ގައުމީ ދަނޑުގައި މިއަދު ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖު މެޗުގައި ރާއްޖޭން ޓިމޯ ލެސްޓޭ ކައިރިން މޮޅުވެއްޖެއެވެ.

މިއަދު ކުޅުނު މެޗުގެ ފަހުވަގުތު ރާއްޖޭން ދެ ގޯލް ޖަހައިގެން ޓިމޯ ލެސްޓޭ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ.

މިއަދުގެ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން މިބުރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ޓިމޯ ލެސްޓޭއަށްވެސް އެންމެ ފަހު މެޗެވެ. މިއަދުގެ މެޗަށް ނުކުތް އިރު، ރާއްޖެ ތާވަލުގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބިއެވެ. ޓިމޯ ލެސްޓޭ މޮޅުވެފައި އޮތީ ރާއްޖެ ކައިރިންނެވެ. އެއީ އެގައުމުގެ ހޯމް މެޗުންނެވެ. މިއަދުގެ މެޗުން ދެގޯލްގެ ފަރަގަކުން މޮޅުވެ، ރާއްޖެއަށް ތިންވަނައިގައި ނިންމާލެވެން އޮތް އިރު، ގްރޫޕްގެ އެއްވަނައިގައި އޮތް ތަޖިކިސްތާނާއި ދެވަނައިގައި އޮތް ފިލިޕީންސް އޮތީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކޮށެވެ. އެއީ ފަސް މެޗުން 13 ޕޮއިންޓާއެކުގައެވެ.

ތަޖިކިސްތާން އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ފަރަގުންނެވެ. މިރޭ އެ ދެޓީމުން ކުޅޭ މެޗުން ގްރޫޕްގެ އެއްވަނަ ޔަގީންވާނެއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައި މާ ގިނަ އެޓޭކްތަކެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް ހާފުގެ ފަހުކޮޅުގައި ރާއްޖޭން ވަނީ ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައެވެ.

ފީފާ ރޭންކިންގެ 199 ވަނައިގައި އޮތް ޓިމޯ ލެސްޓޭގެ ކީޕަރު ޑިލަން ޖޯސޭ ނިސްކީ އެއްލި ބޯޅައެއް ރާއްޖޭގެ ނާއިޒް ހަސަން (ދާދު)އަށް ލިބުމުން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއެކު ވަން ޓޫ އެއް ހަދާލާފައިވާ އޭރިއާ ތެރެއަށް ވަން ބޯޅަގައި ޑިލަން ވަނީ ފަހުވަގުތު ބޯޅަ ދުއްވާލައިފައެވެ.

އޭގެ އިރުކޮޅެއްފަހުން ޓިމޯ ލެސްޓޭގެ ފަހަތުން ހެދި ގޯހެއްގައި ދާދުއަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ޓިމޯ ލެސްޓޭގެ ކީޕަރު ޑިލަންއެވެ.

ދެވަނަ ހާފަށް ރާއްޖޭން ނުކުތީ ފޭދޫ އިއްބެގެ ބަދަލުގައި މުޒްދާން ހަސަނާއެކުގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޓިމޯ ލެސްޓޭއިން ނުރައްކާ ކޮށްފައިވެއެވެ. ރާއްޖޭ ކުޅުންތެރިން އަތުން ފަސޭހަ ބޯޅަތަކެއް ގެއްލުމުގެ ބޭނުން ހިފައި، ޓިމޯ ލެސްޓޭއިން އެޓޭކެއް މަސައްކަތް ކޮށްފައިވާ އިރު، ކެޕްޓަން ޖޮއާއޯ ޑަ ސިލްވާ ފްރެއިޓަސްގެ ނުރައްކާތެރި ދެ ހުރަހެއް ފާހަގަވިއެވެ. އޭގެ އިތުރުން 61 ވަނަ މިނެޓުގައި އޭނާގެ ހަމަލާއެއް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކޮށްފައިވެސް ވެއެވެ. އަދި އަރިމަތިން ގޮސް، ޒިއޯން ޕްލީނޯ ފޮނުވާލި ހަމަލާވެސް ފައިސަލް މަތަކުރިއެވެ.

އޭގެ އިރުކޮޅެއްފަހުން 66 ވަނަ މިނެޓުގައި ޓިމޯ ލެސްޓޭއިން ލީޑުވެސް ނެގިއެވެ. ޑަ ސިލްވާ އަރިމަތިން ނަގައިދިން ބޯޅަ، އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލަށް ވައްދާލީ އެލެކްސެންޑްރޯ ބަކީޓޯ ލެމޯސްއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ކަނަށެވެ.

ދެވަނަ ހާފުގައި ރާއްޖޭން އިތުރު ބަދަލުތަކެއްވެސް ކޮށްފައިވެއެވެ. އަލީ އަޝްފާގު (ދަގަނޑޭ)، 99 ވަނަ މެޗަށް ނުކުމެފައިވާ އިރު، އަލީ ފާސިރު (ސެންޓޭ) އާއި އަލީ ހާފިޒު (ހާއްޕެ) އަދި ހުސައިން ޝިފާއު ޔޫސުފް (ކްރޯ)ވެސް ކުޅުމަށް ނެރެފައިވެއެވެ.

ފަހުކޮޅުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް އެޓޭކަށް މަސައްކަތް ކުރި ނަމަވެސް މެޗު އެއްވަރުކުރަން އުނދަގޫތަކަކާ ދިމާވިއެވެ. ދާދު ބޮލުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އިރު، އެ ބޯޅަ ދިޔައީ މަތިން ބޭރަށެވެ. އެހެން ނަމަވެސް، މެޗުގެ 89 ވަނަ މިނެޓުގައި ރާއްޖޭން އެއްވަރުކުރިއެވެ. އަރިމަތިން އެއްލި ބޯޅައެއްގައި އޭރިއާ ތެރެއިން ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ޖައްސާލި ބޯޅަ ގޯލަށް ވައްދާލީ މުހައްމަދު އިރުފާން (އިރޭ) އެވެ.

އޭގެފަހުން ރާއްޖޭން ހިތްވަރާއެކު ކުޅުން ރަނގަޅުކޮށްފައިވާ އިރު، ދަގަނޑޭގެ ނުރައްކާ ފެނުނެވެ. އެގޮތުން ރާއްޖެއަށް ލިބުނު ޕެނަލްޓީގައިވެސް އޭނާގެ ހިއްސާ ބޮޑެވެ. އޭރިއާ ތެރެއިން އެނބުރިލާފައި ފޮނުވާލި ބޯޅަ ޓިމޯ ލެސްޓޭ ކީޕަރު މަތަކޮށް، ރީބައުންސް ހުއްޓުވަން އުޅުމުގެ ތެރޭގައި އޭރިއާ ތެރެއިން ދަގަނޑޭއަށް ފައުލް ކުރިއެވެ. އެ ފައުލަށް ލިބުނު ޕެނަލްޓީގައި ރާއްޖެ މޮޅުކޮށްދިނީ ސެންޓޭއެވެ.

މިއީ ރާއްޖޭގެ ކޯޗުކަމާ އިސްތަވަން އުރުބާނީ މިފަހަރު ހަވާލުވިފަހުން ސީނިއާ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ 20 އަހަރުން ދަށުގެ ޓީމާއެކު ސާފް މުބާރާތުގައެވެ. އެ މުބާރާތުން މޮޅެއް ހޯދިފައި ނުވާ އިރު، މިއަދު ނަތީޖާއަކީ ހިތްހަމަ ޖައްސާލެވޭނެ ނަތީޖާއެކެވެ.

މިއަދުގެ މޮޅާއެކު ރާއްޖޭގެ ގްރޫޕްގެ ތިންވަނައިގައި ނިންމާލީ ހަތަރު ވަނައިގައި އޮތް ޓިމޯ ލެސްޓޭއަށްވުރެ ކޮޅަށް ވަން ގޯލެއް މަދުވުމުންނެވެ. ދެޓީމުވެސް ޕޮއިންޓްގެ ގޮތުންނާއި ފައިދާ ގޯލްގެ އިތުރުން ޖެހި ގޯލުންވެސް އޮތީ އެއްވަރުވެފައެވެ.