ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ސެވިއްޔާ ކައިރިން ބޮޑު ބައްޔަކާއެކު ކެޓި އިރު، ޖޯސޭ މޮރީނިއޯ ކޯޗުކަން ކޮށްދެމުންދާ އޭއެސް ރޯމާއިންވެސް މުބާރާތުގެ ސެމީ ޔަގީން ކޮށްފިއެވެ.
ޔުނައިޓެޑުން ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ސެވިއްޔާއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފުރަތަމަ ދެ ގޯލު ޖެހީ ޔުނައިޓެޑުން ނަމަވެސް ސެވިއްޔާއިން ފަހަތުން އަރައި އެއްވަރުކުރިއެވެ. ރޭ ސެވިއްޔާ ދަނޑުގައި ޔުނައިޓެޑް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސެވިއްޔާ ސެމީއަށް ދިޔައީ 5-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޔުނައިޓެޑްގެ ޑިފެންސަށް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭވެސް އެޓީމަށް ކުޅެން ޖެހުނީ ރަފޭލް ވަރާންއާއި ލިސާންޑްރޯ މާޓިނޭޒް ނުލައެވެ. ބަދަލުގައި ކެޕްޓަން ހެރީ މެގުއާ ފުރަތަމަ 11 އަށް ކޯޗު ޓެން ހާގު ނެރެފައިވާ އިރު، ރޭވެސް މެގުއާގެ ފަރާތުން ގޯސްތަކެއް ފެނި ޔުނައިޓެޑް މާޔޫސްވެފައިވެއެވެ.
ޔުނައިޓެޑް ކޮޅަށް ރޭ ސެވިއްޔާއިން ޖެހި ފުރަތަމަ ގޯލު، އަށް ވަނަ މިނެޓުގައި އައް ނަސޭރީ ޖެހި އިރު، އެ ގޯލު ޖެހީ މެގުއާ އަތުން ހެދުނު ގޯހަކުންނެވެ. ދެވަނަ ހާފަށް ޔުނައިޓެޑުން ބަދަލުތަކަކާއެކު ނުކުމެ، މެޗުގެ ނަތީޖާ އަނބުރާލަން މަސައްކަތް ކުރި ނަމަވެސް، ހާފު ފެށިގެން މިނެޓެއްގެ ތެރޭގައި ލޮއިކް ބާޑޭ ވަނީ ސެވިއްޔާއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް، ސެވިއްޔާގެ ތިން ވަނަ ގޯލު ޖެހީ ވެސް އައް ނަސޭރީއެވެ. އެ ގޯލުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހެދި ގޯސް ފާހަގަކޮށްލެވުނެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާގައި ރޭ އެންމެ ފޯރިގަދަކޮށް ފެނިގެން ދިޔައީ ރޯމާއާއި ފޭނޫޑު ވާދަކުރި ދެވަނަ ލެގެވެ. ފުރަތަމަ ލެގު ފޭނޫޑު ދަނޑުގައި އެޓީމުން 1-0 އިން ކާމިޔާބު ކޮށްފައިވަނިކޮށް، މޮރީނިއޯގެ ރޯމާއިން ރޭގެ ދެވަނަ ލެގު އަނބުރާލީ 4-1 އިން މޮޅުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރޯމާގެ ލެއާންޑްރޯ ސްޕިނަޒޯލާ އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، 80 ވަނަ މިނެޓުގައި އީގޯ ޕައިޒާއޯ ފޭނޫޑަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗު އިތުރު ވަގުތަށް ގެންދަން ރޯމާއިން ޖެހި ގޯލު، 89 ވަނަ މިނެޓުގައި ޖެހީ ޕައުލޯ ޑީބާލާއެވެ. އަދި އިތުރު ވަގުތުގައި ރޯމާގެ ގޯލުތައް ޖެހީ ސްޓެފަން އަލް ޝަރާވީއާއި ލެރޮންޒޯ ޕެލެގްރީނީއެވެ.
ރޯމާއާއެކު މޮރީނިއޯ މިދިޔަ އަހަރު ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްފައިވާ އިރު، އެޓީމުން މިފަހަރުގެ ޔޫރޮޕާ ލީގުގެ ސެމީގައި ކުޅެން ޖެހޭނީ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ. ސެވިއްޔާއިން ސެމީގައި ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ.