އަންނަ މަހު 21 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައި ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕް 2023 އަށް ގައުމީ ފުޓުބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ތަމްރީނުތައް ފަށާފައި ވަނީ 30 ކުޅުންތެރިންނާއެކުގައެވެ. އެއީ ފުރަތަމަ އިއުލާނުކުރި 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން 10 ކުޅުންތެރިން ބާކީކޮށްފައެވެ. ޓީމަށް ނެގި ކުޅުންތެރިންގެ ތެރެއިން ބާކީ ކުރި 10 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޔުނައިޓެޑް ވިކްޓަރީގެ ޝިފާން ހަސަން (ޝިފާންޓެ) އާއި ބުރު ސްޕޯޓްސް ކްލަބުގެ ފާރޫގު އިސްމާއީލާއި އެ ޓީމުގެ މުހައްމަދު ސާއިފް، ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ވިޝާހު އަބްދުލް މަޖީދުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓްސްގެ އަންސަރު އިބްރާހީމް (އަންކޮ) އާއި މުހައްމަދު ޖައިލަމް (އޮގީ)، ކްލަބު ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު)، ކްލަބު އީގަލްސްގެ އަހުމަދު ހަސަން (އަންމަޑޭ)، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަސަން ނަޒީމް (ޗޯޓު) އަދި ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކުޅުންތެރިޔަކީ އީގަލްސްއަށް މޮޅަށް ކުޅެމުން އަންނަ ރިޒޭއެވެ. ރިޒޭއަކީ އީގަލްސް ޕްރެސިޑެންޓްސް ކަޕްގެ ފައިނަލަށް ގެންގޮސްދޭންވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާއެވެ. އަދި އޭގެ ފަހުން ލީގުގައި ކުޅުނު މެޗުތަކުގައިވެސް ރިޒޭ ވަނީ ގިނަ ގޯލުތަކެއް ޖަހައި، ތަފާތު ދައްކައިފައެވެ.

ގައުމީ ޓީމުން މިރޭ ތަމްރީނުތައް ފަށައިގެން، ރާއްޖޭގައި ފަރިތަކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހާ ހަމައަށެވެ. އޭގެ ފަހުން ދެން ތަމްރީނު ކޭމްޕަށް ފުރާނީ ޖަޕާނަށެވެ. އަދި ރޭވިފައި އޮތް ގޮތުން ޓީމުން އިންޑިއާއަށް ދާނީ ޖަޕާނުންނެވެ.

ސާފް ޗެމްޕިއަންޝިޕް އަންނަ މަހުގެ 21 އިން ޖުލައި ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ތާރީހީ މުބާރާތަކަށެވެ. އެއީ މި މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޓީމަކުންވެސް ވާދަކުރާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާ އިރު، ސަރަހައްދުން ވާދަކުރަނީ ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝް އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަދި ޕާކިސްތާނާއި ބޫޓާނެވެ.

ރާއްޖެ ގްރޫޕް ބީގައި ހިމެނިފައިވާ އިރު، އެ ގްރޫޕުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ލުބުނާނާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.

  • ސަމޫހު އަލީ (ސަމުއްޓެ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ޝިފާއު (ކްރޯ)
  • އިބްރާހީމް އައިސަމް
  • ހައިޝަމް ހަސަން (ބިޑި)
  • ހަސަން ރާއިފް (ހަންނަ)
  • ހުސައިން ނިހާން (ނިހާޓް)
  • ހަސަން ޝިފާޒް (ޑުންގާ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ހުސައިން ޝަރީފް/ ގޯލްކީޕަރު
  • ނާއިޒް ހަސަން (ދާދު)
  • މުހައްމަދު އިރުފާން (އިރޭ)
  • އަލީ ފާސިރު (ސެންޓޭ)
  • މުހައްމަދު ފައިސަލް/ ގޯލްކީޕަރު
  • އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
  • ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
  • ހުމައިދު ހުސައިން
  • މުހައްމަދު ޝަފީއު (ޗެކް)/ ގޯލްކީޕަރު
  • މުހައްމަދު ޝަހާއު (ބޭލް)
  • އަހުމަދު އައިހަމް (ޕަތޯ)
  • މުހައްމަދު ނިޒާމް (ޕީކޭ)
  • އަހްނަފު ރަޝީދު (އަހުއްކޮ)
  • އިބްރާހީމް އުސާމާ
  • މުހައްމަދު ނާއިމް
  • ޝައިހާން އަލީ/ ގޯލްކީޕަރު
  • އަހުމަދު ބައްސާމް (ބައްކު)
  • އަލީ ނާޖިހު/ ގޯލްކީޕަރު
  • ޝަނާން ރަޝީދު
  • އިބްރާހީމް ވަހީދު ހަސަން (އިއްބެ)
  • އަހުމަދު މާއިޝް ރަޝީދު