ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުން އެ މަނިކުފާނު ވަކި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރައްވަން އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާއެކު ވަނީ މިއަދު ހުށަހަޅައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި މިވަނީ، އެމްޑީޕީގައި ކުރިން ތިއްބެވި 12 މަޖިލިސް މެންބަރުންނާ އެކު އެ ޕާޓީން ވަކިވެ، "ދަ ޑިމޮކްރެޓްސް" ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށެވެ.

އީވާ މަޖިލީހުގެ ނައިބުގެ ރައީސްގެ މަގާމުން ވަކިކުރަން ހުށަހެޅުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒު، އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ބޭނުންފުޅު ވިޔަސް އެ މަނިކުފާނު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ނުކުރެއްވޭނެ ކަމަށެވެ.

"ބިގޭ، ނިޔާ، އަސްލަމް ވަރަށް ވިސްނަވާތި. އަޅުގަނޑު ވަކި ނުކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

އެ ގްރޫޕުގައި ނަޝީދު ވަނީ ނިޔާޒު، ރައީސް ސޯލިހަށް ބިރު ދައްކަވާ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް ނިޔާޒު ވިދާޅުވީ ބިރު ނުދައްކަވާ ކަމަށާއި އޭނާއަކީ ވަރަށް ޑިމޮކްރަޓިކް މީހެއް ކަމަށާއި އޭނާ ތަބާވަނީ މެޖޯރިޓީއަށް ކަމަށެވެ.

އިތުރު މެސެޖެއްގައި ނިޔާޒަށް އަމާޒުކުރައްވާ ނަޝީދު ވިދާޅުވީ، "ނިޔާ، ތިޔަކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓަވާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ،" ކަމަށެވެ.

އީވާގެ ބައްޕާފުޅަކީ ޅ. ހިންނަވަރު ދޭލިޔޭގެ ބޭފުޅެކެވެ. އީވާގެ ބައްޕާފުޅަކީ ރައީސް ސޯލިހާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އަދި ނިޔާއަކީ ރައީސް ސޯލިހުގެ ކޮއްކޯފުޅެވެ.

ނަޝީދުގެ އެ ވާހަކައާ ގުޅިގެން ނިޔާ ވިދާޅުވީ އީވާގެ މައްސަލައިގައި އިތުބާރު ނެތް ކަމަށް ނިންމަން އޭނާއަށް ވެސް ވަރަށް އުދަގޫވި ކަމަށެވެ. އަދި ވިދާޅުވީ އީވާ މަގާމުން ވަކިކުރަން ޖެހުނީ އެމްޑީޕީން ވަކިވުމުން ކަމަށާއި އީވާ އިތުރަށް އެ މަގާމުގައި ބަހައްޓަން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޕީޖީ ގްރޫޕުގައި ނަޝީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަން ނިމޭއިރު އެންމެ ގާތުގައި ހުންނަވާނީ އެ މަނިކުފާނު ކަމަށެވެ. އެ ވާހަކަތަކާ ގުޅިގެން ނިޔާ ވިދާޅުވީ ނަޝީދު، ރައީސް ސޯލިހާ އެކުގައި ހުންނަންވީ ވަގުތަކީ މިއީ ކަމަށެވެ.

"ނިޔާ، އަޅުގަނޑަށް މި ފެނުނީ ތިޔަ ދެބެއިން ބައެއްގެ ދަށު ވަރަށް ބޮޑަށް ވީ ތަން. އެކަމު ނިޔާ، ރައީސްކަން ގެއްލުނީމަ އަޅުގަނޑު ހުންނާނީ އެންމެ ކައިރީގައި" ނަޝީދު ވިދާޅުވިއެވެ.

އެގޮތަށް ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވަނީ ގްރޫޕުގައި ނުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުއްމުގުނީ ވިދާޅުވީ ނަޝީދު މުޅި ގައުމު ފިތުނަކުރައްވައިފި ކަމަށާއި އެ މަނިކުފާނުގެ މަގާމުން ވަކި ކުރެއްވުން އަވަސް ކުރައްވަން ޖެހޭ ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ނަޝީދަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީ ދޫކޮށްނުލެއްވޭނެ ކަމަށެވެ.