އުމުރުން 35 އަހަރުގެ އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީއަކީ ބާސާގެ އެންމެ ޝަރަފުވެރި ލެޖެންޑެކެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ، ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 778 މެޗު ކުޅެ، 672 ގޯލު ޖަހައިފައެވެ. 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
މެސީ ހިތުގައި ލޯބި ޖެހިފައި އޮތް ބާސާއިން ދުރަށް ދިޔައީ މަޖުބޫރީ ހާލަތެއްގައި ކަމަށް ބުނެވިދާނެއެވެ. ބާސާގެ ފައިސާގެ ހާލަތު އޮތް ގޮތުން ރައީސް ޖޮއާން ލަޕޯޓާއަށްވެސް މެސީ ދޫކޮށްލަން މަޖުބޫރުވީއެވެ. އެހިސާބުން ފެށިގެންވެސް، މެސީ އަލުން އެ ކްލަބަށް ގެންދަން ދެކޭ ހުވަފެނެއް އެބައޮތެވެ. އަބަދުހެން އެވާހަކަ ބާސާ ސަޕޯޓަރުންގެ މެދުގައިވެސް ދަނީ ދެކެވެމުންނެވެ. ގަތަރުގެ ވެރިން ހިންގަމުންދާ ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އަނެއްކާވެސް މެސީގެ ޓްރާންސްފާއެއްގެ އަޑު ވަނީ ގަދަވެފައެވެ.
ޕީއެސްޖީން މަސައްކަތް ކުރަމުންދަނީ މެސީއާއެކު އާ އެއްބަސްވުމަކަށް ދާށެވެ. ހަބަރުތައް ބުނާ ގޮތުން މެސީ މަޑުކުރަމުން ދަނީ ބާސާއާއެކު ވާހަކަތަކެއް ދެކެވޭތީއެވެ. މެސީގެ ޓްރާންސްފާގެ މައުލޫއަށް ގާތުން ބަލާލައި އިތުބާރު ނޫސްވެރިޔާ، ގުއިލެމް ބްލާގު ވަނީ ތަފުސީލުތަކެއް ބީބީސީގައި ހާމަކޮށްފައެވެ. އެ ތަފްސީލުތަކުގައި މެސީގެ ކުރިމަގު ބައްޓަން ވާނެ ގޮތަކާމެދު އޭނާ ނަޒަރު ހިންގާލާފައިވެއެވެ.
މެސީގެ ޕީއެސްޖީ އެއްބަސްވުން މި ސީޒަނަށް ހަމަވާ އިރު، އެއީ މެސީ އަނބުރާ ބާސާއަށް ގެންދަން ލިބޭނެ އެންމެ ފަހި ފުރުސަތުވެސް މެއެވެ. މެސީ ބާސާއަށް ގެންދަން ކްލަބުން ޔަގީނުންވެސް ބޭނުންވެއެވެ. އެއީ އިގުތިސާދީ ހާލަތު ރަނގަޅުކުރަންވެސް ބާސާއަށް އޮތް އެންމެ ފަސޭހަ މަގެވެ. މެސީއާއެކު ބާސާގެ ސްޕޮންސާޝިޕް އިތުރު ކުރުމަށް ބާސާއިން ވިސްނަމުންދާ އިރު، ހަގީގާތުގައި އެ ހުވަފެން އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު އުފެދެއެވެ.
ބާސާގެ މުސާރަތަކަށް މިހާރު ހިނގަމުންދާ ފައިސާގެ އަދަދު 531 މިލިއަން ޕައުންޑަށް އަރައެވެ. މެސީ ގެންދަން ބޭނުންވާނަމަ، ބާސާއަށް އެ އަދަދު ބޮޑުތަނުން ކުޑަކުރަން މަޖުބޫރެވެ. މިހާރުގެ މުސާރަތައް، ޖުމުލަ އެކު ގާތްގަނޑަކަށް 177 މިލިއަން ޕައުންޑުން ކުޑަ ކުރަން ޖެހެއެވެ. އެކަން ކުރުމަކީ މެސީ ގެންދަން ބާސާއަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އެހެން ނޫންނަމަ ބާސާއިން މެސީ ގެންދަން ދެކެމުންދާ ހުވަފެން "ހަނދާން ނައްތާލަން" ޖެހޭ ކަމަށް ސްޕެއިންގެ ނޫސްވެރިޔާ ގުއިލެމް ބުނެފައިވެއެވެ.
އޭގެ އިތުރުން މުސާރަތައް ރީ ސްޓްރަކްޗާ ނުކޮށް، ބާސާއަށް ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރެވެންވެސް ނެތެވެ. މިހާރުވެސް ބާސާއަށް ވަނީ ގަވީ، ރޮނާލްޑް އަރައޫހޯގެ އިތުރުން މާކޮސް އެލޯންސޯއާއި ސާޖިއޯ ރޮބާޓޯގެ އެއްބަސްވުން އާކުރަން ޖެހިފައެވެ. އެކަންކަން ކުރަންވެސް ބާސާއިން ލަލީގާއާ ސުލްހަވެ، އެއްބާރުލުމަށްވެސް އެދެން އެބަޖެހެއެވެ. ބާސާއަށް މިހާރު އާކުރަން ޖެހިފައިވާ އެއްބަސްވުންތަކަށް ހަދާނެ ގޮތުގެ "ވައިބްލިޓީ" ޕްލޭނެއް އެކުލަވާލައި ލަލީގާއަށް ހުށަހަޅަންވެސް ޖެހެއެވެ.
އެ ޕްލޭނުގައި ކުޅުންތެރިންގެ މުސާރަ ކުޑަކުރާ ގޮތާއި، ކުޅުންތެރިން ވިއްކަން ތައްޔާރުވެފައިވާ ގޮތާއި، އަލަށް ގެންނަ ކުޅުންތެރިންގެ މުސާރަތައް އެކުލަވާލާނެ ގޮތްވެސް ހިމަނަން މަޖުބޫރުވާނެ ކަމަށް ގުއިލެމް ބުނެފައިވެއެވެ.
އެއީ މެސީ ގެންދާނަމަ ބާސާއަށް ކުރަން ޖެހޭ ފުރަތަމަ ކަންތަކެވެ. އެއީ ކަޑައްތުކުރަން ޖެހޭ ފުރަތަމަ މަރުހަލާއެވެ. ދެން އޮތީ އާ ސްޓޭޑިއަމަކަށް ބާސާއިން ތައްޔާރުވާ ތައްޔާރުވުމެވެ. ބާސާއިން އަންނަ ސީޒަނުގެ ފުރަތަމަ މެޗުތައް ކުޅޭނެކަމަށް ބެލެވެނީ ކުރީގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އެއީ މޮންޖުކްގެ ސްޓޭޑިއަމެކެވެ. އަންނަ އަހަރު ނޮވެމްބަރު މަހާ ހަމައަށް ބާސާއިން ހޯމް މެޗުތައް އެ ސްޓޭޑިއަމްގައި ކުޅުމަށް މަޝްވަރާކޮށްފައި ވަނީ ކޭމްޕް ނޯއަށް ބަދަލުތަކެއް ގެނެސް ތަރައްގީ ކުރުމަށެވެ. އެ ސްޓޭޑިއަމްގައި ހޯމް މެޗުތައް ކުޅޭނަމަ، ބާސާއަށް ގާތްގަނޑަކަށް 49 މިލިއަން ޓިކެޓް ފައިސާއިން އުނިވާނެއެވެ.
ސްޓޭޑިއަމް އެޅުމަށް އެކިއެކި ގޮތްގޮތުން ފަންޑުކޮށް ބާސާއިން 1.24 ބިލިއަން ޕައުންޑް އެއްކޮށްފައިވާ އިރު، އެ ކްލަބުގެ ދަރަނި އަދިވެސް އޮތީ ގާތްގަނޑަކަށް 1.15 ބިލިއަން ޕައުންޑުގައެވެ. އެހެންކަމުން ސްޓޭޑިއަމް ހަރަދާއެކު ބާސާ އިތުރަށް ދަރަނިވެރިވާނެއެވެ. މިހާރުވެސް ބާސާގެ ކޮންޓްރޯލް އެންމެ ބޮޑަށް ކުރަމުންދަނީ އިންވެސްޓްމަންޓް ބޭންކިން ކުންފުންޏެއް ކަމަށްވާ ގޯލްޑްމޭން ސަޗްސްއިންނެވެ. އެކިއެކި ކަންކަމުގައި ބާސާގެ ދަރަނިތައް ދައްކައިދީ، ކްލަބަށް އިންވެސްޓްމަންޓް ފަންޑުތައް ދޫކޮށް، އެ ކުންފުނީން މިހާރު ބާސާގެ ބޯޑަށް ބަސްބުނުމަށްވެސް ބޭނުންވެއެވެ. އެހެންކަމުން އެކަންކަމުން އަވަހަށް އަރައިގަތުމަށް، މެސީ އަނބުރާ ގެންދިޔުމަކީ ކްލަބުގެ ދަރަނި އަވަހަށް އަދާކުރުމަށްވެސް ބޯޑުން އެންމެ ބޭނުންވާ ގޮތެވެ.
އެއީ މެސީ ކްލަބާ ގުޅިއްޖެނަމަ، މީޑިއާގައި ބާސާގެ ޕްރޮމޯޝަން ބޮޑުވެ، ކުންފުނިތަކުން ޝަރުތެއް ނެތި ބާސާއަށް އިންވެސްޓްކުރާ ނިސްބަތް އިތުރު ވާނެތީއެވެ.
ގުއިލެމް ބުނެފައިވާ ގޮތުގައި، ފުރަތަމަވެސް ބާސާއިން ކުރަން ޖެހޭ ކަމަކީ ރައީސް ލަޕޯޓާގެ ފަރާތުން މެސީއަށް މައާފަށް އެދި ސިޓީއެއް ފޮނުވުމެވެ. އެ ސިޓީގައި މެސީ ކްލަބުން ދާން ޖެހުނު ސަބަބު މެދުވެރިވުމުގެ ޒިންމާ ނަގަން ޖެހޭ ހުރިހާ އެންމެންގެ ފަރާތުން މެސީއަށް މައާފަށް އެދޭކަމަށް ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށްވެސް ގުއިލެމް ބުންޏެވެ.
އެގޮތަށް އެކަން ވާން ޖެހޭ ސަބަބު ބަޔާންކޮށް ގުއިލެމް ބުނީ، މެސީ ބާސާއިން ދިޔަފަހުން ގުޅުން ރަނގަޅު ކުރަން ބާސާގެ ރައީސް ލަޕޯޓާއާއި މެސީގެ ބައްޕަ ޖޯޖު ބައްދަލުކުރި ނަމަވެސް، އަދި އޭގެ ފަހުން ބާސާގެ ރައީސާ ސީދާ މެސީއާ ދިމާވެފައި ނުވާ ކަމަށެވެ. އެހެންކަމުން ވާހަކަތައް އަދި މިހާރަށްވުރެ ހަރުދަނާކޮށް މެސީއަށް ދުރު ރާސްތާ ޕްލޭން ދައްކަން ޖެހޭ ކަމަށްވެސް ގުއިލެމް ބުނެފައިވެއެވެ.
ގުއިލެމް ފާހަގަކޮށްފައި ވަނީ ބާސާއިން މެސީ ގެންދަން ބޭނުންވާ އިތުރު ސަބަބުތަކުގެ ތެރޭގައި މެސީ ބޭނުންކޮށް، ކްލަބުގެ 125 ވަނަ އަހަރީ ދުވަސް، އާ ނޯ ކޭމްޕްގައި ބާއްވަން ހަދާފައިވާ ޕްލޭންތައްވެސް ހިމެނޭ ކަމަށެވެ. އަދި މެސީއަށް ދޭނެ މުސާރައެއްގެ ގޮތުގައި ސީޒަނެއްގެ މައްޗަށް 22.1 މިލިއަން ބާސާއިން ކަނޑައަޅާފައިވާ އިރު، އެއީ މެސީއަށް ކުރިން ބާސާއިން ދިން މުސާރައިގެ ހަތަރު ބައިކުޅަ އެއްބައެވެ. އެއީ ބާސާއަށް މިހާރު މެސީއަށް ދެވެން އޮތް އެންމެ ބޮޑު މުސާރައެވެ.
އޭގެ އިތުރުން ބާސާއިން މަސައްކަތް ކުރާ ކަންތައްތަކުގެ ތެރޭގައި ސްޓޭޑިއަމް ރިނޮވޭޝަނުގެ ތެރެއިން އެކަޑެމީ ކުދިން ދިރިއުޅޭ އިމާރާތް، ލަ މަސިއާ މެސީގެ ދާރުލްއާސާރަކަށް ހެދުން ހިމެނެއެވެ. އެ ދާރުލް އާސާރުން އެއްކުރެވޭ ފައިސާއަކީ މެސީ އަނބުރާ ކްލަބަށް ގެންނަން ފަންޑު ހޯދައިދޭނެ ވަސީލަތަކަށް ހެދުން އެއީވެސް ބާސާގެ ރަސްމީ ޕްލޭނެކެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ ލާލީގާއިން ބާސާއަށް އިތުރު ފައިނޭންޝިއަލް އެހީތެރިކަމެއް، ފައިނޭންޝިއަލް ލެވާއެއް ދެން ނުދޭނެ ކަމަށް ބުނެފައިވާތީއެވެ. އަދި ކްލަބުގެ ބައެއް ވިއްކުމަށްވެސް ހުއްދައެއް ނުދޭނެތީއެވެ.
ބާސާއިން ދެކެމުންދާ މެސީގެ ހުވަފެންތަކަށް ހުރަސްތަކެއް އެބައޮތެވެ. އެހެން ނަމަވެސް މިހާރު ކްލަބު އޮތް ހާލަތުން މެސީ ގެންދިޔުމަކީވެސް "ކޮންމެހެން މުހިއްމު" ކަމެކެވެ. ބާސާއިން އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ގޮތްތަކަކަށް އެހެން ހުރިހާ ކްލަބަކުންވެސް ފާރައަށް ތިބި އިރު، ލަލީގާ ރައީސް ހަވިއޭ ޓެބާސް ވިދާޅުވަނީ އޭނާއަކީ މެސީގެ ސަޕޯޓަރެއް ނަމަވެސް، ބާސާއިން މެސީ އަނބުރާ ގެންނަން ހާއްސަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި ބާސާއަށް މެސީ ގެންގޮސްދޭން ލަލީގާއިން އުސޫލެއް ބަދަލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެސްޖީއަށް ކުޅެމުންދާ މެސީ، އެ ކްލަބަށް ބަދަލުވިފަހުން ދެފަހަރަކަށް ބާސާއަށް ގޮސް، ބާސާއަށް ކުޅެމުންދާ އެކުވެރިންނާ ބައްދަލުކުރި ކަމަށް މީޑިއާތަކުގައި ވާހަކަ ތިލަވެފައިވާ އިރު، އެންމެފަހުން ދިޔަ ދަތުރުގައި މާ ގިނައިން ލަގެޖް ގެންދިޔުމުންވެސް މެސީ އަނބުރާ ބާސާއަށް ދާން ނިންމާފައިވާ ކަމަށް ބައެއް ރިޕޯޓަރުން ވަނީ ރިޕޯޓު ކޮށްފައެވެ.
އެއީ މެސީގެ ޓްރާންސްފާއަށް ސްޕެއިނާއި ބާސާއިން އިންތިޒާރުކުރަމުންދާލެއް ބޮޑުކަމުން ދެކެވޭ ވާހަކަތަކެއް ކަމަށްވެސް ވެދާނެއެވެ. އަނެއްކޮޅުން ބާސާއިން މެސީ ގެންދަން އެހާ "ޑެސްޕަރޭޓް" ވެގެން އުޅެނީ ކްލަބުގެ އިއްޒަތާއި ގަދަރު އަލުން ހޯދަން ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ހާއްސަކޮށް ދާދިފަހުން ތިލަވި، ރެފްރީއަށް ރިޝްވަތު ދިނުމުގެ މައްސަލައިގެ ވާހަކަތައް އެންމެ އަވަހަށް އޮއްބާލެވޭނެ ގޮތަކީ މެސީ ގެންދިޔުން ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ކޮންމެ "ނަމެއްގައި" ނަމަވެސް މެސީ ބާސާއަށް އަނބުރާ ދިޔުން ތާރީހީ ވާނެއެވެ. އެހެން ނަމަވެސް، އެކަމަށް އަދި އޮތީ އުނދަގޫ މަގެކެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް