އެމްޑީޕީ ތެރޭގައި އޮތް ބައިބައިވުން ހައްލުވާން އޮތީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓު ދީގެން ކަމަށާއި ނަމަވެސް މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދީފައި އޮތް އެއްޗެއް އަތެއް ނުލެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވި ނަމަވެސް ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް ތާއީދު ނުކުރަން ނިންމަވާފައެވެ. އަދި ނަޝީދު ގެންދަވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ހަރަކާތެއްވެސް ހިންގަވަމުންނެވެ. އެ ހަރަކާތް ފުޅާވެ، ނަޝީދު ފަޅީގައި ތިބި އެމްޑީޕީގެ 12 މެންބަރަކު އިއްޔެ ވަނީ ޕާޓީން ވަކިވެ، "ފިކުރެއްގެ ދިރުމުގެ" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، އެމްޑީޕީ އެއްކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށާއި ނަމަވެސް އެކަމުގައި އޭނާ ފެއިލްވެއްޖެ ކަމަށެވެ.
"މީގެ މައްސަލައަކީ ވެރިކަމުގެ މައްސަލައެއް. ޕާޓީގެ އާއްމު މެންބަރުން ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް، ރައީސް ސޯލިހުވެސް އެކަމަށް ކުރިމަތިލައްވާފައި ހުރި ހިނދެއްގައި އެހެން ބޭފުޅަކު އެކަން ބޭނުންފުޅުވި ނަމަވެސް އެކަން ދޫކޮށްލަން ރައީސް ސޯލިހަށް ދެންނެވުމަކީ އަޅުގަނޑުމެންނަށް ދަތިކަމަކަށް ވޭ. އެހެންވީމާ އެއްވާން އޮތީ އެންމެ ގޮތެއް. އެއްވާން އޮތީ ރައީސް ނަޝީދަށް ޓިކެޓު ދީގެން، އެ ނޫން ގޮތަކަކަށް އެއްވެވޭކަށް ނެތް" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ އެންމެ އިސް އެއް ބޭފުޅާ ކަމަށާއި ވަރަށް ގިނަ ބައެއްގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންވެ، ނަޝީދަށް ފިޔަވަޅު އެޅުމަށް ދަތި ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު