މިއީ ދ. މީދޫ މޯނިންގްލޯރީ، ސަފްވާން އަބްދުލް ރަހުމާން 31އ އަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެންމެ ލޯބިވާ ބައްޕަ، އަބްދުލް ރަހުމާން އިސްމާއީލް ހަކުރުބަލީގައި ނިޔާވީ އިއްޔެއެވެ. އެ ބައްޕައަކީ ސަފްވާންގެ މުޅި ދުނިޔެއެވެ. އެ ބައްޕަގެ ފުރާނަ ސަލާމަތްކުރަން ސަފްވާނަށް ވެވެން އޮތް ހުރިހާ ގުރުބާނީއެއް ވިއެވެ. އަމިއްލަ ފުރަމޭގެ 85 ޕަސަންޓު ބައްޕައަށް ހަދިޔާކުރިއެވެ.
އަހަރެން ދުވަހަކު، ސަފްވާން ނުވެސް ދަންނަމެވެ. އެކަމަކު، ފޭސްބުކުން ފެނުނު ޕޯސްޓެއްގައި ބައްޕަގެ ފުރާނަ ސަލާމަތްކުރަން ސަފްވާންގެ ގުރުބާނީގެ ވާހަކަ އޮތުމުން އެކަމަށް ފީނައިލާން ބޭނުންވީއެވެ. އެހެންވެ، ފޭސްބުކުން މެސެޖުކޮށް، މި ރިޕޯޓު ލިޔުމުގެ ހުއްދައަކަށް އެދުނީމެވެ. ބޭނުމަކީ، ސަފްވާންގެ ގުރުބާނީ، މީހުންނަށް އެނގުމެވެ. އެކަމުން ފިލާވަޅު ލިބިގަތުމެވެ. މައިންބަފައިންގެ ގުރުބާނީގެ އަގު ދަރީންނަށް ދުވަހަކުވެސް އަދާ ނުކުރެވޭނެކަަން ހަނދާންކޮށްދިނުމެވެ.
ސަފްވާން ބުނި ގޮތުގައި، އޭނާގެ ބައްޕަ ނިޔާވީ، އިއްޔެގެ ވަގުތެއްގައި، އިންޑިއާގެ ޗެންނާއީގައި ހުންނަ އެމްއައިއޯޓީ އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
ސަފްވާންގެ ބައްޕަ ނިޔާވީ ބަލިކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ހަކުރު ބައްޔާއި، ލިވާ ފެއިލިވުމުން، ޑޮކްޓަރުން ލަފާ ދިނީ، ވީހާވެސް އަވަހަށް ލިވާ ޓްރާންސްޕްލާންޓު ހެދުމަށެވެ. އެކަމަށް ފުރަތަމަ އިސް ނެގީ، ސަފްވާން ބޭބެ އެކެވެ. ނަމަވެސް، ބޭބެގެ ލިވާ ބައްޕައާ ނުގުޅޭ ކަމަށް ޑޮކްޓަރުން ލަފާ ދިނުމުން ދެން އެކަމަށް އިސް ނެގީ، ސަފްވާނެވެ. ސަފްވާނަކީ އޭނާގެ ބައްޕަގެ ތިބި 9 ދަރީންގެ ތެރެއިން ދެވަނަޔަށް އެންމެ ހަގު ދަރިއެވެ.
"ފުރަތަމަ ބޭބެއެއް ދިޔައީ، ލިވާ ދޭން. އެކަމަކު ޑޮކްޓަރުން ބޭބެގެ ލިވާ ރިޖެކްޓު ކުރީ. ދެެން އަހަރެން ބުނީ އަހަރެން ބޭނުމޭ ޓްރައިކުރަން، އެއީ ބައްޕަގެ ބްލަޑް ގްރޫޕަކީ ބީ ޕޮޒިޓިވް ވެފައި އަހަރެންގެ އޯ ޕޮޒިޓިވް ލޭ ހުންނާތީ. ދެން ޑޮކްޓަރުން ބަލާފައި ބުނި ޕޮސިބަލްއޭ، އެކަމުގެ ރިސްކުވެސް ކިޔައިދިން" ސަފްވާން "ވަން" އަށް ކިޔައިދިނެވެ.
ފުރަތަމަ ޑޮކްޓަރުން ނިންމީ ސަފްވާންގެ ފުރަމޭގެ 60 ޕަސަންޓު ނެގުމަށެވެ. އެއީ 50/50 އޮޕަރޭޝަނެއް ނަމަވެސް ބައްޕަގެ ފުރާނަ ސަލާމަތްކުރަން ސަފްވާނަށް އެއީ ލިބުނު ފަހުރެކެވެ. ސަފްވާން ބުނި ގޮތުގައި އެ ނިންމުމަކީ، އޭނާގެ ހަޔާތުގެ އެންމެ ފަޚުރުވެރި ނިންމުމެވެ.
"ބައްޕަގެ ފުރާނަ ސަލާމަތްކުރަން ކޮންމެ ގުރުބާނީއެއްވާންވެސް އަހަރެން ހުރީ ތައްޔާރަށް. އަަހަރެން ބުނިން ބައްޕަގެ ފުރާނަ ސަލާމަތްކުރަން އަހަރެންގެ ފުރާނަ ނުރައްކަލަކަށް ދިޔަސް ފަރުވާލެއް ނެތޭ." ސަފްވާން ބުންޏެވެ.
ސަފްވާންގެ އޮޕަރޭޝަން ކުރީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ. ފުރަތަމަ ފުރަމޭގެ 60 ޕަސަންޓު ނެގުމަށް އޮތް ނަމަވެސް އޮޕަރޭޝަންކުރަން ފެޅުމަށް ފަހު ޑޮކްޓަރުން ވަނީ ފުރަމޭގެ 85 ޕަސަންޓު ނަގަން ނިންމައިފައެވެ. އެހެންވެ، ސަފްވާންގެ ފުރަމޭގެ 85 ޕަސަންޓު ނަގައި ބައްޕައަށް ހަދިޔާކުރިއެވެ.
"އޮޕަރޭޝަނަށް ފަހު، ދަތިތަކާ ކުރިމަތިވޭ. އެކަމަކު ސިއްހީ ބޮޑު ކަމެއް އިރާދަކުރެއްވިއްޔާ ނުވޭ. ޑޮކްޓަރުން ބުނި ލިވާ އެއްކޮށް ފުލީ ގްރޯވާނެއޭ. މިހާރުވެސް 55 ޕަސަންޓު ގްރޯވެއްޖެ" ސަފްވާން ބުންޏެވެ.
ސަފްވާނަކީވެސް ދެ ކުދީންގެ ބައްޕައެކެވެ. އޭނާގެ ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ. ބައްޕަގެ ބަލި ހާލަތުގެ ގޮތުން ވަޒީފާއިން ކެނޑިގެން ބައްޕަ ބެލުމަށް ސަފްވާން ހުންނަތާ އަހަރެއްވީއެވެ.
ސަވްފާންގެ ފުރާނަ ފަދަ ބައްޕަ މި ފަނާކުރަނިވި ދުނިޔެއާ ވަކިވެދިޔައީއެވެ. ނަމަވެސް ދަރިއެއްގެ ވާޖިބު ސަފްވާން ފުރިހަމައަށް އަދާކޮށްފިއެވެ. ފަހުރުވެރިކަމާ އެކުއެވެ.
މިއަދުގެ ޒުވާނުންނަށް އޭނާ، ދޭން ބޭނުންވަނީ އެންމެ މެސެޖެކެވެ. އެއީ ދިރިއުޅުމުގައި ކޮންމެ ހާލަތެއް ދިމާވިޔަސް މައިންބަފައިންގެ ހާލު ހަމަ ކޮންމެ ދުވަހަކުވެސް ބެލުމެވެ. ބައިންފައިންނަށް އަޅާލުމާއި އޯގާތެރިވުމެވެ. އެއް ފަހަރު ފުރުސަތު ގެއްލިއްޖެ ނަމަ ފަހުން އެ ފުރުސަތެއް ނުލިބޭނެ ކަމެވެ. އެހެންކަމުން މިއަދު އެ ވާޖިބު އަދާކުރުމަށެވެ.
އަލީ ޔާމިން
މަސްތުވާތަކެތީގެ މައްސަލަތައް
ކ. ހިންމަފުށި
އައްޑޫ ސިޓީ
ކޮމެންޓް