ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްތަކެއް ކުރާ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އުމުރުން 31 އަހަރު ސުޕަ ސްޓާރު ނޭމާ، މި ވަގުތު ބޮޑު އެއްބަސްވުމެއްގައި ޕީއެސްޖީ އާއެކު ހުރި އިރު، އޭނާއާ ކްލަބާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ. ނޭމާއާއި ޕީއެސްޖީ މެނޭޖުމަންޓާ ދެމެދު މައްސަލަތަކެއް ނޫޅޭ ނަމަވެސް، ދާދި ފަހުންވެސް ޕީއެސްޖީގެ އެންމެ ވަރުގަދަ ސަޕޯޓަރުން ގްރޫޕުން ނޭމާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
ޕީއެސްޖީގެ އެންމެ ވަރުގަދަ ފޭން ބޭސް "އަލްޓްރާސް" އިން ނޭމާއަށް ނުރުހުން އަމާޒުކޮށް، އޭނާގެ ގެ ކައިރިއަށް އެއްވެ އަޑުއުފުލާފައިވާ އިރު، މީގެ ކުރިންވެސް "އަލްޓްރާސް"އާ ނޭމާއާ ދެމެދު ވަނީ ގުޅުން ގޯސްވެފައެވެ. ބައެއް މެޗުތަކުގައި ނޭމާ ފައިގައި ބޯޅަ ޖެހުމުން ޕީއެސްޖީގެ ބައެއް ސަޕޯޓަރުން "ބޫ" ކުރި މަންޒަރުވެސް ދަނޑުން ފެނިގެން ގޮސްފައިވެއެވެ.
އެފަދަ ކަންތައްގަނޑެއްގެ ތެރޭގައި ނޭމާއާއި ޕީއެސްޖީއާ ދެމެދު ހިތް ނުތަނަވަސްކަމެއް އުފެދިފައިވާ އިރު، ބައެއް ނޫސްތައް ބުނީ ނޭމާ ގެންދަން ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން އިތުބާރު ފުޓްބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ، ނޭމާއާއި ޔުނައިޓެޑާ ދެމެދު އެއްވެސް ރަސްމީ ވާހަކަތަކެއް އަދި ދެކެވިފައި ނުވާ ކަމަށެވެ. އަދި މިހާރު ޔުނައިޓެޑްގެ ވެރިން ނޭމާއަށް މަސައްކަތް ނުކުރާ ކަމަށްވެސް ފަބްރީޒިއޯ ވަނީ ބުނެފައެވެ.
ނަމަވެސް ޔުނައިޓެޑާ އަލަށް ހަވާލުވާ ވެރިން އެކަމަށް މަސައްކަތް ކޮށްފާނެ ކަމަށް ބައެއް ނޫސްތައް ބުނެއެވެ. ޔުނައިޓެޑް ވިއްކާލުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ އިރު، މިހާރު ހިނގަމުންދަނީ ބިޑްގެ ފައިނަލް މަރުހަލާއެވެ. ބެލެވޭ ގޮތުގައި ޔުނައިޓެޑް ގަންނާނެ ކަމަށް ބެލެވެނީ ގަތަރުގެ ބޭންކަރު ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ ނޫނީ އިނގިރޭސި ބިލިއަނަރު ސާ ޖިމް ރެޓްކްލިފެވެ.
ޔުނައިޓެޑުން ނޭމާއާ އެއްވެސް ވާހަކައެއް ދެކެވޭތޯ ދާދިފަހުން ކޯޗު އެރިކް ޓެން ހާގާ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ބުނީ "އެކަމުގެ އެއްވެސް ހަބަރެއް ލިބިއްޖެނަމަ، ނޫސްވެރިންނާ އެވާހަކަ ހިއްސާކުރާނެ،" ކަމަށެވެ.