Close
ޚަބަރު

ޝަރީއަތްތަކާ ގުޅޭގޮތުން ޝަކުވާކުރާތީ ޖަމީލުގެ ހިތްހަމަނުޖެހުން ޔާމީންގެ ސަޕޯޓަރުންނަށް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކާ ގުޅޭ ގޮތުން އެ މަނިކުފާނުގެ ސަޕޯޓަރުން ޝަކުވާ ކުރާތީ ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ނުރުހުން ފާޅުކުރައްވައިފި އެވެ.

ރޭ ޕީޕީއެމުން ބޭއްވި ހަރުގެ ޖަލްސާގައި ޑރ. ޖަމީލް ވިދާޅުވީ، އާރަށް މައްސަލައިގައި ހައި ކޯޓުގެ އިސްތިއުނާފު ލަސްވާތީ އާއި އެހެން މައްސަލަތަކުގައި އެ ޕާޓީގެ ސަޕޯޓަރުން އޭނާއާ ސުވާލު ކުރާ ކަމަށެވެ.

"އަޅުގަނޑު ބައެއް ފަހަރު ތިބޭފުޅުންނާ މެދު ހިތްހަމަނުޖެހުން އެބައޮތް. އޭގެ ސަަބަބަކީ އަޅުގަނޑާ ދިމާވާ ކޮންމެ ފަހަރަކު ބައެއް ބޭފުޅުން ލޮލުން ކަރުނަ، ދެން ވާނީ ކިހިނެއްހޭ؟ ބަލަގަ މިކަން ވާތީ މިހެން މި ވަނީ. މި ކަމުގެ ނިޝާނެއް ރައީސް ޔާމީނަށް މި ތަކުލީފު އައުމަކީ. މި ގޮތަށް މި ތަކުލީފު އަންނަނީ ކީއްވެގެންތޯ ތިބޭފުޅުން ސުވާލު ކޮށްލަން އެބަ ޖެހޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލަ ލަސްވަނީ ދަށު ކޯޓުގެ ފަނޑިޔާރުން ވިދާޅުވާ އެއްވެސް ހެއްކެއް އެއްވެސް ދިމާލަކުން ފެންނަން ނެތުމުން ކަމަށެވެ.

"ތިބޭފުޅުންގެ ސުވާލުތައް އަތޮޅުތަކުގެ ތެރެއިން ވެސް އަންނާތީ އަޅުގަނޑަށް ވަރަށް ބޮޑު މައްސަލައަކަށް އެބަވޭ. އެއީ މި އިތުބާރު ފުރަތަމަ އަޅުގަނޑުމެން އޮންނަން އެބަޖެހެއޭ" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، މަތީ މަރުހަލާގައި ޔާމީން މިނިވަންވެވަޑައިގަންނަވާ ނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެއީ އެބޭފުޅާ އަމިއްލައަށް ވިދާޅުވާ ވާހަކައެއް ނޫން ކަމަށެވެ.