ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފިޔަވަޅު އަޅުއްވަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ފައްޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ވަކި ބޭފުޅެއް ޕާޓީއެއް ނޫން ކަމަށެވެ. އެ ޕާޓީއަށް ބައިވަރު ލީޑަރުންނާއި އެކްޓިވިސްޓުން އައިސްފައި ހިނގައްޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަޝީދުގެ ފަރާތްޕުޅުން ޕާޓީއަށް ގެއްލުންވާ ކަންކަން ފެނުނަސް، ފިޔަވަޅު ނާޅުއްވައި މަޑުކުރައްވަނީ، އެމަނިކުފާނަށް ކުރައްވާ އިހުތިރާމެއްގެ ބޮޑު ކަމުން ކަމަށާއި ނަމަވެސް ފިޔަވަޅު އަޅުއްވަންޖެހޭ ހިސާބަށް ދިޔުމުން، ނަޝީދަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފިޔަވަޅެއް އަޅާނީ ބަގާވާތަކަށް ގޮވާލާ ހިސާބުން. އަޅުގަނޑުމެންގެ ކެބިނެޓުގަ ތިބި މީހުން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރައްވާ ހިސާބުން ދެން އަޅުގަނޑުމެންނަށް އެއްވެސް ގޮތެއް ނެތުނީމާ އެންމެ ފަހުން ވެސް އަޅުގަނޑުމެން ފިޔަވަޅެއް މިއެޅީ،" ފައްޔާޒު ވިދާޅުވިއެވެ.
"ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އުސޫލުތަކެއް އެބައޮވޭ އިނގޭތޯ. އެ އުސޫލުތަކުގެ ތެރެއިން ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ރައީސް ނަޝީދު ވިޔަސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިޔަސް، ޗެއާޕާސަންވިޔަސް އެ އަޅަންޖެހޭ ހާލަތަކަށް އަޅުގަނޑުމެންގެ ޕާޓީއަށް އެއިރެއްގެ އެންމެ ފައިދާވާނެ ގޮތަކަށް އަޅުގަނޑުމެން ކަންކަން ބައްޓަން ކުރާނީ. ވަރަށް ސާފުކޮށް މި ދަންނަވަނީ އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން، އެމްޑީޕީއަކީ ދިވެހި ވަރަށް ގިނަ ރައްޔިތުންގެ ގުރުބާންވުމުގެ ތެރެއިން އުފެދިފައި އޮތް ފިކުރެއް،"
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ފިކުރު ދެމެހެއްޓުމުގެ ޒިންމާ މިހާރު މަތިވެފައިވަނީ އޭނާއަށް ކަމަށެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީއަށް ލިބެންޖެހޭ ހުރިހާ ގެއްލުމެއް ލިބިފައިވާ ކަމަށާއި އިތުރަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.
"މި ޕާޓީއަށް ދެވޭނެ އިތުރު ޑެމޭޖެއް ނެތް. ރައީސް ނަޝީދަކަށްވެސް އެހެން ބޭފުޅަކަށްވެސް. ދެވޭނެ ހުރިހާ ޑެމޭޖެއް ދީފި. އަޅުގަނޑުމެން އެކަން ތަހައްމަލުކޮށްލައިގެން މި ތިބެނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މަސައްކަތް ކުރައްވަނީ އަދި އިސްކަން ދެއްވަނީވެސް ފިޔަވަޅު އެޅުއްވުމަށްވުރެ މަސްލަހަތަށް މަސައްކަތް ކުރައްވަން ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ރައީސް ނަޝީދު، އެމްޑީޕީގައި ހުންނަވާނަމަ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކި ޕާޓީއެއް ހައްދަވައިފިނަމަ، ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަކީ އެދިވަޑައިގަތުމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު