އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށް އިތުބާރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

ފަބްރީޒިއޯ ބުނެފައި ވަނީ އުމުރުން 35 އަހަރުގެ މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށާއި އެ ނިންމުން މީގެ މަހެއްހާ ދުވަސް ކުރިން ނިންމައި ކްލަބަށްވެސް މިހާރު އަންގާފައިވާ ކަމަށެވެ.

އެގޮތުން މެސީގެ ބައްޕަ މީގެ މަހެއް ކުރިން ޕީއެސްޖީއާ ބައްދަލުކޮށް، މެސީގެ ނިންމުން ހިއްސާކޮށްފައިވާ ކަމަށްވެސް ފަބްރީޒިއޯ ބުނެފައިވެއެވެ. ހަބަރުތައް ބުނާ ގޮތުން މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމާފައި ވަނީ އެ ކްލަބުގެ ޕްރޮޖެކްޓާ މެދު ހިތްހަމަ ނުޖެހިގެންނެވެ.

މެސީ މިވަގުތު ހުރީވެސް ސަސްޕެންޝަނުގައެވެ. މެސީ، ހުއްދަނެތި ސައުދީ އަރަބިއާއަށް ދިޔުމުން ޕީއެސްޖީން އޭނާ ސަސްޕެންޑްކޮށްފައި ވަނީ އިއްޔެއެވެ. ޕީއެސްޖީން އެންމެފަހުން ލީގުގައި ލޮރީއޭންއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު މެސީ ސައުދީއަށް ގޮސްފައި ވަނީ ޕްރޮމޯޝަނަލް ދަތުރެއްގައެވެ. މެސީ، ސައުދީގެ ޓޫރިޒަމް ޕްރޮމޯޝަންގެ މަސައްކަތްތަކެއް މިހާރު ކުރަމުންދާ އިރު، އެ ދަތުރުގެ ބައެއް ފޮޓޯތައް މެސީ ވަނީ ސޯޝަލް މީޑިއާގައިވެސް ހިއްސާ ކޮށްފައެވެ.

މެސީ، ސައުދީއަށް ދިއުމާ ގުޅިގެން އެކަމުގައި އަދަބު ދިނުމަށް ޕީއެސްޖީން އޭނާ ސަސްޕެންޑް ކުރީ ދެ ހަފުތާގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މުސާރަވެސް ނުހިނގާ ގޮތަށެވެ. އެ މުއްދަތުގެ ތެރޭގައި ޓީމާއެކު މެސީއަށް ތަމްރީނުތަކުގައިވެސް ބައިވެރިނުވެވޭނެއެވެ. އަދި މެސީއަށް މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ.

އާޖެންޓީނާއާ އެކު ދާދިފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ، މިހާތަނަށް ޕީއެސްޖީއާ އެކު ކުޅުނު 71 މެޗުގައި 31 ގޯލު ޖަހައި 34 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. މިދިޔަ ސީޒަނުގައި ޕީއެސްޖީއާ އެކު މެސީ ލީގުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާއަށް ޕީއެސްޖީއާ އެކު ނުހޯދި އޮތީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުން މިފަހަރު ވެސް ޕީއެސްޖީ ކެޓުމާއެކު ބައެއް ސަޕޯޓަރުން ވަނީ އެކަމުގެ ނުރުހުމުގައި މެސީއަށްވެސް ފާޑު ކިޔައިފައެވެ.

ޕީއެސްޖީއާ އެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އޭނާ ގެންދަން މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ބާސެލޯނާއިންނެވެ.

މެސީގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރި ބާސާއިން، މެސީ ގެންދަން ތަފާތު މަސައްކަތްތަކެއް ކުރަމުންދާ އިރު، އެ ކްލަބަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ހާލަތެވެ. މެސީ ގެންދާ ކަމަށްވާނަމަ، ބާސާގެ މުސާރަތައް ވަރަށް ބޮޑުތަނުން ކުޑަ ކުރަން ޖެހެއެވެ.

ބާސާއަކީ މެސީ ދެން ދާން އޮތް އެއް ކްލަބުކަމަށް ބެލެވޭ އިރު، އިތުރު ގޮތްތަކަކަށް އޭނާ ވިސްނާނެ ކަމަށްވެސް ބެލެވެއެވެ. އެހެންނަމަވެސް މެސީގެ ޓްރާންސްފާއާ ގުޅޭ އިތުރު ޔަގީން މައުލޫމާތެއް އަދި މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.