Close
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑަށް ގަދަ ހަތަރެއް ޔަގީންކުރަން ބޭނުންވަނީ ޕޮއިންޓެއް، ލިވަޕޫލަށް އުންމީދެއް ހޯދައިދިނީ ފިރްމީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުން މޮޅުވި އިރު، ލިވަޕޫލުން ކުޅުނު މެޗުގައި ފަހު ވަގުތު އެސްޓޮން ވިލާ ކައިރިން އެއްވަރުވެއްޖެއެވެ.

މިރޭ ޔުނައިޓެޑުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ބޯންމައުތު 1-0 އިން ބަލިކުރި އިރު، ލިވަޕޫލުން އަމިއްލަ ދަނޑުގައި ވިލާ ކައިރިން އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. ޔޫރަޕްގެ ޖާގައަކަށް މަސައްކަތް ކުރަމުންދާ ޓޮޓެންހަމްއިން މިއަދު ކުޅުނު ލީގު މެޗުގައި ބްރެންޓްފޯޑް ކައިރިން 3-1 އިން ބަލިވެފައި އޮތްއިރު، އެ ޓީމު މިހާރު ވަނީ އަށްވަނައަށް ވެއްޓިފައެވެ.

ހަތްވަނައިގައި ވިލާ އޮތީ 37 މެޗުން 58 ޕޮއިންޓާ އެކުގައެވެ. ބްރައިޓަން ހަވަނައިގައި 35 މެޗުން 58 ޕޮއިންޓާއެކު އޮތް އިރު، ލިވަޕޫލް ފަސް ވަނައިގައި އޮތީ 37 މެޗުން 66 ޕޮއިންޓާ އެކުގައެވެ. ހަތަރު ވަނައިގައި އޮތް ޔުނައިޓެޑަށް ލީގުގައި ބާކީ ދެ މެޗު އޮތް އިރު، 36 މެޗުން 69 ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ގަދަ ހަތަރެއް ޔަގީންކުރަން ބޮޑު ފުރުސަތެއް ލިބިފައެވެ. އެ ޓީމަށް ދެން ބާކީ އޮތް ދެ މެޗުން ބޭނުންވަނީ ޕޮއިންޓެކެވެ.

ލިވަޕޫލަށް ގަދަ ހަތަރެއްގެ ފުރުސަތެއް ދެން އޮތީ ނިއުކާސަލް ނޫނީ ޔުނައިޓެޑް ދެން އޮތް ދެ މެޗުންވެސް ބަލިވެއްޖެ ނަމަ އެކަންޏެވެ.

ޔުނައިޓެޑުން ބޯންމައުތާ ދެކޮޅަށް މިރޭ ކުޅުނު މެޗުގައި މާ ގިނަ ހަމަލާތަކެއް ފެނިފައެއް ނުވެއެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ބްރެޒިލްގެ ކަސެމީރޯ ޔުނައިޓެޑަށް ލީޑު ނަގައިދީފައިވާ އިރު، އެ ގޯލަކީ ކްރިސްޓިއަން އެރިކްސަންގެ ހިތްގައިމު ޕާހެއް، އޯވަހެޑަކުން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ގަދަ ހަތަރަކަށް އުންމީދެއް ހޯދުމަށް މިރޭ ނުކުތް ލިވަޕޫލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ފުރުސަތައް ބޮޑަށް ފަހިކުރީ ވިލާއިންނެވެ. އިބްރާހީމް ކޮނާޓޭ އޭރިއާ ތެރެއިން އޮލީ ވޮޓްކިންސްއަށް ކުރި ފައުލަކަށް ޕެނަލްޓީއެއްވެސް ލިބިފައިވާ އިރު، ޕެނަލްޓީ ވޮޓްކިންސް ޖެހީ ބޭރަށެވެ.

ނުރައްކާ ކުރަމުންދިޔަ ވިލާއިން ހާފު ނިންމާލީ ލީޑުވެސް ނަގައިގެންނެވެ. އުނައި އެމެރީގެ ވިލާއަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ ޖޭކޮބް ރަމްސޭއެވެ. ރަމްސޭ ގޯލު ޖެހީ ޑަގްލަސް ލުއިސްގެ ހުރަހަކުންނެވެ. ފަހު ހާފަށް ނުކުމެ ލިވަޕޫލުން ކުޅުން ރަނގަޅުކޮށްފައިވާ އިރު، ކޯޑީ ގަކްޕޯ ފޮނުވާލި ބޯޅައެއް ގޯލަށްވެސް ވަނެވެ. އެހެން ނަމަވެސް ރެފްރީ ވީއޭއާރްގެ އެހީގައި ނިންމީ އެ ބޯޅަށް ގަކްޕޯ މަސައްކަތްކުރި އިރު، އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

މިރޭގެ މެޗަކީ ލިވަޕޫލްގެ ޖޭމްސް މިލްނާއާއި ރޮބާޓޯ ފިރްމީނޯ އެންފީލްޑްގައި ކުޅުނު ފަހު މެޗެވެ. މި ސީޒަން ދެ ކުޅުންތެރިންވެސް ކްލަބު ދޫކޮށްލަން ނިންމާފައިވާ އިރު، ފިރްމީނޯގެ ގޯލު ފެނިގެން ދިޔައީ މެޗުގެ 89 ވަނަ މިނެޓުގައެވެ. އެއީ ލިވަޕޫލަށް ކުޅުނު އަށް އަހަރު ތެރޭގައި އޭނާ ޖަހައިދިން 110 ވަނަ ގޯލެވެ.

އެ ގޯލާއެކު އެންފީލްޑުން ފިރްމީނޯއަށް ހާއްސަ ސަޕޯޓެއް ދީފައިވާ އިރު، އޭނާ މެޗަށްފަހު ދަނޑުން ފައިބައިގެން ދިޔައީ އަސަރާއެކުގައެވެ.