މޯޅްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމާނާ ފައިސާ ހޯދަން އޭނާއާ ދެކޮޅަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސިވިލް ކޯޓުގައި ދައުވާާކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހެދި އެ އިއުތިރާފު އެއްބަސްވުމުގެ ދަށުން އަދީބު 20 އަހަރަށް ޖަލަށްލައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމާނާކޮށްފައެވެ. އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަދީބުގެ މައްޗަށް ހުކުމް ކުރި ނަމަވެސް އޭނާ އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް "ވަން" އަށް މިރޭ ވިދާޅުވީ، އަދީބުގެ އަތުން ދެ މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މިހާރު ހިނގަމުންދާ ކަމަށެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ތަހުގީގަށް އޭނާ ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު ތަންފީޒުކުރަން ޖެހެނީ 19 އަހަރުގެ ޖަލު އަދަބެކެވެ. ޖަލުގައި އަދަބު ތަންޒީފު ކުރައްވަމުން ގެންދަވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފައެވެ.

އޭނާ ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ހާލަތުގެ ސަބަބުން ޖަލުގައި އަދަބު ތަންފީޒު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބަޔާންކޮށްފައިވާ މެޑިކަލް ރިޕޯޓުތަކެއް ހުށަހެޅުމުންނެވެ.