ޔޫއެފާ ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ކޯޗު، އުނައި އެމެރިކާ އެސްޓަން ވިލާއާއެކުވެސް މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ރޭ ތުރުކީގެ އިސްތާންބޫލްގައި ކުޅުނު ޔޫރޮޕާ ލީގު ފައިނަލުގައި ވިލާއިން ފްރީބާގު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ވިލާއިން ހޯދި ފުރަތަމަ ބޮޑު މުބާރާތުގެ ތަށްޓެވެ. އޭގެ އިތުރުން، 1982 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕަށްފަހު އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ޔޫރަޕްގެ ތައްޓެވެ. ރޭގެ ފައިނަލަށް ވިލާގެ ޒަމާންވީ ސަޕޯޓަރު، އިނގިރޭސިިވިލާތުގެ ޕްރިންސް ވިލިއަމްވެސް ވަނީ މެޗު ބައްލަވައިލައްވަން ވަޑައިގެންފައެވެ.
ފައިނަލް މެޗު ހާއްސަވެފައި އޮތީ ވިލާގެ ކޯޗު އެމެރީ އަށެވެ. މީގެ ކުރީންވެސް ޔޫރޮޕާ ލީގު އެންމެ ގިނައިން ކާމިޔާބުކުރި ކޯޗު އެމެރީ، ރޭގެ ކުރީންވެސް ހަތަރު ތަށި ހޯދާފައިވެއެވެ. އެ ރެކޯޑު އިތުރުވެގެން ދިޔަ އިރު، ވިލާއަކީ އޭނާ ޔޫރޮޕާ ލީގު ކާމިޔާބުކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން ސެވިއްޔާއާއެކު ތިން ފަހަރު، ވިލަރެއާލާއެކު އެއްފަހަރު އޭނާ ވަނީ މުބާރާތް ކާމިޔާބު ކޮށްފައެވެ.
ވިލާއިން ރަނގަޅު ފޯމެއްގައި މެޗު ފަށާފައިވާ އިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، މޯގަން ރޮޖާސް ތަނަވަސްކޮށްދިން ފުރުސަތަކުން ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލެމަންސް ވަނީ ވިލާއަށް ލީޑު ނަގައިދީފައެވެ. އެއީ ހިތްގައިމު ވޮލީއަކުންނެވެ.
ހާފު ނިމުމުގެ ކުރީން ވިލާއިން ދެވަނަ ގޯލެއް ޖަހައި ފައިނަލްގެ ކޮންޓްރޯލްވެސް ހޯދިއެވެ. ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ވިލާގެ ދެވަނަ ގޯލް ޖަހައިދިނީ އާޖެންޓީނާގެ ވިންގަރު އެމިލިއާނޯ ބުއެންޑިއާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ވިލާއިން ވަރުގަދަ ފުރަތަމަ ހާފަކާއެކު ގާތްގަނޑަކަށް ތަށި ޔަގީންކޮށްގެން ދެވަނަ ހާފަށް ނުކުމެ، ލީޑު އިތުރަށް ފުޅާކުރީ 58 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ މެޗުގައި މޮޅަށް ކުޅުނު ރޮޖާސްއެވެ.
މުޙައްމަދު ޝަމްޢޫން
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު