ޕްރިޔާ އަދިކާރީގެ އޭވިއޭޝަން ދަތުރު ފެށުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ތިމާވެށީގެ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން، އެތެރޭގެ އުދުހުންތަކުގައި ކެބިން ކްރޫއެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރު، ރައްޓެހިންނާއެކު ހެލިކޮޕްޓަރަކަށް އެރި ދުވަހަކީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލި ދުވަހެވެ. އެ ދުވަހު އޭނާ ކެޕްޓަނާ ކުރި ސުވާލަކީ، ކެބިން ކްރޫއަކަށް ހެލިކޮޕްޓަރު ދުއްވަން ދަސްކުރެވިދާނެތޯ އެވެ. މިއަދު އޭނާއަކީ ނޭޕާލުގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ކެޕްޓަނެވެ.
ފިރިހެނުންގެ ނުފޫޒު ގަދަ މި ދާއިރާއަށް ވަނުމަށް ޕްރިޔާ ފިލިޕީންސުން ތަމްރީނު ހޯދިއެވެ. ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ޝައްކުތަކާ ކުރިމަތިލުމަށްފަހު، 2017 ވަނަ އަހަރު އޭނާ ވަނީ ފުލްޓައިމް ކެޕްޓަނެއްގެ މަގާމު ހާސިލުކޮށްފައެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި، އޭނާ ވަނީ މައުންޓް އެވަރެސްޓް ފަދަ ނުރައްކާތެރި ސަރަހައްދުތަކުގައި 6،200 މީޓަރު މަތިން އުދުހި، އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްފައެވެ. އަދި ފަރުބަދަމަތީގައި އަނިޔާވާ މީހުން ސަލާމަތްކުރުމުގައި އޭނާ ވަނީ ހާއްސަ ހުނަރުތަކެއް ހޯދާފައެވެ.
ޕްރިޔާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީ ފެނިގެން ދިޔައީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަހުކޮޅު ނޭޕާލާއި ޓިބެޓް ގުޅޭ ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހާދިސާގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެއްލިފައިވާއިރު، އެއްގަމު މަގުތައް ވަނީ މުޅިން ހަލާކުވެފައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި ޕްރިޔާ ވަނީ އެންމެ ހަ ދުވަހުގެ ތެރޭގައި 100 އެއްހާ ރެސްކިއު މިޝަން ފުރިހަމަކޮށް، އެތައް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
މި ބުރަ މަސައްކަތާ ގުޅޭގޮތުން ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ޕްރިޔާ ބުނި ގޮތުގައި، މެދުކެނޑުމެއްނެތި ކުރި ދަތުރުތަކުގެ ސަބަބުން އެންމެން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ނަމަވެސް އެފަދަ ހާލަތްތަކަށް އެ މީހުން ތިބީ ތަމްރީނުވެގެން ކަމަށް އޭނާ ފާހަގަކުރިއެވެ.
ޕްރިޔާގެ މި ދަތުރަކީ ހަމައެކަނި އޭވިއޭޝަން ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެނުންނަށް އޮތް ނަމޫނާއެއް ނޫނެވެ؛ އެއީ އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހަދައި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ނަފުސު ގުރުބާންކުރެވިދާނެކަން ސާބިތުކޮށްދޭ ދިރިހުރި މިސާލެކެވެ.
މިންހާ ފާއިޒް ރަޝާދު


ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް
ކޮމެންޓް