ފިލްމީ ދުނިޔެއަށް އޭނާއަކީ "ޖިންނި ޖިނާ" އެވެ. ސިޔާސީ މަޝްރަހުގައި ރީކޯ މޫސާގެ ނަމުން މަޝްހޫރުވި ނަމަވެސް، މޫސާ މަނިކަކީ، 1990ގެ ފަހުކޮޅުގައި ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އެއް އެކްޓަރެވެ. އެތައް ފިލްމެއްގެ ލީޑު ރޯލުން ފެނިފައިވާ ރީކޯ މޫސައަކީ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި އެފަދަ ދެވަނައެއް ނެތް އުފެއްދުމެއް ކަމަށްވާ "ފަތިސްހަނދުވަރު"ގެ ލީޑު އެކްޓަރެވެ. މަޝްހޫރު ޑައިރެކްޓަރު، އީސާ ޝަރީފްގެ ފިލްމު "ފަތިސްހަނދުވަރު"ގައި މީގެ 29 އަހަރު ކުރިން 1997 ގައި، މޫސަ ކުޅުނީ "ޖިންނި ޖިނާ"ގެ ރޯލެވެ.
ރީކޯ މޫސަ ފިލްމީ ހަޔާތް ފެށީ ފީޗާ ފިލްމު "އިއްތިފާގް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ 30 އަށް ވުރެ ގިނަ ފިލްމު/ޑްރާމާ ކުޅެފައެެވެ. އޭގެ ތެރޭގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ދެރިޔާ"، "ގިނިހިލަ" "ނާއުންމީދު" ފަދަ ފިލްމުތައް ހިމެނެއެވެ.
މޫސައަށް ވަނީ 1996 ގައި ރިލީސް ކުރި "ހައްގު" ފިލްމުގައި އޭނާ އަދާކުރި ޝާހިދުގެ ރޯލަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑްވެސް ލިބިފައެވެ. އަދި އާފަތިސް އެވޯޑުގައި އަހަރުގެ އެންމެ މޮޅު އެކްޓަރުކަމާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރު ކަމާއި ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ސަޕޯޓިން އެެކްޓަރުކަންވެސް އޭނާ ހޯދައިފައިވެއެވެ.
ފިލްމީ ދާއިރާއިން ނުކުމެ، މޫސަ ދެން ފެނުނީ، ސިޔާސީ ދާއިރާއިންނެވެ. އެގޮތުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި މެންބަރުކަމާއި ޕީޕީއެމްގައި ވެސް މޫސަ ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. ސިޔާސީ ދާއިރާގައި އުޅުއްވަމުން މޫސަ ވަނީ ކާމިޔާބު ވިޔަފާރިވެރިޔަށްވެސް ވެފައެވެ.
މޫސަގެ އެންމެ ފަހު ފެނިލުމަކީ، 2024 ވަނަ އަހަރު ރިލީސް ކުރި ފިލްމު "ލަސްވިޔަސް" އެވެ. އެ ފިލްމުގެ ހާއްސަ ރޯލަކުން މޫސަ ފެނުނެވެ. އެ ފިލްމަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) ޑައިރެކްޓުކުރި ފިލްމެކެވެ.
މޫސާ އެންމެ ފަހުން ލީޑު ރޯލެއް ކުޅެފައިވަނީ ކާމިޔާބު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ "ނާއުންމީދު"ގައި މަރިޔަމް ނިޝާއާއެކު 2001 ވަނަ އަހަރުއެވެ.
އޭގެ ފަހުން، ދެން އަނެއްކާވެސް މި އިވެނީ ރީކޯ މޫސާ އަލުން ލީޑު ރޯލެއް ކުޅޭ ފިލްމެއް ރިލީސްކުރާ ވާހަކައެވެ. "ކީއްވެ؟" ގެ ނަމުގައި ފަތިސްހަނދުވަރުގެވެސް ޑައިރެކްޓަރު އީސާ ޝަރީފް ޑައިރެކްޓު ކުރާ ފިލްމުންނެވެ. މިއީ 25 އަހަރަށް ފަހު ލީޑު ރޯލަކުން މޫސަ ފެނާނެ ފިލްމެވެ. އަދި 22 އަހަރު ފަހުން އީސާ ޝަރީފް އެނބުރި އައިސް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުވެސް މެއެވެ.
"25 އަހަރަށް ފަހު، ފިލްމަކުން މި ފެންނަނީ. މީގެ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. އަޅުގަނޑުގެ ހަޔާތް ފެށުނީއްސުރެ އަޅުގަނޑަކީ، އަސްލު އަޅުގަނޑު މީހުންނަށް އެނގެނީ ފިލްމު ކުޅޭ މީހެއްގެ ގޮތުގައި. އެހެންކަމުން އަނެއްހެން ބުނަންޏާ ސަލާން ޖަހާ ނާށިގަނޑު އެއީ. ދެން އަބަދުވެސް ފިލްމު ކުޅޭހިތްވޭ." މޫސަ ވިދާޅުވިއެވެ.
މޫސައާއެކު، "ކީއްވެ؟" ފިލްމުން މަޝްހޫރު ފިލްމީ ދަރި ޝީލާ ނަޖީބުވެސް ފެންނާނެއެވެ. މި ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.
މި ފިލްމަކީ، ފަހުގެ ތާރީހެއްގައި އޮލިމްޕަހުގައި އެޅުވި ފިލްމުތަކުގެ ތެރެއިން ޓިކެޓު އެންމެ އަގުބޮޑު ފިލްމުވެސް މެއެވެ. އެގޮތުން ވީއައިޕީ ގޯލްޑަން ޓިކެޓު ތައާރަފުކޮށް 400ރ އަށް ވިއްކަން ފަށާފައިވާއިރު ޔަގީނުންވެސް މިއީ"ލެޖެންޑެއް"ގެ އެނބުރި އައުން ބަލައިލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް ލިބޭނެ ފަހި ފުރުސަތެކެވެ.
މޫސައާ އެނބުރި އައުމަކީ، ފިލްމީ ދާއިރާގެ ގިނަ ބަޔަކު އިންތިޒާރުކުރާ ކަމެކެވެ. މޫސަ އެނބުރި ފިލްމީ ދާއިރާއަށް އައީ "ކީއްވެ" ކަން އަންނަ މަހުގެ 25ގައި އެނގޭނެއެވެ.
އަލީ ޔާމިން

މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
ކޮމެންޓް