ޔޫއެފާ ޔޫރޮޕާ ލީގާއި ކޮންފަރެންސް ލީގުގެ ފައިނަލުގައި ކުޅޭނެ ޓީމުތައް ރޭ ޔަގީންވެއްޖެއެވެ.

ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާގެ އިތުރުން ޖަރުމަނުގެ ފްރީބާގެވެ. އެ ކާމިޔާބީއަކީ ފްރީބާގަށް ބޮޑު ކާމިޔާބީއެކެވެ. މިފަހަރުގެ ޔޫރޮޕާ ފައިނަލް ވެގެންދާނީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ޔޫރަޕްގެ ފައިނަލަށެވެ.

އެސްޓަން ވިލާއިން 1982 ވަނަ އަހަރު ޔޫރަޕިއަން ކަޕް ކާމިޔާބުކޮށް، ސުޕަ ކަޕްވެސް ހޯދި އިރު، މިފަހަރުގެ ފައިނަލަށް ދަތުރުކުރީ ނޮޓިންހަމް ފޮރެސްޓް ކަޓުވާލުމަށްފަހުއެވެ. އެގްރިގޭޓް 4-1 ގެ ނަތީޖާއަކުން ވިލާ ފައިނަލް ޔަގީންކުރީ ފުރަތަމަ ލެގުގައި 1-0 އިން ބަލިވެފައި އޮވެ، އެ ނަތީޖާ އަނބުރާލައިގެންނެވެ.

ވިލާއިން ރޭ އަމިއްލަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގައި އެޓީމުގެ ލީޑު ނަގައިދިނީ އޮލީ ވޮޓްކިންސްއެވެ. އެއީ ފުރަތަމަ ހާފުގައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އެމިލިއާނޯ ބުއެންޑިއާ ޕެނަލްޓީއެއްގައި ވިލާއަށް ލީޑު ފުޅާކޮށްދިން އިރު، އަނެއް ދެ ގޯލްވެސް ޖެހީ ޖޯން މެގިންނެވެ.

ފްރީބާގު ފައިނަލަށް ދިޔައީ ބްރާގާ ކަޓުވާލުމަށްފަހުއެވެ. އެއީ 4-3 ގެ ނަތީޖާއަކުންނެވެ. ފްރީބާގުންވެސް ފުރަތަމަ ލެގުގައި 2-1 އިން ބަލިވެފައި އޮތް ނަމަވެސް ރޭ ނަތީޖާ އަނބުރާލީ ދެވަނަ ލެގު 3-1 އިން ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ކުރީކޮޅުގައި ބްރާގާގެ މާރިއޯ ޑޯގެލެސްއަށް ރަތެއް ދެއްކުމާއެކު ފްރީބާގަށް އުންމީދު އާވި އިރު، ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ ލޫކަސް ކުބްލާއެވެ. އަދި ހާފު ނިމުމުގެ ކުރިން ޖޯހާން މަންޒާބީ އެގްރިގޭޓުން އެއްވަރުކުރިއެވެ.

ކުބްލާގެ އިތުރު ގޯލެއް ދެވަނަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، މެޗުގައި ބްރާގާގެ ގޯލް ޖެހީ ޕައު ވިކްޓާއެވެ. އެއީ 79 ވަނަ މިނެޓުގައެވެ.

ކޮންފަރެންސް ލީގުގެ ފައިނަލަށް ދިޔަ ކްރިސްޓަލް ޕެލެސްއާއި ރަޔޯ ވަލެކާނޯއަށްވެސް މިއީ ޔޫރަޕްގެ ފައިނަލަކަށް ނުކުންނަން ލިބުނު ފުރަތަމަ ފަހަރެވެ. ޕެލެސްއިން ޝަކްތާ ޑޮނެސްކް ކަޓުވާލި އިރު، އެގްރިގޭޓް ނަތީޖާއަކީ 5-2 އެކެވެ. ރޭ 2-1 އިން ޕެލެސް މޮޅުވީ އިސްމާއިލާ ސާ ޖެހި ގޯލްގެ އިތުރުން ޕެޑްރޯ ހެންރީކޭ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

ޝަކްތާއިން މެޗުގައި ޖެހި ހަމައެކަނި ގޯލް ޖެހީ އެގުއިނާލްޑޯއެވެ.

ވަލެކާނޯއިން ދެ ލެގުވެސް 1-0 އިން ކާމިޔާބުކޮށް، އެގްރިގޭޓް 2-0 ގެ ނަތީޖާއަކުން ސްޓްރަސްބާގް ބަލިކުރި އިރު، ރޭގެ މެޗުގައި ގޯލް ޖެހީ އަލެމާއޯއެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މިމަހުގެ 20 ވަނަ ދުވަހު ތުރުކީގެ އިސްތާންބޫލްގައި އޮންނަ އިރު، ކޮންފަރެންސް ލީގު ފައިނަލް 27 ވަނަ ދުވަހު އޮންނާނީ ޖަރުމަނުގެ ލެއިޕްޒިގްގައެވެ.