ބަޔާން މިއުނިކް ކޯޗަކަށް ކުރިން ހުރި ޖޫލިއަން ނާގެލްސްމަން ހޯދަން ޓޮޓެންހަމްއިން މަސައްކަތް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ނާގެލްސްމަން ބަޔާން ކޯޗުކަމުން ވަކިކޮށްފައި ވަނީ މިދިޔަ މާޗު މަހުގައެވެ. ޓޮޓެންހަމްއިން އެންޓޯނިއޯ ކޮންޓޭ މަގާމުން ދުރު ކުރިފަހުން އަދި މިހާތަނަށް ދާއިމީ ކޯޗެއް ކްލަބަށް ގެންގޮސްފައި ނުވާ އިރު، ދާއިމީ ކޯޗުގެ މަގާމަށް ނާގެލްސްމަން ގެންދަން މަސައްކަތްތަކެއް ކުރި ކަމަށް މީގެ ކުރިން ވަނީ އަޑުތަކެއް ފެތުރިފައެވެ.

އެހެން ނަމަވެސް، ބީބީސީ ސްޕޯޓްސްއިން ބުނީ ނާގެލްސްމަން ހޯދަން ޓޮޓެންހަމްއިން މިހާރު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ޓޮޓެހަމްއިން މިހާރު މަސައްކަތް ކުރަނީ އިތުރު ދެ ކޯޗަކާ މަޝްވަރާތައް ކުރުމަށް ކަމަށެވެ. އޭގެ ތެރޭގައި ބްރައިޓަންއާ އެކު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ރޮބާޓޯ ޑެ ޒާބީ އާއި ބާންލީއާ އެކު ދެވަނަ ޑިވިޝަން ހޯދި މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ހިމެނޭ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ނާގެލްސްމަން ބަޔާންއިން ވަކި ކުރުމަށްފަހު އެ ކްލަބުގެ ކޯޗުކަން ހަވާލުކުރީ ކުރިން ޗެލްސީގެ ކޯޗުކަމުގައި ހުރި ތޯމަސް ޓުޗެލްއެވެ.

ނާގެލްސްމަން އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުންމީދީ އެއް ކޯޗެވެ. އުމުރުން އެންމެ 28 އަހަރުގައި ނާގެލްސްމަން، ހޮފެންހެއިމްއާ ހަވާލުވެ، އެ ކްލަބާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރިއެވެ. އަދި އޭގެ ފަހުން އާރްބީ ލެޕިޒިގާ އެކު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރު ކުރި ނާގެލްސްމަން، ބަޔާންގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެފައިވެއެވެ.

އޭގެ ތެރޭގައި ބަޔާންއާއެކު ލީގު ތަށި ހޯދުން ހިމެނެއެވެ.

ނާގެލްސްމަން ގެންދަން ދާދިފަހުން ޗެލްސީން މަސައްކަތްތަކެއް ކުރި ނަމަވެސް، ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީން މިހާރު ދަނީ ކުރިން ޓޮޓެންހަމްގެ އިތުރުން ޕީއެސްޖީގެ ކޯޗަކަށް ހުރި މައުރީޝިއޯ ޕޮޗެޓީނޯ ގެންދަން ފަހުގެ މަޝްވަރާތައް ކުރަމުންނެވެ.