އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން 40 ކުޅުންތެރިންގެ ޕްލިމިނަރީ ސްކޮޑެއް އިއުލާނު ކޮށްފިއެވެ.
ސާފް ޗެމްޕިއަންޝިޕް އަންނަ މަހުގެ 21 އިން ޖުލައި ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، މިފަހަރުގެ މުބާރާތް ވެގެންދާނީ ތާރީހީ މުބާރާތަކަށެވެ. އެއީ މި މުބާރާތުގައި ސަރަހައްދުން ބޭރުގެ ދެ ޓީމަކުންވެސް ވާދަކުރާތީއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދެކުނު އޭޝިއާ ބޭރުން ކުވައިތާއި ލުބުނާން ވާދަކުރާ އިރު، ސަރަހައްދުން ވާދަކުރަނީ ރާއްޖެއާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝްއާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އަދި ޕާކިސްތާނާއި ބޫޓާނެވެ.
މުބާރާތަށް ރާއްޖެއިން ތައްޔާރުވުންތައް މި ހަފުތާގެ ލީގު މެޗުތަކަށްފަހު ފަށާނެއެވެ. މި ހަފުތާ ލީގު މެޗުތަކަށްފަހު ލީގު ބްރޭކަށްދާ އިރު، މިއަދު އިއުލާން ކޮށްފައި ވަނީ ޕްރިލިމިނަރީ 40 ކުޅުންތެރިން ހިމެނޭ ސްކޮޑެވެ. މިއަދު އިއުލާނު ކުރި ސްކޮޑުގައި ގައުމީ ޓީމާއެކު 100 މެޗު ހަމަކުރުމަށް މަސައްކަތް ކުރަމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ)ގެ ނަން ހިމަނާފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ދަގަނޑޭ ސްކޮޑުގައި ނުހިމެނީ އޭނާ ކަކުލުގެ އަނިޔާއެއްގައި ހުރުމުންނެވެ. ދަގަނޑޭ މި ސީޒަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއެކު ފޯމް ރަނގަޅުކޮށް ފެށި ނަމަވެސް، ޕްރެސިޑެންޓްސް ކަޕް ގްރޫޕް ސްޓޭޖުގައި ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ކަކުލަށް އަނިޔާވިއެވެ. އޭގެފަހުން އަދި ސީޒަނުގައި ކުޅެފައިނުވާ އިރު، ބެލެވޭ ގޮތުގައި ދަގަނޑޭގެ އަނިޔާ ސީރިއަސް އެވެ. އަދި އޭނާ ދެން ކުޅެން ނުކުންނާނީ ސާޖިރީއަކަށްފަހުގައި ކަމަށްވެސް ވަނީ ބެލެވިފައެވެ.
ދަގަނޑޭއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ރާއްޖެއިން ސާފް ނެގި ޓީމުގައި ދަގަނޑޭ ނުހިމެނުނު ނަމަވެސް، 2008 ވަނަ އަހަރު ސާފް ނެގުމަށް އެންމެ ބޮޑު ހިތްވަރެއް ކުރީ އޭނާއެވެ. ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ދަގަނޑޭ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފްގައިވެސް ރަނގަޅަށް ކުޅެ، ގިނަ ގޯލުތަކެއް ޖެހި އިރު، އޭނާ ނުލައި މިފަހަރު ސާފަށް ދިޔުން ވެގެންދާނީ ސަޕޯޓަރުންނަށް ލިބޭ ކޮންމެވެސް ވަރެއްގެ މާޔޫސް ކަމަކަށެވެ.
މިއަދު އިއުލާނު ކުރި ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ހިމަނާފައިވާ އިރު، ޓީސީގެ އަހުމަދު މާއިޝް ރަޝީދާއި ކްލަބު ގްރީން ސްޓްރީޓްސް އަންސަރު އިބްރާހީމާއި ކްލަބު ވެލެންސިއާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވެސް ސްކޮޑުން ފާހަގަކޮށްލެވެއެވެ. ވެލެންސިއާގެ ހާލަތު ހުރި ގޮތުން މި ސީޒަނަށް އިއްބެ އެ ކްލަބަށް އަދި ރަޖިސްޓްރީވެފައި ނުވާ އިރު، އޭނާ އަދި ސީޒަނުގައި ކުޅެފައެއް ނުވެއެވެ. އިއްބެއަކީ 2018 ވަނަ އަހަރު ރާއްޖެއިން ސާފް ހޯދި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އޭގެ އިތުރުންވެސް ބުރުގެ ޒުވާން ކުޅުންތެރިޔާ އިބްރާހީމް އުސަމާ އާއި އެޓީމުގެ ޒުވާން ގޯލްކީޕަރު ޝައިހާން އަލީ އަދި ޑިފެންޑަރު ފާރޫގު އިސްމާއީލަށްވެސް ކޯޗު ވަނީ 40 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ދީފައެވެ. އަދި ހަމައެއާއެކު ޔޫވީގެ ޒުވާން ފޯވަޑް ޝަނާން ރަޝީދަށްވެސް ކޯޗު ފުރުސަތު ދީފައިވެއެވެ.
- ސަމޫހު އަލީ (ސަމުއްޓެ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު (ކްރޯ)
- އިބްރާހީމް އައިސަމް
- ހައިޝަމް ހަސަން (ބިޑި)
- ހަސަން ރާއިފް (ހަންނަ)
- ހުސައިން ނިހާން (ނިހާޓް)
- ހަސަން ޝިފާޒް (ޑުންގާ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހުސައިން ޝަރީފް/ ގޯލްކީޕަރު
- ނާއިޒް ހަސަން (ދާދު)
- މުހައްމަދު އިރުފާން (އިރޭ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު ފައިސަލް/ ގޯލްކީޕަރު
- ހަސަން ނަޒީމް (ޗޯޓު)
- އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
- އަހުމަދު ހަސަން (އަންމަޑޭ)
- ހުމައިދު ހުސައިން
- އަހުމަދު ރިޒުވާން (ރިޒޭ)
- މުހައްމަދު ޝަފީއު (ޗެކް)
- މުހައްމަދު ޝަހާއު (ބޭލް)
- އަހުމަދު އައިހަމް (އައިހު)
- މުހައްމަދު ނިޒާމް (ޕީކޭ)
- ވިޝާހު އަބްދުލް މަޖީދު
- އަހްނަފު ރަޝީދު (އަހުއްކޮ)
- އިބްރާހީމް އުސަމާ
- މުހައްމަދު ނާއިމް
- ޝައިހާން އަލީ/ ގޯލްކީޕަރު
- މުހައްމަދު ސާއިފް
- ފާރޫގު އިސްމާއީލް
- އަހުމަދު ބައްސާމް (ބައްކު)
- އަލީ ނާޖިހު/ ގޯލްކީޕަރު
- ޝިފާން ހަސަން (ޝިފާންޓެ)
- ޝަނާން ރަޝީދު
- އަންސަރު އިބްރާހީމް (އަންކޮ)
- މުހައްމަދު ޖައިލަމް (އޮގީ)
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
- އަބްދުﷲ ޔާމީން
- އަހުމަދު މާއިޝް ރަޝީދު
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް