ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅުވައިގެން، ޓެރަރިޒަމްގެ ދައުވާ ކުރާ އަބްދުﷲ އަލިމަނިކު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ދޫކޮށްލި ސަބަބު ސަރުކާރުން ހާމަނުކުރާތީ އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ މައުލޫމާތު ހޯދަން މަޖިލީހުގެ ރައީސް ނަޝީދަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ފޮނުއްވި ސިޓީގައިވަނީ އަލިމަނިކަކީ ޓެރަރިޒަމްގެ މައްސަލައެއްގައި 15 މެއި 2008 އިން ފެށިގެން 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެއް ނަމަވެސް 10 އޮގަސްޓް 2019 ގައި "މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު"ގެ ދަށުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އަލިމަނިކުގެ ޖަލު ހުކުމް މާފު ކޮށްފައިވަނީ އޭނާގެ އަހުލާގީ ރިޕޯޓާއި ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމަށްފަހު ކަމަށް ބުނި ނަމަވެސް އޭނާގެ އަހުލާގީ ރިޕޯޓު ތައްޔާރު ކޮށްފައި ވަނީ 1 ސެޕްޓެމްބަރު 2021 ގައި ކަމަށާއި އަދި ޑައިރެކްޓާ އޮފް ޕްރިޒަންސްގެ ރިޕޯޓު ތައްޔާރުކޮށްފައި ވަނީ އަހުލާގީ ރިޕޯޓަށް ބަލައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހަސަން ލަތީފުގެ ސިޓީގައި ވިދާޅުވެފައި ވަނީ، އެ މައުލޫމާތު ހޯދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން 17 އޮކްޓޫބަރު 2021ގައާއި 23 މެއި 2022 ގައި ރައީސް އޮފީހުގައި އެދުމުންވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި ރައީސް އޮފީހުގެ ބަހެއް ލިބޭނެ ގޮތް ހައްދަވައި ދިނުމަށް ސިޓީގައިވެއެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 15 މެއި 2008 ގައި އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ޖަލުން ފިލައިފައެވެ.
އޭގެ ފަހުން 18 ޖޫން 2021ގައި ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރިއެވެ. އެ ފަހުން އޭނާ ހައްޔަރުކުރީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ރޭވުމުގެ މޭސްތިރިޔާގެ ތުހުމަތުގައެވެ.
އެ މައްސަލަ ތަހުގީގު ނިންމައި މިހާރު ދަނީ ކޯޓު މަރުހަލާއެވެ. ދައުލަތުން ވަނީ އަލިމަނިކުއާ ދެކޮޅަށް ގިނަ ސިއްރު ހެކިންނާއި ކިތާބީ ހެކި ހުށަހަޅައިފައެވެ. އަލިމަނިކާ ދެކޮޅަށް ހެކިބަސް ދިން ސިއްރު ހެއްކަކު ބުނެފައިވަނީ 2020 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ތިން ފަތުރުވެރިން ޒަހަމްކޮށްލި މައްސަލަ ރޭވީވެސް އަލިމަނިކު ކަމަށެވެ.