ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ބައެއް މެމްބަރުން، އެ ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
އެމްއާރްއެމްއިން އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަޒްމީލް އަބްދުއްސަމަދާއި މޯލްޑިވްސް ގޭސްގެ އެމްޑީ އަދި އެޕާޓީގެ ނައިބު ރައީސް ޝަޒާއިލް ޝިއާމު ހިމެނެއެވެ.
އެ ބޭފުޅުން އެމްއާރްއެމުން ވަކިވެވަޑައިގެންފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވައި، ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
- ޝަޒައިލް ޝިޔާމް – ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ އެމްޑީ
- މުހައްމަދު ރާއިދު – އެކްސްކޯ މެމްބަރު އަދި އެމްއައިޓީޑީސީގެ އެމްޑީ
- ތަޒްމީލް އަބްދުލް ސަމަދު – އެމްޓީޑީސީގެ އެމްޑީ
- އިބްރާހީމް ފަރުހަދު – ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު
- އިސްމާއިލް ނާއިލް ނަޝީދު – ސްޕޯކްސް ޕާސަން އަދި ހެރިޓޭޖް މިނިސްޓަރީގެ ޑައިރެކްޓާ ކޮމިނިއުކޭޝަންސް
- މުހައްމަދު ފައިސަލް – އަބޫދާބީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
- އަބްދުލް ހަމީދު އަހުމަދު – ފިޝަރީޒް މިނިސްޓަރީގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރު
''ވަން'' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާނެ ބޭފުޅުންގެ ތެރޭގައި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅެއްކަމަށްވާ، އަދި މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވައިފައެއް ނުވެއެވެ.
އޭގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ހަސަން އާއި ޔުމްނާގެ ހިތްހަމަނުޖެހުންތަކެއް އެމްއާރުއެމް މިހާރު ހިންގާ ގޮތާ މެދު ހުރި ނަމަވެސް ޕާޓީން ވަކިވެވަޑައިގަންނަވަން ނިންމާފައިވާކަން ކަށަވަރެއް ނުވެއެވެ.
އެމްއާރުއެމް ހިންގާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރަށް ތާއީދުކުރައްވާ އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޭފުޅަކު "ވަން" އަށް ވިދާޅުވީ، އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ، ޗާގޮސް މައްސަލައިގައި ވަކި ގޮތަށް ޕާޓީން ނިންމާފައި ވަނިކޮށް، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ސިޔާސީ ޕާޓީތަކާ އެކު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި މުޅި އެކްސްކޯގެ ތާއީދު ނެތި ނައިބު ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަތުމެވެ.
އެމްއާރްއެމްއަކީ މިހާރުވެސް ސަރުކާރު ހިމެނޭ ކޯލިޝަންގެ ބައިވެރިއެކެވެ. އެ ޕާޓީގެ ސްލޮޓުގައި ދެ މިނިސްޓަރެއް މިހާރުވެސް އެބަތިއްބެވިއެވެ. އެމްއާރްއެމްއިން 2023 ވަނަ އަހަރު ސަރުކާރު ކޯލިޝަނާ އެކު ކުރިއަށް ދިޔުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.
އެ ޕާޓީން ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ވާދަކުރައްވާނެ ކަމަށް އަޑުތަކެއް ފެތުރިފައިވި ނަމަވެސް، އެކަން އަދި އެޕާޓީން ނިންމައިފައެއް ނުވެއެވެ. ނަމަވެސް އެ ދެ ޕާޓީން ވަނީ ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ކޯލިޝަން ގާނޫނެއް ހެދުމަށާއި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދެމެހެއްޓުމަށް އެމްއާރްއެމުން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އެކަންކަމާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.
އެމްއާރްއެމުން ބުނެފައިވަނީ އެ ޕާޓިން ކުރިއަށްދާނީ ގައުމާއި ދީނީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރާނެ ބަޔަކާ އެކުގައި ކަމަށާއި އެމްއާރްއެމްއަށް ގަބޫލު ކުރެވޭފަދަ އެ ސިޔާސަތެއް ޕާޓީތަކެއްގައި ނެތްނަމަ އިންތިހާބުގައި ވާދަކުރާނީ ވަކިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު