Close
ރިޕޯޓް

ނަޝީދު އެމްޑީޕީގައި، ޑިމޮކްރޭޓްސް އުފެއްދުމަށް ޑިމޮކްރެޓިކް ހަމަތައް މުގުރާލައްވަނީތަ؟

އަލީ ޔާމިން

އެއް ބަޔަކު ސިފަކުރާ ގޮތުގައި، ގ. ކެރެނީގޭ، މުހައްމަދު ނަޝީދަކީ ޑިމޮކްރަސީގެ "ބައްޕަ"އެވެ. ޑިމޮކްރަސީއާއި ހެޔޮ ވެެރިކަމުގެ ވާހަކަ ދައްކަވައެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދުވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ޕާޓީ ވުޖޫދުވެގެން އައީ ހަމައާއި އިންސާފު ގާއިމުކޮށް ޑިމޮކްރަސީގެ އުސޫލުތައް ރާއްޖޭގައި ތަންފީޒުކުރުމަށެވެ. އެމްޑީޕީގެ ރަން ރީނދޫ ކުލައިގެ ބިޔަ ފައުޖު ނުކުމެ، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިއަކަށް ރައީސް ނަޝީދު އިންތިހާބު ކުރީ އެ އުންމީދުގައެވެ. ޑިމޮކްރެޓިކް ވެރިކަމެއް ރާއްޖޭގައި ކުރުމަށެވެ.

ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ފުރޮޅިގެން ދިއުމުންވެސް ނަޝީދުގެ އަޑު ފަނޑުވެގެނެއް ނުދިޔައެވެ. ވެރިކަން ބަދަލުވީ "ބަގާވާތަކުން" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ކުރި މުޒާހަރާތަކާ ގުޅިގެން ނަޝީދުގެ މަގުބޫލުކަންވީ އިތުރެވެ. ނަޝީދުގެ ވެރިކަމަށް ފަހު، ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ދައުރުގެ ބާކީ އޮތް ބައި ޑރ. ވަހީދުގެ ވެރިކަމުގައި ފުރިހަމަކޮށް ރާއްޖެ ދެން ކުރިމަތިލީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއެވެ. އެ އިންތިހާބުގައި އެމްޑީޕީ ބަލިކޮށް ރާއްޖޭގެ ވެރިކަން ލިބުނީ ޕީޕީއެމަށެވެ. ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ވެރީން ހައްޔަރުކުރިއެވެ.

ޕީޕީއެމްގެ ވެރިކަމުގައި ކުރިމަތިވި ތުރާތަކުން މިންޖުވުމަށް، ހަތުރުން މިތުރުންނަށް ވެ، އެއްގަކަލަށް އެރިއެވެ. ދެހާސް އަށާރަ ވަނަ އަހަރުގެ އިންތިހާބު ބޯމަތިވިއިރުވެސް އެމްޑީޕީގެ ރޫހަކީ ރައީސް ނަޝީދެވެ. ޑިމޮކްރެޓިކް ވެރިޔަކު އެ ނޫނީ ނެތްކަމުގައި އެއް ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ ގާނޫނީ ޖާގައެއް ނެތުމުން ކޮންގުރެހެއް ބޭއްވުމަށް ފަހު ރިޔާސީ ޓިކެޓު އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރިއެވެ. ރައީސް ސޯލިހު ވަނީ ބޮޑު ތަފާތަކުން ޕީޕީއެމް ބަލިކުރައްވައި ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް އެމްޑީޕީއަށް ހޯއްދަވައިއިދެއްވައިފައެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރެއްހާ ދުވަހު ސަރުކާރުގައި ނަޝީދުގެ ބާރު އިންތިހާއަށް ގަދައެވެ. އިންތިހާއަށް ނުފޫޒު އޮތެވެ. ނަޝީދު ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ކުރާ އުސޫލެއް އެމްޑީޕީގެ ތެރޭގައިވެސް އަށަގެންފައި އޮތެވެ. މަޖިލީސް ރައީސަކަށް ހުންނަވައިގެން އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުގައި ވެސް ނަޝީދަށް އޮތް ކޮންޓްރޯލް ކުޑައެއް ނޫނެވެ. ނަމަވެސް، ނަޝީދުގެ ފަރާތްޕުޅުން ފެންނަން ފެށި ބައެއް ކަންކަމާހުރެ، އެމްޑީޕީގެ މެންބަރުން ނުރުހި އެކަމާ ވާހަކަ ދައްކަން ފެއްޓިއެވެ. ކުރީ ސަފަށް ނުކުމެ، އެމްޑީޕީގެ ތެރެ ފަޅައިގެން ގޮސް، ރައީސް ސޯލިހުގެ ފަޅިއަކާއި ރައީސް ނަޝީދުގެ ފަޅިއެއް އުފެދުނެވެ. މިހާރު، މީހުންވެސް މެންބަރުންވެސް ގިނައީ ރައީސް ސޯލިހުގެ ފަޅީގައެވެ. ނަޝީދުގެ ބާރު އެމްޑީޕީގައި ދަށްވާން ފެށިއެވެ. އެކަން އެންމެ ރަނގަޅަށް ހާމަވެގެން ގޮސްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައެވެ. ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން ނަޝީދު ވާދަކުރެއްވިއިރު، އަނެއްކޮޅުން ވާދަކުރެއްވީ ރައީސް ސޯލިހެވެ. އެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވީ ރައީސް ސޯލިހެވެ.

ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތަސް އެކަން ގަބޫލުކުރައްވަން ނަޝީދު ބޭނުންފުޅެއް ނުވިއެވެ. އެހެންވެ އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއެކު "ފިކުރެއްގެ ދިރުމުގެ" ނަމުގައި ހަރަކާތެއް ފެއްޓެވިއެވެ. އަދި ތާއީދު ފޯމުތަކެއްވެސް ފުރުއްވިއެވެ. "ފިކުރެއްގެ ދިރުމުން" ތާއީދުކުރާނެ ކެންޑިޑޭޓަކު ދައްކާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ފިކުރެއްގެ ދިރުމުގެ ހަރަކާތްތައް ފުޅާވެ، އެ ފިކުރުގެ 12 މެންބަރަކު މިހާރު އެ ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އޭގެ ކުރިން އެ ފިކުރުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އެމްޑީޕީން ވަކިވެވަޑައިގަތް 12 މެންބަރުން ވަނީ "ފިކުރެއްގެ ދިރުމުން" ސިޔާސީ ޕާޓީއެއް އުފައްދަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ދައްކާނެ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ފަހުން ފިކުރެއްގެ ދިރުމުން މިވަނީ "ދަ ޑިމޮކްރޭޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި އެދިފައެވެ.

"އަޅުގަނޑުމެން ހުރިހާ ކަމެއްވެސް މި ކުރަނީ ރައީސް ނަޝީދުގެ އެނގުމާއި ދަތުމާއި މަޝްވަރާގެ މަތިން. ރައީސް ނަޝީދުގެ މަޝްވަރާއާ ނުލައި އަޅުގަނޑުމެން އެއްކަމެއްވެސް ނުކުރާނަން." ފިކުރެއްގެ ދިރުން އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވާ ހަސަން ލަތީފް "ވަން" އަށް ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުން އުފައްދަން އުޅޭ "ދަ ޑިމޮކްރޭޓްސް"ގެ އަޑީގައި ހުންނެވީ ރައީސް ނަޝީދުކަން ސާފުވެއެވެ. ނަމަވެސް އެކަން ފިކުރެއްގެ ދިރުމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ބޭފުޅުން ވިދާޅުވިހާވެސް އެއްޗަކީ އެއީ ރައީސް ނަޝީދުގެ ނިންމެވުމެއް ކަމަށާއި އެމްޑީޕީ ދޫކޮށްލަންވީމާ އެނގިވަޑައިގަންނަވާނީ ނަޝީދަށް ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދާ ނަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށް ޕާޓީގެ ބައެއް މެންބަރުން ދެކެވަޑައިގަންނަވައެވެ. އެމްޑީޕީގެ ތެރެއިން އެހެން ޕާޓީއެއް އުފެއްދެވުމުގައި ނަޝީދު އުޅުއްވުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމުގައިވެސް ބައެއް މެންބަރުން ދެކެވަޑައިގަންވައެވެ. ނަމަވެސް ނަޝީދަށް ފިޔަވަޅު އަޅަން އެމްޑީޕީން އަދިވެސް ބޭނުމެއް ނުވެއެވެ. އެކަމާ ޖެހިލުންވެވަޑައިގަންނަވާ ކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

"ހަމަ ނަޝީދުވީމަ ޖެހިލުންވޭ، ނަޝީދަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް" މިމަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގައި ނަޝީދު ހުންނެވި ނަމަވެސް، އެމަނިކުފާނުގެ އެނގުމާއި ދަތުމުގެ ތެރެއިން އާ ޕާޓީއެއް އުފަން ކުރުމުގެ މަސައްކަތް ކުރެއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުކަމެއް ކަމުގައިވެސް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް، ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ އޮންނަވާނީ ގޭގައި ކަމަށް ވިދާޅުވެ، އަޑީގައި ހުންނަވައި "ދަ ޑިމޮކްރޭޓްސްގެ" ނަމުން ނަން ދީގެން ސިޔާސީ ޕާޓީއެއް ހެއްދެވުމަކީވެސް ޑިމޮކްރަސީގެ އުސޫލާ ހިލާފުކަމެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

"ޑިމޮކްރަސީގެ ރީތި ގޮތަކީ އިންތިހާބަކުން އަދި ހާއްސަކޮށް ރިޔާސީ ޕްރައިމަރީއަކުން ނާކާމިޔާބުވެވަޑައިގެންފިނަމަ މޮޅުވި ކެންޑިޑޭޓެއްގެ ފަހަތަށް އަރައިވަޑައިގަތުން. އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލަކީ" އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް މިހާރު އެވަނީ އެދިފައެވެ. މައްސަލައެއް ނޫޅޭނަމަ ބުދަ ދުވަހު އެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދޭނެއެވެ. އޭގެ ފަހުގައި ޕާޓީއަށް މެންބަރުން ހަމަކޮށް އޮޕޯސިޝަން ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ފަށާއިރު، ޕާޓީގެ އަޑީގައި އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައި އަދި މަޖިލިސް ރައީސްކަމުގައި ނަޝީދު ހުންނެވުމަކީ ޑިމޮކްރެޓިކް އުސޫލު އެމަނިކުފާނު މުގުރައިލުން ކަމުގައި ނޫނީ ނުވާނެއެވެ. އެހެން ވެއްޖެ ނަމަ ޑިމޮކްރޭޓްސް އުފަންވަނީވެސް ޑިމޮކްރެސީއާ ހިލާފު އަސާސްތަކެއްގެ ތެރެއިން ކަމަށް ބުނާ މީހުން މަދެއް ނުވާނެ އެވެ. އެމްޑީޕީން ނަޝީދާ ދެކޮޅަށް ފިޔަވަޅު ނޭޅުމަކީ އަދި އެހެން މައްސަލައެކެވެ. އެކަމަކު ސިޔާސީ ޕާޓީއެއް އުފައްދާއިރު އެހެން ޕާޓީއެއްގެ ތެރޭގައި ހުންނަވައިގެން އެކަން ކުރެއްވުމަކީ ޑިމޮކްރެޓިކް ގޮތެއް ނޫނެވެ. އެ ދެއްކެވެނީ ޑިމޮކްރެޓިކް ނަމޫނާއެއް ނޫނެވެ. ޕާޓީވެސް އުފައްދަވަން ވީ އެވެ. ސިޔާސީ މަސައްކަތްވެސް ކުރައްވާންވީ އެވެ. އެކަމަކު ޑިމޮކްރެޓިކް ހަމަތަކުން ނަމޫނާ ދައްކަވާށެވެ. އެއް ޕާޓީގެ ރައީސް ކަމުގައި ހުންނަވައިގެން، އެ ޕާޓީއާ ދެކޮޅަށް އެހެން ޕާޓީއެއް އުފެއްދެވުމަކީ ޑިމޮކްރެޓިކް ހަމައެއް ނޫނެވެ.