައި، ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެނެސްދިން ތަފާތަކީ އެތައް ދުވަހެއްގެ، އެތައް މެޗެއްގެ ތަޖުރިބާ ކަމަށް ކޯޗު އިސްތަވަން އުރުބާނީ ބުނެފިއެވެ.
މިއަދުގެ މޮޅަކީ އެތައް ދުވަހެއް ފަހުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ހޯދި މޮޅެކެވެ. އެގޮތުން މިއަދުގެ ކުރިން ރާއްޖޭން އެންމެފަހުން އަމިއްލަ ގައުމުގައި މޮޅުވީ 2023 ވަނަ އަހަރު މާޗް 21 ވަނަ ދުވަހުއެވެ. އެއީ ލ. ގަމު ޒޯން ސްޓޭޑިއަމްގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެއީ ތިން އަހަރާއި 10 ވަރަކަށް ދުވަސް ކުރިންނެވެ. އެއީ މިއަދުގެ ކުރިން އެންމެފަހުން ދަގަނޑޭވެސް ގައުމީ ޓީމަށް ކުޅުނު މެޗެވެ.
އުމުރުން 40 އަހަރުގެ އަޝްފާގު އޭގެފަހުން ކަކުލުގެ ދެ ސާޖަރީއެއް ކޮށް، އެ އަނިޔާއިން ރިކަވާވެ، ނިއު ރޭޑިއަންޓަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، މިއަދުގެ މެޗު ބަދަލު ކޮށްލުމުގައި އޭނާގެ ހިއްސާ ބޮޑެވެ. ހާއްސަކޮށް އެންމެ ފަހު މިނެޓުގައި ރާއްޖެއަށް ޕެނަލްޓީއެއް ލިބުނީ ޓިމޯ ލެސްޓޭ ކީޕަރު ދަގަނޑޭއަށް ކުރި ފައުލަކުންނެވެ.
"އެކި ކުޅުންތެރިންގެ ހުންނާނީ އެކި ކަހަލަ ކޮލިޓީ. އެ ކުޅުންތެރިން ދަނޑު މައްޗަށް ގެންނާނީ އެ ތަފާތު. މިސާލަކަށް އަޝްފާގާއި ސެންޓޭ މި ގެނެސްދެނީ ފާޑަކަށް މެންޓަލް ކޮލިޓީއެއް. މެންޓަލީ ތަފާތު ވިސްނުމެއް އެއީ. މިސާލަކަށް އަޝްފާގަށް އެނގޭނެ އެންމެ ފަސޭހައިން އިދިކޮޅު ޓީމާ ކުޅެލެވޭނެ ގޮތް. ދެން، ދަނޑު ފުރިފައި އޮތަސް، މަޑު ސަޕޯޓަރުންނާއެކު އޮތަސް ކުޅުންތެރިންނަށް އަންނާނެ ޕްރެޝަރު. އެއީ ކުޅުންތެރިންނަށް އަސަރު ކުރާނެ ބަލިވެއްޖެއްޔާ،" ފަހުން ކުޅެން ނުކުތް ކުޅުންތެރިން ގެނެސްދިްނ ތަފާތަށް ކޯޗު އުރުބާނީ ބުންޏެވެ.
ބަދަލުތަކާއެކު ރާއްޖެއަށް މެޗު ނެގުނީ ފަހުވަގުތުއެވެ. އުރުބާނީ ބުނީ ވަކި ކުޅުންތެރިޔަކު ފުރަތަމަ 11 އަށް ނުނެރެވުން އެއީ "ރިގްރެޓް" ކުރާނެ ކަމެއް ނޫން ކަމަށާއި، އެއްވެސް މެޗެއްގައި ފުރިހަމައަށް ލައިން އަޕް ނުނެރެވޭނެ ކަމަށެވެ.
އެއާއެކު އުރުބާނީ ބުނީ ދަގަނޑޭ އެ ގެނެސްދޭ ތަފާތަކީ އެތައް އަހަރުތަކެއްގެ ތަޖުރިބާ ކަމަށެވެ. 100 އެއްހާ މެޗުގެ ތަފާތު ކަމަށެވެ. މިއަދު ދަގަނޑޭ ގައުމީ ޖާޒީގައި ކުޅުނީ 99 ވަނަ މެޗެވެ.
"އަޝްފާގު އެ ކުޅޭ ކޮންފިޑެންސްގައި މެޗަކަށް އަރައި ކުޅުމަކީ އާދައިގެ ކަމެއް ނޫން. އެއީ އެތައް ޑެކޭޑެއްގެ ތަޖުރިބާ. 100 އެއްހާ މެޗު ގައުމީ ޓީމަށް ކުޅެގެން އަންނަ އެއްޗެއް އެ އަންނަނީ. އަހަންނަށް ލިބުނު އުފަލެއް އެއީ ދަގަނޑޭ ތަފާތު ދެއްކުން،" އުރުބާނީ ފާހަގަކުރިއެވެ.
އޭގެފަހުން ކޯޗު އުރުބާނީ ވަނީ ދަގަނޑޭ ޕެނަލްޓީ ޖަހާނެ ކަމަށް އުންމީދު ކުރި ކަމަށް ބުނެއެވެ. ސަމާސާ ރާގަކަށް އުރުބާނީ ބުނީ ދަގަނޑޭ "އަނިޔާވި ކަމަށް ހަދާލައިގެން، ޕެނަލްޓީ ނުޖެހީ ގަސްދު އެ ޕްރެޝަރު ނުނަގަން ހެން ހީވި،" ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
އަލީ އަޝްފާގު
އަލީ އަޝްފާގު