ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ، އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރޭ ވިޕްލައިނާ އެ ގްރޫޕްގެ ބައެއް މެންބަރުން ހިލާފުވާ މައްސަލައިގައި ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޕީޖީ ގްރޫޕާ މަޝްވަރާ ކުރައްވައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޕީޖީ ގްރޫޕާއެކު ރައީސް ސޯލިހު ރޭ ބޭއްވެވި ބައްދަލުވުމަކީ، މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެ ކުރިން ސިލްސިލާކޮށް ޕީޖީ ޕްރޫޕާއެކު ސިލްސިލާކޮށް ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން، މާދަމާ މަޖިލީހުގެ ދެވަނަ ދައުރު ފެށޭތީ ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ މި ފެށޭ ދައުރުގައި ކުރިއަށްގެންދާނެ މަސައްކަތްތަކާއި، މަޖިލީހުގައި މަޑުޖެހިފައިވާ މަސައްކަތްތައް އަވަސް ކުރުމާބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު ނަން ނުޖެހުމަށް އެދިވަޑައިގެން "ވަން" އަށް ވިދާޅުވީ، އިދިކޮޅު ފަރާތްތަކާއި، އެމްޑީޕީގެ ބައެއް މެންބަރުން ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި އިތުރު ވަޒީރުންގެ އިތުބާރުނެތް ކަމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އިންޒާރު ދީފައިވާ މައްސަލައިގެ އިތުރުން، ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ވިޕްލައިނާ ހިލާފުވާ މައްސަލައާމެދުވެސް ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ޗާގޯސް މައްސަލައިގައި އޭޖީ ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި ނަމަވެސް ޝާހިދުގެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.
އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތިބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމުގެ އިންޒާރުވެސް އިދިކޮޅު ފަރާތްތަކުން ވަނީ ދީފައެވެ.
ޕީޖީ ގްރޫޕުން ޖެރޭ ވިޕްލައިނާ ހިލާފުވާ މައްސަލައިގައި މަޝްވަރާ ކުރައްވާފައިވާއިރު، އެ މައްސަލަ ހިމެނޭގޮތުން، ޕީޖީގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއިކުރި މައްސަލައިގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ފިޔަވަޅު އަޅައި އޭނާ ވަނީ އެމްޑީޕީން ވަކި ކޮށްފައެވެ.
މީގެ އިތުރުން ވިޕްލައިނާ ހިލާފުވާ މައްސަލައިގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފަށް، ޕާޓީން ވަކި ކުރުމުގެ ކުރީން ފަހުގެ އިންޒާރެއްގެ ގޮތުން ވަނީ ނަސޭހަތްދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު