އަންނަ މަހު ހަވަނަ ދުވަހު ޔޫރޮޕާ ލީގުގައި އިޒްރޭލްގެ މެކަބީ ޓެލް އަވީވާ ދެކޮޅަށް އެސްޓަން ވިލާއިން ކުޅޭ މެޗަށް، އަވޭ ސަޕޯޓަރުން ނުވައްދަން އެ ކްލަބުން ނިންމައިފިއެވެ.

ބާމިންހަމްގެ ކްލަބެއް ކަމަށްވާ އެސްޓަން ވިލާއިން އެ ނިންމުން ނިންމީ، ބާމިންހަމް ޕޮލިހުންގެ ލަފާ ހޯދުމަށްފަހުއެވެ. ބާމިންހަމް ޕޮލިހުން ބުނީ އިޒްރޭލް ސަޕޯޓަރުން މެޗަށް ވެއްދުމަކީ ސަލާމަތީ ގޮތުން ނުރައްކާތެރި ކަމަކަށްވާނެ ކަމަށާއި، އިޒްރޭލާ ދެކޮޅަށް މުޒާހަރާކުރާ އެތައް ސަތޭކަ ބަޔަކު އެ ސަޕޯޓަރުންނަށް ހުރަސް އަޅާނެ ކަމަށެވެ.

އެ ނިންމުން ވިލާއިން ނިންމުމާއެކު އިނގިރޭސި ސަރުކާރުން ވަނީ އެކަމަށް ފާޑު ކިޔާފައިވައެވެ. އެގައުމުގެ ޕްރައިމް މިނިސްޓަރު ކޭ ސްޓާމާ އެކްސްގައި ވިދާޅުވީ ވިލާގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށާއި، ކޮންމެ ގައުމެއްގެ ފުޓުބޯޅަ ސަޕޯޓަރުންނަށްވެސް މަގުތަކުގެ އަމާންކަން ހޯދައިދެވެން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ޕްރައިމް މިނިސްޓަރު ވިދާޅުވީ ކްލަބާ ގުޅިގެން، ސަޕޯޓަރުންނަށް ބޭނުންވާ ރައްކާތެރިކަން ހޯދައިދިނުމަށް ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ފުލުހުންނަށްވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

ސަރުކާރުން އެ ވާހަކަތައް ދައްކާފައިވީ ނަމަވެސް، ވިލާގެ ނިންމުން ބަދަލުކުރިކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.