Close
އިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑްގެ ތާރީހީ ރެކޯޑާއެކު ސިޓީ އަނެއްކާވެސް އެއްވަނައަށް، ލިވަޕޫލަށް ހިތްވަރެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ވެސްޓް ހަމް ޔުނައިޓެޑް ބަލިކުރި އިރު، ފުލަމް ކައިރިން ހޯދި ހަނި މޮޅާއެކު ލިވަޕޫލުން ގަދަ ހަތަރަކަށް އުންމީދު ދަމަހައްޓައިފިއެވެ.

ސިޓީން އަމިއްލަ ދަނޑުގައި ރޭ ވެސްޓް ހަމް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި ފުލަމް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ސިޓީން ރޭ ހޯދި މޮޅާއެކު އެޓީމުން އަލުން ތާވަލުގެ އެއްވަނައަށް އަރާފައި ވަނީ 33 މެޗުން ހޯދި 79 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލް ސިޓީއަށްވުރެ މެޗެއް އިތުރަށް ކުޅެފައިވާ އިރު، އެޓީމަށް 34 މެޗުން ލިބިފައި ވަނީ 78 ޕޮއިންޓެވެ. ނިއުކާސަލް ތާވަލުގެ ތިންވަނައިގައި 33 މެޗުން 65 ޕޮއިންޓާއެކު އޮތް އިރު، މެންޗެސްޓާ ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ 32 މެޗުން 63 ޕޮއިންޓާއެކުގައެވެ.

ގަދަ ހަތަރެއްގެ އުންމީދުގައި އަދިވެސް އޮތް ލިވަޕޫލުން 34 މެޗުން 59 ޕޮއިންޓް ހޯދާފައި އޮތް އިރު، އެޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ. އެޓީމުން ލީގުގައި އެންމެފަހުން ކުޅުނު ފަސް މެޗުންވެސް ވަނީ މޮޅުވެފައެވެ.

ސިޓީން ރޭ ކުޅުނު މެޗުގައި ޖެހި ތިން ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލު، 50 ވަނަ މިނެޓުގައި ޖެހީ ނަތަން އަކޭ އެވެ. އަކޭ ސިޓީއަށް ޖެހި ފުރަތަމަ ގޯލު ރޭ ޖަހައިދިނީ ރިޔާދު މަހަރޭޒްގެ ހިލޭ ޖެހުމަކަށް ކުރިއަށް އަރައި ބޮލުންނެވެ.

ދެން ސިޓީން ޖެހި ގޯލު ޖެހީ އާލިން ހާލަންޑެވެ. ހާލަންޑަށް އެ ގޯލަކީ ހާއްސަ ގޯލެކެވެ. މި ސީޒަނުގައި ޕްރިމިއާ ލީގަށް އައިސް މިހާތަނަށް ކުޅުނު މެޗުތަކުގައި 35 ގޯލު ހަމަކޮށްފައިވާ އިރު، މިރޭ ޖެހި ގޯލާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހީ ރެކޯޑެއް މުގުރާލައިފައެވެ. ހާލަންޑަކީ މިހާތަނަށް ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ހާލަންޑް ލީގުގައި 35 ގޯލު ހަމަކުރީ 31 މެޗުންނެވެ.

ކުރިން އެ ރެކޯޑު އޮތީ އެލެން ޝިއެރާއާއި އެންޑްރޫ ކޯލް އަތުގައެވެ. އެ ދެކުޅުންތެރިން ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި 34 ގޯލު ޖަހައިފައި އޮތީ 42 މެޗުގެ ސީޒަންތަކުގައެވެ. ހާލަންޑް 38 މެޗުގެ ސީޒަނެއްގައި ރެކޯޑު މުގުރާލި އިރު، މިހާތަނަށް ސީޒަނުގައި ސިޓީއަށް ހާލަންޑް ވަނީ 50 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ. ރޭގެ މެޗަށްފަހު ސިޓީގެ ކޯޗުންނާއި ކުޅުންތެރިން ވަނީ ހާލަންޑަށް ހާއްސަ ގާޑް އޮފް އޮނާއެއް ދީފައެވެ.

ސިޓީން ރޭގެ މެޗުގައި ޖެހި ތިންވަނަ ގޯލު، މެޗުގެ ފަހު ކޮޅުގައި ޖަހައިދިނީ ފިލް ފޮޑެންއެވެ.

ސިޓީއަށް މި ސީޒަނުގައި ތިން ތަށި ހޯދުމުގެ ފުރުސަތު އޮތް އިރު، އެޓީމުން ދެން އެންމެ ބޮޑަށް ފޯކަސް ކުރާނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް ސެމީ ފައިނަލް ދެލެގައެވެ. ސިޓީ އެފްއޭ ކަޕުގެ ފައިނަލުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ހަނި ތަފާތަކުން ފުލަމް ބަލިކޮށްފައިވާ އިރު، މެޗުގެ ހަމައެކަނި ގޯލަކީ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ސަލާހް ޖަހައިދިން ގޯލެކެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު ސަލާހް ވަނީ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން އަށް މެޗުގައި ގޯލު ޖަހައިފައެވެ. މެޗުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކީ އީސާ ޑިއޮޕް އޭރިއާ ތެރެއިން ޑާވިން ނުނިއޭޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ރޭގެ މެޗުގައި އިތުރު ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ލިވަޕޫލަށް ތިން ޕޮއިންޓް ސަލާމަތް ކޮށްދިނުމުގައި އެލިސަން ބެކާ 77 ވަނަ މިނެޓުގައި ކުރި ސޭވް މުހިއްމު ރޯލެއް އަދާކުރިއެވެ. ކާލޮސް ވިނީޝިއަސް ޖެހި ބޯޅަ އެލިސަން މަތަކުރީ އެއް އަތުން ޖައްސައެވެ.

ލިވަޕޫލުން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތުގައި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑާއި ލުއިސް ޑިއާޒް ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.