ފްރާންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ތާވަލުގެ ފުލުގައި އޮތް އެންޖާސް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-1ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ޕީއެސްޖީގެ ދެ ގޯލުވެސް ޖެހީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. މި މޮޅާއެކު އެ ޓީމުން ވަނީ ރެކޯޑު 11 ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފައެވެ.

މިހާތަނަށް ލީގުގައި ޕީއެސްޖީން ކުޅުނު 32 މެޗުން އެ ޓީމަށް 75 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މާސޭއަށް 31 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ލީގުގައި ދެން ލިޔޯންއާ ދެކޮޅަށް ކުޅެންޖެހޭ ޕީއެސްޖީން މި ވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ބާކީ ހަ މެޗު އޮތްއިރު، ދެ މެޗުން މޮޅުވެގެންވެސް ލީގު ޔަގީންކުރުމުގެ ބޮޑު ފުރުސަތެއް އެބަ އޮތެވެ.

ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައިވެސް ނުރައްކާކޮށް ފެނުނު އެމްބާޕޭއަށް ހުސް ފުރުސަތުތައް ލިބުނެވެ. ފަސްވަނަ މިނެޓުގައި އެމްބާޕޭއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ވޮލީ ކާމިޔާބުނުވި ނަމަވެސް، ޖުލިއަން ބަނެޓްގެ ބޯޅައަކުން ނުވަވަނަ މިނެޓުގައި ޕީއެސްޖީއަށް އޭނާ ލީޑު ނަގައިދިނެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ލިއޮނަލް މެސީ ދިން ބޯޅައިން ލީޑު ފުޅާކޮށްދިނެވެ.

ދެވަނަ ހާފުގައިވެސް ޕީއެސްޖީން ނުރައްކާކޮށް ފެނުނު ނަމަވެސް، އެ ޓީމަށް މެޗުގައި އިތުރު ގޯލެއްޖެހޭ ގޮތެއް ނުވިއެވެ. އެންޖާސްގެ ހަމައެކަނި ގޯލު، މެޗުގެ 87 ވަނަ މިނެޓުގައި ޖަހައިދިނީ ސަދާ ތިއޯބެވެ.